ކ. މާލެ
|
10 ސެޕްޓެންބަރ 2023 | އާދީއްތަ 14:47
އަހުމަދު ހަމްދާން؛ ފަލަސްޠީނުގެ ވިޔަފާރިވެރިއެއް
އަހުމަދު ހަމްދާން؛ ފަލަސްޠީނުގެ ވިޔަފާރިވެރިއެއް
ރޮއިޓާސް
ޣައްޒާގެ ފައިސާ ފޮތި
ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް ގަނެވިއްކޭ ފައިސާ ފޮއްޗެއް ޣައްޒާގެ ފަޤީރުންނަށް!
 
ފައިސާ ފޮތިތަކުގެ ބަރުދަނުގައި ހުންނަނީ ބައި ގުރާމާއި 10 ގުރާމާއި ދެމެދު މިންވަރެއް
 
ފައިސާ ފޮތިތައް ޚާއްޞަ ކޮށްފައި ވަނީ އަތްމަތި ދަތިވުމުގެ ސަބަބުން ރަން ގަތުމުގެ ތަނަވަސް ކަން ނެތް މީހުންނަށް

ފަޤީރުންނާއި މުއްސަނދިންނާ މެދުގައި އޮންނަ ފަރަޤަކީ ގިނަ ފަހަރަށް ނަޞީބު އަތުގައި ހިފާ މީހުންނަށް ވަޒަން ކުރެވޭ ކަމަކަށް އޮންނަނީ ނުވެފައެވެ. ނަމަވެސް އެއީ އެންމެންގެ ގޮތެއް ނޫނެވެ. ތަނަވަސްކަމާއި ކެރިފޯރުންތެރިކަން ލިބިފައި ވީ މިންވަރަކުން، އެއަށްވުރެ ނިކަމެތި ފަޤީރުންނަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދޭ މީހުންވެސް މަދެއް ނޫނެވެ.  އެފަދަ އެކަކީ ފަލަސްޠީނުގެ ވިޔަފާރިއެއް ކަމަށް ވާ އަހުމަދު ހަމްދާންއެވެ.

މުއްސަނދިކަމުގެ ތަނަވަސް އިޙުސާސް، ނިކަމެތި ފަޤީރުންނަށްވެސް ތަޖުރީބާ ކޮށްލުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ހަމްދާން އުފެއްދީ ރަން ފައިސާ ފޮތިތަކެކެވެ. ބަރުދަނުގެ ގޮތުން ބަލާއިރު އެއީ އިންތިހާއަށް ލުއި ފައިސާ ފޮއްޗެކެވެ.

މި ޚިޔާލު އުފެދިގެން އައީ، އިންތިހާއަށް ދަތި ދިރިއުޅުމެއް އުޅެމުންދާ އާބާދީއެއްގެ ބަޔަކުވެސް ރަން ގެންގުޅެން ބޭނުންވާތީ. އެހެންވެ، ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް އަހަރަމެން މި ވަނީ ރަން ބައިބައިކޮށްފަ ކުދިކުދި ގުރާމްތަކަށް. އޭގެ މާނައަކީ، ވަކި ފަރުދަކަށްވެސް މިހާރު، ހެޔޮ އަގެއްގަ ރަން ގަނެވޭނެއޭ. އަހަރަމެން މި ވަނީ 1 ގުރާމްގެ ރަން، ބައި ގުރާމާއި ގުރާމެއްގެ 4 ބައިކުޅަ 1 ބަޔަށްވެސް ކުޑަކޮށްފަ. ވީހާވެސް ގިނަ ބަޔަކަށް ފުރުޞަތު ލިބޭ ގޮތަށް.
އަހުމަދު ހަމްދާން؛ ފަލަސްޠީނުގެ ވިޔަފާރިވެރިއެއް

ފައިސާ ފޮތިތަކުގެ ބަރުދަނުގައި ހުންނަނީ ބައި ގުރާމާއި 10 ގުރާމާއި ދެމެދު މިންވަރެކެވެ. ފައިސާ ފޮތިތައް ޚާއްޞަ ކޮށްފައި ވަނީ އަތްމަތި ދަތިވުމުގެ ސަބަބުން ރަން ގަތުމުގެ ތަނަވަސް ކަން ނެތް މީހުންނަށެވެ. ރަން ރައްކާ ކުރުމަކީ މެދުއިރުމަތީގައި ފަހަށް ފައިސާ ރައްކާ ކުރުމަށް އާންމު ގޮތެއްގައި ކޮށް އުޅޭ ކަމެކެވެ. އެހެން ކަމުން ހަމްދާނުގެ އީޖާދާއެކު، ފަޤީރުންނަށްވެސް ފަހަށް ރަން ރައްކާ ކުރުމުގެ އުފާ ލިއްބައިދެއެވެ.

މަސައްކަތް ފަށައިގަތް އިރު ވަރަށް އުނދަގޫވި ރަން ބައި ކުރަން. ގުރާމެއްގެ ރަން، ބައި ގުރާމަށް، ނޫނީ ގުރާމެއްގެ 4 ބައިކުޅަ 1 ބަޔަށް ކުޑަ ކުރަން. އަހަރަމެން މިޔަށް ދިން ނަމަކީ 'މަޤްދިސިއްޔާ'، އެއީ އެހެން ފައިސާ ތަކެކޭވެސް އެއް ގޮތަށް، ޤުދުސްއަށް ހަވާލާ ދިނުމުގެ ގޮތުން. އަހަރަމެން މިއޮތީ ޣައްޒާގަ، އެންމެންނަށްވެސް ރަން ލިބޭ ގޮތް ހަދައި ދީފަ. ކޮންމެ ފެންވަރެއްގެ ކޮންމެ މީހަކަށްވެސް. ހަމަ ކޮންމެ މީހަކަށްވެސް މިހާރު ރަން ގަނެވޭނެ.
އަހުމަދު ހަމްދާން؛ ފަލަސްޠީނުގެ ވިޔަފާރިވެރިއެއް

21 ކެރެޓް ރަން އެކުލެވޭ ފައިސާ ފޮތި ފަރުމާކޮށްފައި ވަނީ އަލް-ޖަސްޖިދުލް އަޤްޞާ ތެރޭގައި ހުންނަ ޤުއްބަތު އަލް-ސަޚްރާ ނުވަތަ ޑޯމް އޮފް ދަ ރޮކްގެ ތަސްވީރަކާއެކުގައެވެ. އެ ތަސްވީރުގެ ތިރީގައި ފަލަސްޠީނުގެ ނަން ލިޔެފައިވެސް އޮވެއެވެ. މި ފައިސާ ފޮއްޗަކީ، ޣައްޒާގެ އިޤްތިޞާދާ ބެހޭ ވުޒާރާގެ ލައިސަންސް ލިބިފައި ވާ ފައިސާ ފޮއްޗެއްވެސްމެއެވެ.

މަޤްދިސިއްޔާ އަކީ 21 ކެރެޓްގެ ރަނާއިއެކު، ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ލިބިފައި އޮތް ރަން ފައިސާ ފޮއްޗެއް. ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް 'މަޤްދިސިއްޔާ' ގަނެވިއްކި ދާނެ. މާލީ މުޢާމަލާތުގައި ބޭނުން ކުރެވިދާނެ. މީ ދުނިޔޭގެ ރަނުގެ ބާޒާރުގެ އަގުތަކަށް ބަލައިގެން އަގު ކުރެވޭނެ އެއްޗެއް.
އަހުމަދު ހަމްދާން؛ ފަލަސްޠީނުގެ ވިޔަފާރިވެރިއެއް

ލައިސަންސް ލިބިފައި އޮތެއް ކަމަކު، ހަމްދާންގެ ފައިސާ ފޮއްޗަކީ ލީގަލް ޓެންޑަރެއްގެ ގޮތުގައި ފައިސާގެ މުޢާމަލާތްތައް ކުރަން ބޭނުން ކުރެވޭނެ އެއްޗެއް ނޫން ކަމަށްވެސް ޣައްޒާގެ އިޤްތިޞާދާ ބެހޭ ވުޒާރާގެ ސިޔާސަތުތަކާ ބެހޭ އިސްވެރިޔާގެ މަޤާމުގައި ހުރި އުސާމާ ނައުފަލް ވަނީ ފާހަގަ ކޮށްފައެވެ. 2007 ވަނަ އަހަރުން ފެށިގެން ޣައްޒާގެ އިދާރީ ހިންގުމުގެ ހުރިހާ ކަމެއްގެ ކޮންޓްރޯލް ނަގާފައި ވަނީ ހަތިޔާރު އެޅި ހަނގުރާމަވެރިންގެ ތުހުމަތު އަމާޒު ވެފައި ވާ ހަމާސް ޖަމާޢަތުންނެވެ.

ޣައްޒާގެ ސަރުކާރުގައި ވަޒީފާ އަދާ ކުރާ އާންމު ރައްޔިތެއް ކަމަށް ވާ ޢާދިލް އަލް-ރަފާތީ އަކީ ހަމްދާންގެ ފައިސާ ފޮތި ގަނެގެން އުޅޭ މީހެކެވެ. މިދިޔަ 3 މަހެއްހާ ދުވަހުގެ ތެރޭގައި އޭނާ ވަނީ 3.5 ގުރާމްގެ ރަން ފައިސާ ފޮތި ގަނެފައެވެ.  

އަހަންނަކީ ސަރުކާރު ވަޒީފާގަ އުޅޭ މީހެއް. ލިބެނީ ކުޑަކުޑަ އާމްދަނީއެއް. އަހަރެން އިންވެސްޓް ކުރަން ބޭނުންވެއްޖިއްޔާ، މަދު ގުރާމްކޮޅެއްގެ ރަން ރައްކާ ކުރެވިދާނެ. އެކަމަކު، މާ ބަރުކޮށް ރަން ގަނެވޭކަށް ނެތް. މިގޮތަށް ކުދިކުދި ގުރާމުން ރަން ހޯދަން ވަރަށް ފަސޭހަ. އެހެން ފައިސާތަކަށް ވުރެ ރަން ރައްކާ ކުރުން ރައްކާތެރި. އެހެން ފައިސާތަކުގެ އަގު ވެއްޓިގެން ހިނގައިދާނެ. ނޫނީ ކަންކަމަށް ޚަރަދުވެސް ކުރެވިދާނެ.
ޢާދިލް ރަލް-ރަފާތީ؛ ޣައްޒާގެ ރަށްވެއްސެއް

ފަލަސްޠީނަށް ޚާއްޞަ، ރަސްމީ ފައިސާއެއް ނޯވެއެވެ. އާންމު ދިރިއުޅުމުގެ އެކި ބޭނުން ތަކަށް ޚަރަދުތައް ހަމަޖައްސަނީ ޔޫރޯ، އެމެރިކާ ޑޮލަރު، އިޒްރޭލީ ޝެކްލް އަދި އުރުދުންގެ ދީނާރުންނެވެ. މެދުއިރުމަތީގެ ޘަޤާފަތް އޮންނަ ގޮތުން، ބޭންކުތަކަށް އިތުބާރު ނުކުރާ މީހުންގެ ޢަދަދު ފުދޭ ވަރަކަށް ގިނައެވެ. އެހެން ކަމުން، ގިނަ މީހުން ފަހަށް ފައިސާ ރައްކާކޮށް އުޅެނީ ރަނުގެ ގޮތުގައެވެ.

2.3 މިލިއަނެއްހާ މީހުން ދިރިއުޅެމުން ދާ ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް 2 ބައިކުޅަ 1 ބައި މީހުންނަކީ ވަޒީފާއެއް ނެތް މީހުންނެވެ. ސަލާމަތީ ގޮތުން ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް ބުނެ، އިޒްރޭލާއި މިޞްރުން ވަނީ ޣައްޒާ ފިއްތާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް