މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު މިފްކޯއިން މަސް ގަތް އަދަދާއި މަސް އެކްސްޕޯޓު ކުރި އަދަދު ވެސް އިތުރުވެފައިވާ ކަމަށް މިފްކޯއިން ބުނެފިއެވެ.
އެ ކުންފުނިން މިގޮތަށް ހާމަކުރީ މަސް އެކްސްޕޯޓު ކުރި އަދަދު ރެކޯޑު މިންވަރަކަށް ދަށްވެފައިވާ ކަމަށް ރާއްޖޭގެ ނޫހަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ. އެގޮތުން، އެއީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށާއި އެކްސްޕޯޓު ކުރުމުގެ ތަފާސްހިސާބުތަކަކީ އެއްމަހުން އަނެއް މަހަށް ކުއްލި ބަދަލުތައް އަންނަ އެއްޗަކަށްވާއިރު އެއް މަހުގެ ތަފާސްހިސާބަށް ބިނާކޮށް އޮޅުން އަރާފަދަ ގޮތަށް ސުރުޚީ ޖެހުމަކީ ޒިންމާދާރު ކުޑަކަމެއް ކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯއިން މަސް އެކްސްޕޯޓު ކުރިވަރު ދަށްނުވާކަން ހާމަކުރުމަށް މިދިޔަ އަހަރާ މިއަހަރުގެ ތަފާސްހިސާބުތައް އެ ކުންފުނިން ވަނީ ހިއްސާކޮށްފައެވެ. އެ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް 31،132 މެޓްރިކްޓަނުގެ ގަނޑުކުރި މަސް އެކްސްޕޯޓު ކުރިއިރު މިއަހަރުގެ މި މުއްދަތުގެ ތެރޭގައި 38،249 މެޓްރިކް ޓަނުގެ ގަނޑުކުރި މަސް ވަނީ އެކްސްޕޯޓް ކޮށްފައެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް 141،939 މަސްދަޅު ކޭސް އަދި 980 މެޓްރިކްޓަނުގެ ފިޝް މީލް އެކްސްޕޯޓުކޮށްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި 174،812 މަސްދަޅު ކޭސް އަދި 1،191 މެޓްރިކްޓަނުގެ ފިޝް މީލް ވަނީ އެކްސްޕޯޓް ކޮށްފައެވެ.
އެކްސްޕޯޓު ކުރި މަހުގެ ބާވަތްތަކުގެ އިތުރުން މިފްކޯއިން ވަނީ އެ ކުންފުނިން ގަތް މަހުގެ ތަފްހިސާބުވެސް ހިއްސާކޮށްފައެވެ. އެގޮތުން، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 35،643 މެޓްރިކްޓަނުގެ މަސް އެ ކުންފުނިން ކިރާފައިވާއިރު މިއަހަރުގެ އެއް މުއްދަތުގައި 44،647 މެޓްރިކްޓަނުގެ މަސް ވަނީ ކިރާފައެވެ. އެއީ ފައިސާއިން ބަލާނަމަ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 572،355،325 (ފައްސަތޭކަ ހަތްދިހަ ދެ މިލިއަން ތިންލައްކަ ފަންސާސް ފަސް ހާސް ތިންސަތޭކަ ފަންސަވީސް) ރުފިޔާގެ މަހެވެ. އަދި މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ކިރާފައިވަނީ 740،843،677 (ހަތްސަތޭކަ ސަޅީސް މިލިއަން އަށް ލައްކަ ސާޅިސް ތިން ހާސް ހަސަތޭކަ ހަތްދިހަ ހަތް) ރުފިޔާގެ މަހެވެ.
ސަރުކާރުން މިހާރު ވަނީ މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑު ވެސް ކޮށްފައެވެ. މިއާއެކު މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.