ކ. މާލެ
|
22 ސެޕްޓެންބަރ 2023 | ހުކުރު 15:50
މަޑަވެލި ސްކޫލް
މަޑަވެލި ސްކޫލް
މިނިސްޓްރީ އޮފް އެޑިއުކޭޝަން
ހައުސިން އެލަވަންސް
އެލަވަންސް ބޮޑުކުރުމާއެކު ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލަކަށް 45000 ރުފިޔާގެ މުސާރައެއް
50 އާއި 60 ދެމެދުގެ އަދަދަކަށް ރަށުން ބޭރުގައި ޕްރިންސިޕަލުން މަސައްކަތް ކުރޭ

އަމިއްލަ ރަށް ނޫން ރަށްރަށުގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނަށް ދޭ ހައުސިން އެލަވަންސް 7000 ރުފިޔާއަށް ބޮޑުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނިންމަވާފައިވާއިރު އެލަވަންސް ބޮޑުކުރުމާއެކު ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލަކަށް 45000 ރުފިޔާގެ މުސާރައެއް ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވިދާޅުވީ 50 އާއި 60 ދެމެދުގެ އަދަދަކަށް ރަށުން ބޭރުގައި ޕްރިންސިޕަލުން މަސައްކަތް ކުރާ ކަމަށެވެ.

އަހްމަދު އަލީ ވިދާޅުވީ މިހާރު ވެސް ޕްރިންސިޕަލުންނަށް ލިވިންގް އެލަވަންސް މުސާރައިގެ ބައެއްގެ ގޮތުގައި ހިމަނާފައިވާ ކަމަށާއި އެހެންކަމުން މިހާރު ވެސް 38،000 ރުފިޔާގެ މުސާރައެއް ލިބިގެންދާނެ ކަމަށެވެ.

އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ފެށިގެން އަމިއްލަ ރަށް ނޫން ރަށްރަށުގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނަށް 7000 ރުފިޔާގެ ލިވިންގް އެލަވަންސެއް ދޭން ފެށުމާއެކު އެފަދަ ޕްރިންސިޕަލުންނަށް މުސާރައިގެ ގޮތުގައި 45000 ރުފިޔާ ލިބިގެންދާނެ ކަމަށް ވެސް އަހްމަދު އަލީ ވިދާޅުވިއެވެ.

އަމިއްލަ ރަށް ނޫން ރަށްރަށުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް ދޭ ހައުސިން އެލަވަންސް 7000 ރުފިޔާއަށް ބޮޑުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނިންމެވިކަން އިއުލާންކުރެއްވީ ބުރާސްފަތި ދުވަހުގެ ރޭ ހުވަދޫ ޖަގަހައިގައި ބޭއްވެވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިހު ވިދާޅުވީ އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި މަސައްކަތް ކުރައްވާ ޕްރިންސިޕަލުން ގެދޮރު ކުށްޔަށް ހިފަން ޖެހުމުން ކުރަންޖެހޭ ޚަރަދު ބޮޑުވުމުގެ މައްސަލަ އަންނަ ކަމަށެވެ.

އެކަންބޮޑުވުން ތައް ޕްރިންސިޕަލުން ހިއްސާކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ޞާލިހު ވިދާޅުވީ މި މައްސަލަ ހައްލުކޮށްދިނުމަށް އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނަށް ހައުސިން އެލަވަންސްއެއްގެ ގޮތުގައި އިތުރު 7000 ރުފިޔާ ދެއްވަން ނިންމަވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭ ތައުލީމީ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތައް ކުރަމުން ކަމަށެވެ.

- ކޮމެންޓް