ރައްޔިތުންގެ މަޖިލީހުގައި ތިނަދޫ ދެކުނު ދާއިރާ ކުރިން ތަމްސީލުކުރެއްވި މެންބަރު އަބްދުﷲ އަހްމަދު (އަބުޅޯ) އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރައްވަން ނިންމެވި ސަބަބުތައް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ލިބިވަޑައިގެންނެވި އަނިޔާތައް ހަނދާން އައު ކުރައްވަމުން ވިދާޅުވެ ދެއްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރުކަމުގައި ހުންނެވި އަބްދުﷲ އަހުމަދު ވަނީ ރައީސް ޞާލިހަށް ތާއީދުކުރައްވާކަން މީގެކުރިން ހާމަކުރައްވާފައެވެ. ތިނަދޫގައި ބުދަ ދުވަހުގެ ރޭ ކުރިޔަށްދިޔަ ޖަލްސާގައި ވާހަކަފުޅު ފައްޓަވަމުން އޭނާ ވިދާޅުވެދެއްވީ ރައީސް ޞާލިހަށް ތާއީދުކުރައްވަން ނިންމެވި ސަބަބުތަކެވެ.
މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ފަސްގަނޑުގެ މިނިވަންކަމާއި މިފަހުރުވެރި އުފާވެރި އަމާން ރާއްޖޭގައި އުޅޭ އެންމެހާ ދިވެހި ރައްޔިތުންނަކީ މާލީ ގޮތުން، މިނިވަން އަދި އިގްތިޞާދީ، އިޖުތިމާއީ ،ޚާރިޖީ ހަމަޖެހުން ގާއިމުވެފައިވާ ފަހި ދިރިއުޅުމަކަށް މަގުފަހިވެފައިވާ ތައުލީމީ އަދި އުފެއްދުންތެރި ބަޔަކަށް ހަދާ އުމްރާނީ ގޮތުން ތަރައްގީވެ އަސާސީ ޚިދުމަތްތަކުން ތިޔާގި ޒަމާނީ ތަހުޒީބުވެ ތަރުތީބުވެފައިވާ ބަޔަކަށް ދިވެހިން ހަދާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އޮތުމާއެކު އަޅުގަނޑު މިއަދު ރައީސް އެންޑޯޒްކުރީ. އެކަމުގެ ޔަގީންކަން އެބައޮތް.ތިނަދޫ ދެކުނު ދާއިރާ ކުރިން ތަމްސީލުކުރެއްވި މެންބަރު އަބްދުﷲ އަހްމަދު (އަބުޅޯ)
އަބްދުﷲ ވިދާޅުވީ 2018ގެ ކުރިން އަޑުއިވިގެންދިޔައީ އަނިޔާވެރިކަމުގެ ވާހަކަ ކަމަށެވެ. އެކަން ތަޖުރިބާކުރެއްވި އެއް ބޭފުޅެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން އެއަނިޔާތައް ހަނދާން އައު ކުރައްވާ އޭނާ ވިދާޅުވީ އާއިލާ އާ ވަކިން 8 މަސް ދުވަހު ރާއްޖެއިން ބޭރުގައި ހޭދަކުރެއްވިކަމަށާއި އެއީ ހިތްދަތިދުވަސްތަކެއްކަމަށެވެ.
މިއަދުވެސް އެހިތްދަތިކަން އާއިލާއިން ތަހައްމަލުކުރަމުންދާކަމަށް އަބްދުﷲ ވިދާޅުވިއެވެ.
އަޅުގަނޑުގެ ތުއްތު ކުޑަ ދަރިފުޅު، އަޅުގަނޑުގެ އާއިލާ ދޫކޮށްފައި ރާއްޖެއިން ބޭރުގައި 8 މަސްވަންދެން ހޭދަކުރިން. ވަރަށް ހިތްދަތި ދުވަސްތަކެއް. ވަރަށް ހިތްދަތި ދުވަސްތަކެއް. މިއަދު އަޅުގަނޑު މިދަތުރަށް އެރި އިރުގައިވެސް އަޅުގަނޑުގެ 10 އަހަރުގެ އެކުއްޖާ ގިސްލަމުން ރޮމުން އެދިޔައީ އަޅުގަނޑު ގެއްލިދާނެތީ. އެބިރުވެރިކަމުގެ ތެރޭގައި އަޅުގަނޑު ހިތަށް ތަސައްވަރުކުރެވުނީ 2018ގައި އަޅުގަނޑު ހޭދަކުރިގޮތް. އެއުނދަގޫ އަޅުގަނޑަށް އެބައޮތް. އެއުނދަގޫ އަޅުގަނޑު ތަހައްމަލުކުރިން. އަޅުގަނޑުގެ އާއިލާ އެ އުނދަގޫ ތަހައްމަލުކުރި. އެހެންވީމާ އިބްރާހީމް މުހައްމަދު ޞާލިހު ހިޔާރުކުރަންޖެހުނީ. އަނިޔާވެރިކަމާ އިދިކޮޅަށް ނިކުންނަށް އަޅުގަނޑު ބޭނުންވާތީ އިބްރަހީމް މުހައްމަދު ޞާލިހު އިހުތިޔާރުކުރީ. ގަބޫލުފުޅުކުރައްވާ އޭރު ރާއްޖޭގެ ސްޕްރީމް ކޯޓު ފަނޑިޔާރުން ހައްޔަރުކުރި. ވަގަށް ނެގި. 12 މެމްބަރުން ގޮނޑި ގެއްލުވާލި. އަޅުގަނޑުމެން އެއްލާލީ ދޮރާށި މަތިން. އޭރު އަޅުގަނޑަކީ އޭގެ މެމްބަރެއް. ދޮރާށި މަތިން އެއްލާލި.ތިނަދޫ ދެކުނު ދާއިރާ ކުރިން ތަމްސީލުކުރެއްވި މެންބަރު އަބްދުﷲ އަހްމަދު (އަބުޅޯ)
އަބްދުﷲ ވިދާޅުވީ އެދުވަސްތައް އަލުން އިއާދަވާން ނޭދޭނަމަ ރައީސް ޞާލިހަށް ދެވަނަ ބުރުގައި ވޯޓުދޭންޖެހޭކަމަށެވެ. ދެވަނަ ދައުރަކަށް ރައީސް ޞާލިހު ކުރިމަތިލައްވައިގެން ހުންނެވީ އުފާވެރި އަމާން ރާއްޖެއެއް ގެނެސް ޖަޒީރާ ތަރައްގީއެއް ގެނެސްދެއްވުމަށްކަމަށެވެ.