ޔަމަނުގައި ހޫތީންގެ ކޮމާންޑް އަދި ކޮންޓްރޯލް ފެސިލިޓީ އަކަށް ހޯމަ ދުވަހު ވައިގެ މަގުން ހަމަލާ ދިން ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފިއެވެ.
"އަމާޒުކުރެވުނު ފެސިލިޓީއަކީ ހޫތީންގެ އޮޕަރޭޝަންތައް ވިލަރެސްކުރާ މަރުކަޒެކެވެ. މީގެ ތެރޭގައި ހިމެނެނީ ދެކުނު ރެޑް ސީ އަދި އަދަން ކަނޑުގައި އެމެރިކާގެ ކަނޑު ސިފައިންގެ ހަނގުރާމަ މަތީ އުޅަނދުފަހަރާއި ވިޔަފާރި އުޅަނދުފަހަރަށް ދެމުންދާ ހަމަލާތައް ވިލަރެސް ކުރުމެވެ،" އެމެރިކާގެ ސިފައިންގެ ސެންޓްރަލް ކޮމާންޑުން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
ޔަމަނުގެ ހޫތީ އިން ހިންގާ ޓެލެވިޜަން ނިއުސް ޗެނެލެއް ކަމަށްވާ އަލް-މަސީރާ ޓީވީން އަންގާރަ ދުވަހުގެ ފަތިހު ބުނެފައިވަނީ އެމެރިކާއިން ދިން ހަމަލާއެއް ޔަމަނުގެ ވެރިރަށް ސަނާގައި ހުރި އަލް-އަރދީ ކޮމްޕްލެކްސް އަށް އަމާޒުކޮށްފައިވާ ކަމަށެވެ. ހަމަލާގައި ލިބުނު ގެއްލުމުގެ މައުލޫމާތު ހާމަ ކޮށްފައެއް ނުވެއެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތުން ޔަމަނަށް ދޭ މިފަދަ ހަމަލާތައް އީރާނުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ހޯމަ ދުވަހު ދިން ބަޔާނެއްގައި، އީރާނުން ބުނެފައިވަނީ އެމެރިކާ އާއި އިނގިރޭސި ވިލާތުން ޔަމަނަށް ހަމަލާ ދެމުން ގެންދަނީ، އިސްރާއީލުން ޣައްޒާ ގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ އަށް މި ދެ ޤައުމުން ދެމުންދާ ހުއްޓުމެއްނެތް އެހީތެރި ކަމެއްގެ ގޮތުގައި ކަމަށެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި ކަމަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ދެ މެންބަރުންގެ ގޮތުގައި ތިބެ އެމެރިކާ އާއި އިނގިރޭސި ވިލާތުން ބައިނަލްއަޤްވާމީ ޤާނޫނާއި އދ. ގެ ޗާޓަރު ހާމަކަން ބޮޑު ގޮތެއްގައި ޚިލާފުވުން ކަމުގައެވެ.
އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ގެ ބަޔާނުގައި އިސްލާމީ ޤައުމުތަކަށް ގޮވާލާފައި، ޔަމަނުގެ އަނިޔާ ލިބެމުންދާ ރައްޔިތުންނަށް އެހީތެރިވުމަށާއި އެމެރިކާ އާއި އިނގިރޭސިވިލާތުގެ ސިފައިންގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމަށެވެ.