ކ. މާލެ
|
22 ސެޕްޓެންބަރ 2023 | ހުކުރު 06:42
އިންތިޚާބީ މަރުކަޒު (ދަރުބާރުގެ)
އިންތިޚާބީ މަރުކަޒު (ދަރުބާރުގެ)
އަމްނާ އިމާދު
ރިޔާސީ އިންތިޚާބު ދެވަނަ ބުރު
ދެވަނަ ބުރުގައި ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅީ 50،047 ފޯމު، ޞައްހަކަން ކަށަވަރުނުކުރެވި 11،284 ފޯމު
ސައްހަކަން ކަށަވަރު ނުވި ހުށަހެޅުންތަކުގެ ތެރޭގައި ހިމެނެނީ، ފޮޓޯ އިން މީހާ ކަށަވަރު ނުވުމާއި، މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓް ހުށަހެޅުމާއި، ދެ ނިޒާމުން ތަކުރާރުކޮށް ހުށަހެޅުން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓަރީ ކުރަން 50,047 ފޯމު ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލު ހަބީބު ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ރީރަޖިސްޓްރީކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 15ން 17އަށެވެ. އެފުރުސަތުގައި ހުށަހެޅި ފޯމުތައް ރީރަޖިސްޓްރީކުރުމަށްފަހު ޝަކުވާއަށް އީސީން ވަނީ ހުޅުވާލާފައެވެ. އެގޮތުން ހުކުރު އަދި ހޮނިހިރު ދުވަހު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އީސީން ވަނީ ހުޅުވާލާފައެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލު ހަބީބު ވިދާޅުވީ ރީރަޖިސްޓްރީއަށް ހުޅުވާލި ފުރުސަތުގައި އޮންލައިންކޮށް 26،011 ފޯމު ހުށަހެޅިކަމަށެވެ. އަދި ފޯމުގެ ގޮތުގައި 24،036 ފޯމު ހުށަހެޅިކަމަށެވެ.

މީގެތެރެއިން ޞައްހަކަން ކަށަވަރުނުކުރެވި ވަނީ 11،284 ފޯމުވާކަމަށް އީސީން ބުނެއެވެ. އެއީ އޮންލައިންކޮށް ހުށަހެޅި 5109 ފޯމާއި ފޯމުން ހުށަހެޅި 6175 ފޯމެވެ.

އޮންލައިންކޮށް ސައްހަކަން ކަށަވަރު ނުވި ހުށަހެޅުންތަކުގެ ތެރޭގައި ހިމެނެނީ، ފޮޓޯ އިން މީހާ ކަށަވަރު ނުވުމާއި، މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓް ހުށަހެޅުމާއި، ދެ ނިޒާމުން ތަކުރާރުކޮށް ހުށަހެޅުންކަމަށް ހަބީބު ވިދާޅުވިއެވެ. ފޯމުގެ ސައްހަކަން ކަށަވަރު ނުވި ސަބަބުތަކުގެ ތެރޭގައި ހިމެނެނީ، ފިންގަރޕްރިންޓް ނެތުމާއި، ހެކިންގެ މައުލޫމާތު ދިމާ ނުވުމާއި، ގުޅާނެ ފޯނު ނަންބަރެއް ނެތުމާއި، މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓް ހުށަހެޅުމާއި، ދެ ނިޒާމުން ތަކުރާރުކޮށް ފޯމު ހުށަހެޅުމެވެ. ސައްހަކަން ކަށަވަރު ނުވި ހުށަހެޅުންތަކަށްވެސް، ސައްހަކަން ކަށަވަރު ކުރުމަށް ކޮމިޝަނުން ކޮށްދެވެން އޮތް ހުރިހާ ފުރުސަތެއް ފަހިކޮށްދިންކަމަށް ހަބީބު ވިދާޅުވިއެވެ.

- ކޮމެންޓް