ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުންނަށް %35 އެލަވަންސް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހު ނިންމަވައިފިއެވެ.
މި ކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުހައްމަދު ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުގައި %35 އެލަވަންސް ނުލިބި ތިބި ހުރިހާ މުވައްޒަފުންނަށް 1 މޭ 2023 އިން ފެށިގެން އެ އެލަވަންސް ހަމަޖެހިގެން ދިޔައިރ،ު މީގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުން ހިމެނިފައި ނުވާތީ މިކަމުގައި ކައުންސިލްތަކުގެ މުވައްޒަފުންގެ ކަންބޮޑުވުންތައް ހުރި ކަމަށެވެ. އަދި ދައުލަތުގެ ވުޒާރާތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށް މި އެލަވަންސް ދިނުމުން އެ މުވައްޒަފުންނާއި ކައުންސިލްތަކުގެ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައިގެ ފަރަގު ބޮޑުވެފައިވާ ކަމަށެވެ.
އެހެންކަމުން މި އެލަވަންސް ނުލިބުމަކީ ލާމަރުކަޒީގޮތުން ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް އެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމަށްވެފައި ކައުންސިލްތަކުގެ މުވައްޒަފުންނަށްވެސް މި އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސެވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ރައީސް ޤަބޫލުކުރައްވާ ކަމަށް މިއުވާން ވިދާޅުވިއެވެ.
ވުމާއެކު ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނަށް ވެސް 1 އޮކްޓޫބަރު 2023 އިން ފެށިގެން މި %35 އެލަވަންސް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.