ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ބަހައްޓާ ވޯޓުފޮށިތަކުގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ސެޕްޓެމްބަރު 30 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން ގެޒެޓްކޮށްފައެވެ. އީސީން ބުނީ ދެވަނަ ބުރުގައި ވެސް 574 ވޯޓު ފޮށި ބަހައްޓާނެކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު، ރާއްޖެއެމްވީއަށް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުފޮށި ބެހެއްޓި އަދަދަށް ވޯޓުފޮށި ބަހައްޓާނެ ކަމަށެވެ. ނަމަވެސް އާދީއްތަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވުމުން، ވޯޓު ފޮށީގެ މައުލޫމާތަށް ބަދަލުއައުން އެކަށީގެންވާ ކަމަށެވެ.
ދެވަނަ ބުރުގައި މާލެ ސަރަހައްދުގައި 176 ފޮށި ބަހައްޓާނެއެވެ. އެއީ މާލޭގައި 142 ފޮށި، ހުޅުމާލޭގައި 27 އަދި ވިލިމާލޭގައި 7 ވޯޓު ފޮއްޓެވެ. އަތޮޅުތަކާއި ސިޓީތަކުގައި 319 ވޯޓު ފޮށި ބަހައްޓާއިރު, ޖަލުތަކުގައި 5 ވޯޓު ފޮށި ބަހައްޓައެވެ. ސިނާއީ ސަރަހައްދުތަކުގައި 1 ވޯޓު ފޮށި ބަހައްޓާއިރު ރިސޯޓްތަކުގައި 65 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި ރާއްޖެއިން ބޭރުގައި 8 ވޯޓު ފޮށި ބަހައްޓާނެއެވެ.
މާލޭ ސަރަހައްދުގައި ބަހައްޓާ ވޯޓު ފޮށިތައް:
- މާލޭގައި 142 ފޮށި
- ހުޅުމާލެ ފޭސް 1ގައި 21 ފޮށި
- ހުޅުމާލެ ފޭސް 2ގައި 6 ފޮށި
- ވިލިމާލޭގައި 7 ފޮށި
ބޭރު ގައުމުތަކުގައި ބަހައްޓާ ވޯޓު ފޮށިތައް:
- ސްރީލަންކާގެ ކޮލަމްބޯގައި 2 ފޮށި
- އިންޑިއާގެ ޓްރިވެންޑްރަމްގައި 1 ފޮށި
- އިނގިރޭސިވިލާތުގެ ލަންޑަންގައި 1 ފޮށި
- މެލޭޝިޔާގެ ކުއަލަލަމްޕޫރްގައި 3 ފޮށި
- އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީގައި 1 ފޮށި
ޖަލުތަކުގައި ބަހައްޓާ ވޯޓު ފޮށިތައް:
- މާފުށީ ޖަލުގައި 2 ފޮށި
- ހުޅުމާލޭ ޖަލުގައި 1 ފޮށި
- އައްސޭރި ޖަލުގައި 1 ފޮށި
- ދޫނިދޫ ޖަލުގައި 1 ފޮށި
ދެވަނަ ބުރުގައި އަލަށް ވޯޓުލާ 408 މީހުންނާއެކު ޖުމްލަ 282،803 މީހުން ވޯޓުލާނެއެވެ.