ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ބީޗު ވޮލީ ބޯޅަ ޓުއާގައި ރާއްޖޭގެ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ކުޅުނު ތިން ވަނަ މެޗުން ވެސް މޮޅުވެއްޖެ އެވެ.
ބަންގްލަދޭޝްގައި ކުރިއަށްދާ މިމުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖޭގެ ކުޑަ ކާއްޓޭ އާއި އެޑަމް ނުކުމެފައި ވަނީ އިންޑިއާގެ ނިޓިން އަދި ރަމާގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗުން ކުޑަ ކާއްޓޭ އާއި އެޑަމް މޮޅުވީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ކުޑަ ކާއްޓޭ އާއި އެޑަމް ކާމިޔާބު ކުރީ 21-18 އަދި 21-15 އިންނެވެ. މި ނަތީޖާއާއެކު ކުޑަ ކާއްޓޭ އާއި އެޑަމް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރީ މި ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ކުޑަކާއްޓޭ އާއި އެޑަމް ނުކުތީ ބޫޓާންގެ ޕެއާއާ ދެކޮޅަށެވެ. އެއީ ބޫޓާންގެ ސޯނަމް އަދި ރާމްގެ ޕެއާ އެވެ. މި މެޗު ކުޑަކާއްޓޭ އާއި އެޑަމް ވަނީ ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބުކޮށްފަ އެވެ. މެޗުގެ ސެޓުތައް ކުޑަކާއްޓޭ އާއި އެޑަމް ހޯދީ، 21-05 އަދި 21-08 އިންނެވެ. ދެ ވަނަ މެޗުގައި ކުޑަކާއްޓޭ އާއި އެޑަމް ނުކުތީ ބަންގްލަދޭޝްގެ މަންސޫރު އަދި ޝާޖަހާން ޕެއާއާ އެވެ. މި މެޗު ވެސް ކުޑަކާއްޓޭ އާއި އެޑަމް ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. އެއީ ފުރަތަމަ ސެޓު 21-13 އަދި ދެ ވަނަ ސެޓު 21-19 އިންނެވެ.
ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ އަކީ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބު ކުރި ޕެއާ އެވެ. އެ ޕެއާ އިން މުބާރާތް ކާމިޔާބު ކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.