އެމްޑީޕީގެ އެތެރެއަށް ލޮޅުމެއް އައިނަމަވެސް ހީކުރިވަރުގެ ލޮޅުމެއް ނާންނަ ކަމަށާއި، ކޮންމެ ދުވަހަކީ ވެސް އެތައް ބަޔަކު އެ ޕާޓީއާ ގުޅެމުންދާ ދުވަހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ސްރީލަންކާގައި ކުރިއަށް ގެންދިޔަ އުފާވެރި އަމާންރާއްޖެ ޖަލްސާގައި ނިޔާޒު ވިދާޅުވީ އެމްޑީޕީގެ އެތެރެއަށް މިއައި ލޮޅުމުގެ ސަބަބުން ގެއްލުންތަކެއް ލިބުނު ނަމަވެސް ހީކުރިވަރުގެ ލޮޅުމެއް ނާންނަ ކަމަށެވެ. އެމްޑީޕީގެ މެންބަރުންތަކެއް ހިތްހަމަނުޖެހިގެން ޕާޓީއާ ދުރަށް ދިޔަ ނަމަވެސް ހަގީގަތް ގަބޫލުކޮށް ބައެއް މީހުން ޕާޓީއާ ގުޅެމުންދާ ކަމަށާއި، ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ޕާޓީއަށް ވަންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ނިޔާޒު ވިދާޅުވީ އެމްޑީޕީ އޮތީ ގަދަކޮށް ކަމަށާއި، އެމްޑީޕީ ނުރޫޅޭ ކަމަށެވެ. އަދި އެމްޑީޕީ ދާނީ ބާރަށް ކުރިއަށް ކަމަށް ނިޔާޒު ވިދާޅުވިއެވެ.
އެމްޑީޕީއަށް އިޝާރާތް ކުރައްވައި ނިޔާޒު ވިދާޅުވީ މިޕާޓީއަކީ ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅަށް ވެރިކަން ކޮށްދިން ޕާޓީ ކަމަށާއި، ކުރިއަށް އޮތްތަނުގައި އެމްޑީޕީން އަމަލުކުރާނީ އެގޮތަށް ކަމަށެވެ. ނިޔާޒު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު 2018 ގައި ވެރިކަމަށް ވަޑައިގެންނެވުމަށް ވީ ވައުދުފުޅުތަކުގެ ތެރެއިން ގިނަ ވައުދުފުޅުތައް ފުއްދަވާފައިވާ ކަމަށެވެ. އެހެންކަމުން މިއަދުގެ ސަރުކާރަށް ރައްޔިތުން އިތުބާރު ކުރާ ކަމަށް ނިޔާޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރުކާރުގައި ތިބެގެން އިންތިޚާބަށް ކުރިމަތިލާއިރު، މިއީ މުޅިން އައު ތަޖުރިބާއެއް ކަމަށެވެ.
ވަކިން ޚާއްސަކޮށް މިދައުރުގައި ވެސް 2018 އިން 2023 ށް ނިމޭދައުރުގައި އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އަޅުގަނޑުމެން އެމްޑީޕީ 17 އަހަރުގެ ތަޖުރިބާއަށްފަހު ވެރިކަމުގައި ތިބެގެން އަނެއްކާ ވެސް އިތުރު ދައުރަކަށް ކުރިމަތިލާން ލިބުނު ފުރުސަތު. މިއީ އެމްޑީޕީ ތާރީހުގައި އަލަށް ލިބޭ ފުރުސަތެއް. މިފުރުސަތު ބޭނުން ފުރިހަމަ ގޮތުގައި ހިފޭ، ފުރަތަމަ ކަމަކީ އަޅުގަނޑުމެންނަކީ ކެމްޕޭން ކުރުމަށް ފަރިތަ ބައެއް. 17 އަހަރުގެ ތަޖުރިބާ އެބައޮތް އަޅުގަނޑުމެންގެ ދެވަނަ ކަމަކީ އެޑްވާންޓޭޖަކީ އަޅުގަނޑުމެން ސަރުކާރުގައި ތިބުން. ސަރުކާރުގައި ހަމައެކަނި ތިބީއެއް ނޫން. ސަރުކާރުގައި ތިބެގެން ރައްޔިތުންނަށް ވެފައިހުރި ގާތްގަނޑަކަށް ހުރިހާ ވައުދުތަކެއް މިދަނީ ފުއްދަމުން. އެކަން ރައޔްިތުން ގަބޫލުކުރޭ. މިހާތަނަށް އަޅުގަނޑުމެން ދެވުނު ރަށްތަކުން ފެނުނީ އެމަންޒަރު. ބައެއް ފަހަރު އަޅުގަނޑުމެން ރަށްތަކަށް އެރީމަ. ފުރަތަމަ ދައުރުގައި ރައީސުލްޖުމްހޫރިއްޔާ ރަށްތަކަށް އަރާ ވަޑައިގެން ވަރަށް ގިނަ ވައުދުތަަކުގެ ވާހަކަ ދެއްކީމަ އަޅުގަނޑުމެންނާއެކު މަސައްކަތް ކުރާ މީހުން ވެސް ވިދާޅުވެ ހައިރާވެފައި ތިބެނީ ކީއްވެގެންބާއޭ ރައީސް މިހާ ބައިވަރު ވައުދުވަނީ. މިއީ ފުއްދޭނެ ވައުދުބާއޭ. އޭގެ ފަސް އަހަރު ފަހުން އެރަށްތަކަށް އެރީގައި އެއީ ހަގީގަތުވެސް ހިސާބު ޖަހައިގެން އެކަން ކުރެވޭނެ ކަމުގެ ޔަގީން ކަމާއެކު ވެފައިވާ ވައުދުތަކެއްކަން. އެހެންވީމަ މިހާރު އެރަށަށް އަރާފަ ދެން އަންނަ ދައުރުގައި ތިމަންނަ މިވެނިކަމެއް ކޮށްދޭނަމޭ ބުނީމަ ރައްޔިތުން ގަބޫލުކުރޭ.ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު
އިންތިޚާބާއި ގުޅިގެން ސްރީލަންކާގައި ކުރިއަށް ގެންދާ ކެމްޕޭނަށް އިޝާރާތް ކުރައްވައި ނިޔާޒު ވިދާޅުވީ ލަންކާއަކީ އެމްޑީޕީއާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް ކަމަށާއި، ލަންކާ އަކީ އެމްޑީޕީ މިހިސާބަށް ގެންދިއުމަށް އަދި އެމްޑީޕީ އުފެދުމުގައި ވެސް ވަރަށް މުހިންމު ރޯލެއް އަދާކޮށްފައިވާ މަންޒިލެއް ކަމަށެވެ. ނިޔާޒު ވިދާޅުވީ ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކޮށް، ވޯޓު ހޯދުމުގެ މަސައްކަތް ކުރާ ކަމަށާއި، މިހާތަނަށް ބޭއްވުނު ހުރިހާ އިންތިޚާބުތަކެއްގައި ވެސް ލަންކާގެ ވޯޓު ފޮށިން މެޖޯރިޓީ އެމްޑީޕީއަށް ލިބޭ ކަމަށެވެ. އަދި ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް މެޖޯރިޓީ ލިބޭނެ ކަމާއިމެދު ޝައްކުނުކުރައްވާ ކަމަށެވެ.