މީގެ ކުރީގެ ސަރުކާރުތަކުން މާލެ ކައިރީގައި ހުރި ރަށްރަށާއި އަތޮޅުވެރިކަން ކުރާ ރަށްތައް ފިޔަވައި ރާއްޖޭގެ އެހެން ހިސާބުތައް ތަރައްްޤީކޮށްފައި ނުވާ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މޫސަ ވިދާޅުވީ 160 ވުރެ ގިނަ ރަށަށް ރިޔާސީ އިންތިޚާބުގެ ކެމްޕެއިންތަކުގެ ތެރެއިން އޭނާ އަށް ދަތުރުކުރެވިފައިވާ ކަމަށާއި، މިހާރު ރަށްރަށުން ތަރައްޤީ ފެނިވަޑައިގަންނަވާ ކަމަށެވެ. މާލޭގައި ރައީސް ހުންނަވާނެ ގަނޑުވަރެއް އަޅާ މާލެ ކައިރި ތަރައްޤީ ކުރި ނަމަވެސް ނިކަމެތި ރައްޔިތުންނަށް ލިބުނު ތަރައްޤީ އެއް ނެތް ކަމަށް މޫސަ ވިދާޅުވިއެވެ. އަދި އޭރުގެ ހާލަތަކީ މިސްކިތެއް އެޅިޔަސް އަޅަނީ މުއްސަނދި މީހަކާއި ތިމާގެ މީހަކު ނިޔާވުމުން ކަމަށް މޫސަ ވިދާޅުވިއެވެ. އަދި އޭރު ރާއްޖެ އަށް ފައިސާ ލިބުނު މިންވަރާއި އަޅާ ބަލާއިރު ރާއްޖެ އަށް ލިބުނު ތަރައްޤީ އެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެއަށް ފަހު ސިޔާސީ ޕާޓީތައް ހަދައިގެން މަސައްކަތް ކުރީވެސް އެ ނޫން ގޮތެއް ރައްޔިތުންނަށް ހޯދާ ދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ އޭރު އެ މަސައްކަތް ކުރުމަށް ގިނަ ގޮންޖެހުންތަކެއް ދިމާވި ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ހައްގު ހޯދާދޭން އުޅުމުން އެހެން ދީންތައް ފަތުރަން އުޅޭކަމަށް ބުނެ ދޮގު ތުހުމަތުތައް ވެސް ކުރިކަމަށް ވެސް މޫސަ ވިދާޅުވިއެވެ. ނަމަވެސް ހާލުގައި ތިބި ރައްޔިތުންނަށް އަޅާލާ، ތަރައްޤީކޮށްދެއްވީ ރައީސް ޞާލިހުކަަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވަނީ ކުޅުދުއްފުށްޓަކީ މީގެ ކުރިން އަޅާނުލާ އޮތްތަނެއް ކަމަށް ސިފަކުރައްވާފައެވެ. މޫސަ ވިދާޅުވީ 1970ގެ ކުރީކޮޅު ރާއްޖެ އަށް ފަތުރުވެރިކަން އައުމާއި ހިސާބަށް ރައްޔިތުން ތިބީ ދަތި ހާލުގައި ކަމަށެވެ. އޭރު ފާހަނާ ކުރުމުގެ ނިޒާމްވެސް ވަރަށް ދަތިކަމަށާއި އިގްތިޞާދު ވެސް އޮތީ އެހާ ދަތި ހާލަތުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޓުއަރިޒަމާއެކު ރާއްޖޭގައި އެއާޕޯޓްތައް އެޅި ނަމަވެސް އެކަން ކުރީ ރާއްޖެ ތަރައްޤީ ވާނެ ގޮތް ވިސްނައިގެން ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ކުޅުދުއްފުށްޓަކީ ބޯޓު ދަތުރުކުރަން ގޮސް ދުނިޔެ ތަރައްޤީ ވެފައި ތިބި ބަޔަކު އޭރު ވެސް ދިރިއުޅުނު ތަނެއް ކަމަށާއި، އޭރު ކުޅުދުއްފުށި އޮތީ އަޅާނުލާ ދޫކޮށްލާފައި ކަމަށް މޫސަ ވިދާޅުވިއެވެ.