ކ. މާލެ
|
10 ސެޕްޓެންބަރ 2023 | އާދީއްތަ 23:15
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބުގެ ކެންޕޭން
ސަރުކާރާއިމެދު އުފައްދާފަހުރި ދޮގު ވާހަކަތަކަށް ރައްދު ނުދެވުމަކީ، ރައްޔިތުންގެ ކަންބޮޑުވުމެއް: ފައްޔާޒު
 
ކެންޕޭނަށް ގެންނަންޖެހޭ ބަދަލުތަކާއެކު ވަރަށް އަވަހަށް ކެންޕޭން ފަށާނެ
 
އަނިޔާވެރިކަމަށް ދާން ބޭނުންނުވާ ވަރަށް ގިނަ ރައްޔިތުން އެބަތިބި
 
ކޯލިޝަން ހެދުމަށް ދަނީ މަޝްވަރާކުރަމުން

ސަރުކާރާއިމެދު އުފައްދާފަހުރި ބައެއް ދޮގު ވާހަކަތައް ރައްދު ނުދެވުމަކީ، ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 60 މިނިޓަށް ދެއްވި އިންޓަވިޔުއެއްގައި ފައްޔާޒު ވިދާޅުވީ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ހިސާބު ގޯސްވެފައިވާ ކަމަށާއި، ލިބިގެންދިޔައީ އުންމީދުކުރި ނަތީޖާއެއް ނޫން ކަމަށެވެ. ފައްޔާޒު ވިދާޅުވީ މިހާރު އޭގެ ގިނަ ސަބަބުތައް ފާހަގަކުރެވިފައިވާ ކަމަށާއި، އެކިއެކި ސަބަބުތަކާއި ގުޅިގެން ވޯޓުލާން ގިނަ ބަޔަކު ނުނިކުންނަ ކަމަށެވެ. ފައްޔާޒު ވިދާޅުވީ ސަރުކާރާމެދު އުފައްދާފަހުރި ބައެއް ދޮގު ވާހަކަތަކަށް މާބޮޑަށް ރައްދު ނުދެވަކީ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށެވެ. އަދި އެކަންކަން ބަލައި، އެނައިލައިޒް ކުރަމުންދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ކޯލިޝަން ހެދުމާއި ގުޅޭގޮތުން ފައްޔާޒު ވިދާޅުވީ މިހާރު ވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ނަތީޖާ ރަނގަޅުވާނެ ކަމަށެވެ. އިދިކޮޅު ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒަށް އިޝާރާތް ކުރައްވައި ފައްޔާޒު ވިދާޅުވީ ދެވަނަ ބުރުގެ ވޯޓު މާބޮޑަށް އިތުރުވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ވަރަށް ގިނަ ބޭފުޅުންނާއި މިދަނީ ވާހަކަ ދައްކަމުން. އަޅުގަނޑުމެން ހަމަ އުއްމީދުވެސް ވަރަށް ރަނގަޅު. ކޯލިޝަން އަށް އިތުރު ބޭފުޅުން އައުމަށް ގުޅޭ ގޮތުން. ދެން އޭގެ ނަތީޖާ ރަނގަޅުވާނެކަމަށް. އޭގެ އިތުރުން އަޅުގަނޑުމެންގެ ވޯޓު ނުލެވު ތިބި ބޭފުޅުންގެ ވޯޓާއިއެކު އަޅުގަނޑުމެންނަށް އިރާދުފުޅު ކުރެއްވިއްޔާ ދެވަނަ ބުރުގައި މިކަން ކާމިޔާބު ކުރުމާއިމެދު އަޅުގަނޑުމެންގެ އެއްވެސް ޝައްކެއްނެތް. އަޅުގަނޑުމެން ދެވަނަ ބުރަކަށް ދާން މި ޖެހުނީ މި ދެންނެވިހެން، ބައެއް ކަހަލަ ކަންތައްތައް ވެފަ ހުރި ގޮތުން. އެހެންނަމަވެސް ދެވަނަ ބުރެއްގައި މީގެ އެޑްވާންޓޭޖް ނެގުމަށް އެންމެ ބޮޑީ އަޅުގަނޑުމެންނަށްކަމަށް އަޅުގަނޑަށް ގަބޫލުކުރެއްވެނީ. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ އިދިކޮޅު ކެންޑިޑޭޓަށް ލިބިފަ އެ ހުރީ ހަމަ ޒަމާނުއްސުރެ އެ ބޭފުޅުންގެ ފިކުރުގެ ވޯޓް
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

ފައްޔާޒު ވިދާޅުވީ އަނިޔާވެރިކަމަށް ދާން ބޭނުންނުވާ ވަރަށް ގިނަ ރައްޔިތުން އެބަތިބި ކަމަށާއި، އެކަން ވޯޓުން ހާމަވާ ކަމަށެވެ. އެހެންކަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަޕޯޓަރުން ބުރަ މަސައްކަތްތައް ކުރަންޖެހޭ ކަމަށާއި، ހިތްވަރު ގަދަކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މަސައްކަތް ކުރުމުން މިއީ ފަސޭހައިން ކާމިޔާބު ކުރެވޭނެ އިންތިޚާބެއް ކަމަށާއި، ކެންޕޭނަށް ގެންނަންޖެހޭ ބަދަލުތަކާއެކު ވަރަށް އަވަހަށް ކެންޕޭން ފަށާނެ ކަމަށެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ މި ވޭތުވެދިޔަ 5 އަހަރު ރާއްޖޭގައި އޮތް ސުލްހަ މަސަލަސްކަމާއި، މިނިވަންކަމާއި، އަދި ތަރައްގީއާއި މި ހުރިހާ ކަމަކަށް ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ. އިދިކޮޅު ކެންޑިޑޭޓަށް ވެރިކަން ލިބިއްޖެނަމަ ނޫސްވެރިންނަށް ލިބިފައިވާ މިނިވަންކަމާއި، ގައުމުގެ ހަމަޖެހުން ގެއްލޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ ސަރުކާރެއް ހިންގާއިރު އަބަދުވެސް ހިތްހަމަނުޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. ނަމަވެސް ގައުމާއި، ލިބުނު ކާމިޔާބުތަކަށް ބަލަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ފުރަތަމަ ބުރުގައި ވޯޓުލާން ނުނިކުންނަ މީހުން ވެސް ދެވަނަ ބުރުގައި ގައުމާމެދު ވިސްނުމަށްފަހު ވޯޓު ދިނުމަށް އެދޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
22%
33%
11%
0%
0%
33%
ކޮމެންޓް