ކ. މާލެ
|
14 ސެޕްޓެންބަރ 2023 | ބުރާސްފަތި 12:08
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އޮބްޒާވަރުން ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވަނީ
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އޮބްޒާވަރުން ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އޮބްޒާވަރުންނާއި މޮނީޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
މި ފަރާތްތަކުން ފޯމް ހުށަހަޅަންޖެހޭނީ މަރުކަޒުތަކަށް
މިއަދުން ފެށިގެން 17 ވަނަ ދުވަހުގެ މެންދުރު ފަހު 3:00ށް ފޯމު ލެވޭނެ
ފުރަތަމަ ބުރުގައި ފާސް ދޫކޮށްފައިވާ ފަރާތްތަކުން އަލުން ފާސް ހަދާކަށް ނުޖެހޭނެ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އޮބްޒާވަރުންނާއި މޮނީޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ 2023 ސެޕްޓެމްބަރު 30 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ބުރާސްފަތި ދުވަހުން ފެށިގެން 4 ދުވަހަށް ހުޅުވާލާފައިވާ ކަމަށެވެ.

އަދި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އޮބްޒާވަރުންނާއި، މޮނީޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި އެކްރެޑިޓް ކުރެވި ފާސް ދޫކުރެވިފައިވާ ފަރާތްތަކުން އަލުން ފޯމް ހުށަހަޅާކަށް ނުޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ފާސް ދޫކުރެވިފައިވާ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކަށް ފާސް ބޭނުންވާ ނަމަ އަލުން ފޯމް ހުށަހެޅުމުން އުސޫލުގައިވާ ގޮތުގެ މަތިން އެފުރުޞަތު ދެވޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އޮބްޒާވަރުންނާއި، މޮނީޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގޭ) ގެ ރިސެޕްޝަނުން ކަމަށެވެ. އަދި ފޯމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ 2023 ސެޕްޓެމްބަރު 14ން 2023 ސެޕްޓެމްބަރު 17 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ހަމަޖެހިފައި ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މޮނީޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓްwww.elections.gov.mv އިން ލިބޭނެ ކަމަށް އިލެކްޝަނުން ބުނެއެވެ. އެފަރާތްތަކަށް ޖެހޭނީ ފޯމު ހުށަހަޅަންކަމަށާއި އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެކަމަށް އިލެކްޝަނުން ބުނެއެވެ.

ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހު އޮންނަ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ހެނދުނު 8ން ހަވީރު 5ށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ފުރަތަމަ ބުރުގައި ވޯޓުލުން ކުރިޔަށް ގެންގޮސްފައިވަނީ ހެނދުނު 8ން ހަވީރު 4 ޖެހުމާ ހަމައަށެވެ.

ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާން ރީރަޖިސްޓްރީކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިމަހުގެ 15ން 17ށް ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފައިވެއެވެ.

- ކޮމެންޓް