ޕޮލެންޑުގެ ޤައުމީ ފިރިހެން ފުޓުބޯޅަ ޓީމުގެ ކޯޗުކަމުން ފެނާންޑޯ ސަންޓޯސް ވަކިކޮށްފި އެވެ.
ޕޯޗުގަލަށް ނިސްބަތްވާ އުމުރުން 68 އަހަރުގެ ސަންޓޯސް މަގާމުން ވަކި ކުރީ، އެ މަގާމާ ހަވާލުވިތާ އަށް މަސް ފަހުންނެވެ. ޕޮލެންޑުގެ ކޯޗަކަށް އޭނާ ހަމަޖެއްސީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ. އެއީ ފީފާ ވޯލްޑް ކަޕަށްފަހު އެ މަގާމުގައި ހުރި ޗެސްލޯ މިކްނިއޭވިޗް މަގާމުން ދުރަށް ދާން ނިންމުމާއެކު އެވެ. ޕޮލެންޑުގެ ކޯޗުކަން ސަންޓޯސް އަށް ހަވާލުކުރީ އަންނަ އަހަރު އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރަތަށް އަމާޒުކޮށްގެންނެވެ. އެހެން ނަމަވެސް، މިހާރު ކުރިއަށްދާ ކޮލިފިކޭޝަންގައި ޕޮލެންޑަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވެ އެވެ. ކޮލިފިކޭޝަންގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ އެންމެ ދެ މެޗުންނެވެ. ތިން މެޗުން ބަލިވެފައިވާއިރު، ޕޮލެންޑު އޮތީ ވެސް ގްރޫޕްގެ ހަތަރު ވަނައިގަ އެވެ. ސަންޓޯސް މަގާމުން ވަކި ކުރުމަށްފަހު ޕޮލެންޑުން އަންނަނީ އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ޕޮލެންޑުގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ސަންޓޯސް ހުރީ އޭނާގެ އަމިއްލަ ޤައުމު، ޕޯޗުގަލްގެ ކޯޗުކަމުގަ އެވެ. އެހެން ނަމަވެސް، ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ބަލިވެ މުބާރާތުން ކެޓުމާއެކު އޭނާ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. ޚާއްސަކޮށް ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއި ސަންޓޯސްއާ ދެމެދު ބޮޑެތި މައްސަލަ ޖެހިފައިވާ ކަމަށް ވެސް އޭރު ރިޕޯޓުތައް ބުނެފައިވެ އެވެ. ވޯލްޑް ކަޕަށްފަހު ޕޯޗުގަލްގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސަންޓޯސް މަގާމުން ވަކިކޮށްފަ އެވެ.
ސަންޓޯސް އޭނާގެ ކޯޗިން ކެރިއަރު ފެށީ 1987 ވަނަ އަހަރު އެސްޓޮރިލް އިންނެވެ. އޭގެ ފަހުން ގިނަ ޓީމުތަކަށް އިރުޝާދު ދިނުމަށްފަހު، ޕޯޗުގަލް ޤައުމީ ޓީމާ އޭނާ ހަވާލުވީ 2014 ވަނަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން ޕޯޗުގަލް ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް އަދި 19-2018 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ.