އާދިއްތަ ދުވަހުގެ ވަގުތެއްގައި އުތުރު ތިލަފަޅަށް ބައެއް ނޫސްވެރިން ދިޔައީ ހުއްދަނެތި ކަމަށާއި އެކަމާއި މެދު ފިޔަވަޅު އަޅަން ކަމާއި ބެހޭ ފަރާތްތަކުގައި އެދިފައިވާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފުން މިހެން ބުނެފައި މިވަނީ ރާއްޖޭގެ މީޑިއާ ބަޔަކު އުތުރު ތިލަފަޅަށް ހުއްދަނެތި އަރަން މަސައްކަތް ކޮށް އެކަމާއި ގުޅޭ ގޮތުން ދޮގު ޚަބަރު ފަތުރާފައި ވަނިކޮށެވެ. އެ މީހުން ވަނީ އެ ތަނުގައި އިންޑިއާ މީހުން ތިބި ކަމަށާއި ދިވެހި ސިފައިން ނެތް ކަމަށް ބުނެފައެވެ. އެމްއެންޑީއެފުން ބުނީ "ދިޔަރެސް" ނޫހުގެ ނޫސްވެރިން އާދިއްތަ ދުވަހުގެ ހަވީރު ހުއްދަ ނެތި އުތުރު ތިލަފަޅަށް އަރަން މަސައްކަތް ކުރި ކަމަށެވެ. އެކަން އެމްއެންޑީއެފުން ހުއްޓުވުމުން ކަން ހިނގި ގޮތް އޮޅޭ ގޮތަށް ހަގީގަތާއި ޚިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.
އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ބޭނުމަށް ތަރައްޤީ ކުރާ ސަރަހައްދު ފިޔަވާ ބާކީ ސަރަހައްދު ރެސިޑެންޝަލް އޭރިއާއެއްގެ ގޮތުގައި ކަނޑައެޅުއްވިކަން ސަރުކާރުން ހާމަކުރީ ހޮނިހިރު ދުވަހުއެވެ. އާދިއްތަ ދުވަހު ނޫސްވެރިންގެ ބަޔަކު އެ ތަނަށް އަރަން މަސައްކަތް ކުރީ އެތަނުގައި ހުރި ގޯތި ބަލަން ކަމަށް ބުނެއެވެ. އަދި އެ މަންޒަރުތައް ވީޑިއޯކޮށް ހަގީގަތާއި ޚިލާފަށް ވަނީ ވާހަކަތައް ފަތުރާފައެވެ.
އެމްއެންޑީއެފުން އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ބަނދަރު ބަލަން އެދުނު ނޫސްވެރިންނަށް އެ ފުރުސަތު ދާދިފަހުން ވެސް ރާއްޖޭގެ ދިފާއީ ބާރުން ވަނީ ދީފައެވެ. އެހެންނަމަވެސް އާދިއްތަ ދުވަހު އުސޫލުން ބޭރުން އުތުރު ތިލަފަޅަށް އަރަން މަސައްކަތް ކުރުމަކީ ގަވާއިދާއި ޚިލާފަށް ސިފައިންގެ ވާޖިބާއި މަސްޢޫލިއްޔަތުތަކަށް ހުރަސް އެޅުމަށް ހިންގާފައިވާ އަމަލެއް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ.
އެމްއެންޑީއެފްގެ މަރުކަޒުތަކަކީ ސިފައިންގެ ހުއްދަ ނެތި ވަނުން މަނާ ތަންތަން ކަމަށް ވާއިރު އެފަދަ ތަނަކަށް ވަނުމަށް މަސައްކަތް ކުރުމުން އެކަން ހުއްޓުވުމަކީ ސިފައިންގެ ޤާނޫނާއި ޤަވާއިދުތަކުން ސިފައިންގެ މައްޗަށް ލާޒިމްކަމެކެވެ. އެ މީހުން ހުއްޓުވަން މަސައްކަތް ކުރީ އެ ރަށުގައި ހަރަކާތްތެރިވާ އެމްއެންޑީއެފްގެ ސަރޖެންޓް ފަރސްޓް ކްލާސްގެ ބޭފުޅެއް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އަސްކަރީ މަރުކަޒުތަކަށް ހުއްދަނެތި ވަނުމަކީ އެހެން ގައުމުތަކުގައި ވެސް ސީރިއަސް މައްސަލަ އެއް ކަމަށާއި ހުއްދަނެތި އެފަދަ އަމަލެއް ހިންގުމުން އެ މައްސަލަ ބަލާނެ ކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ނުކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.