ކ. މާލެ
|
29 އޯގަސްޓް 2023 | އަންގާރަ 19:56
ގައުމީ ޕެރަ އެތުލެޓިކްސް ޓީމް
ގައުމީ ޕެރަ އެތުލެޓިކްސް ޓީމް
އެމްއޯސީ
އައިއޯއައިޖީ
އައިއޯއައިޖީ: ޕެރަ އެތުލެޓިކްސް އިން ރާއްޖެއަށް ދެ ބްރޯންޒް މެޑަލް
ޕެރަ އެތުލެޓިކްސް 100 މީޓަރު ދުވުމުން މެޑަލް ހޯދީ އަބްދުއްރައްޒާގު އާއި ފާތިމަތު އިބްރާހިމް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޕެރަ އެތުލެޓިކްސް 100 މީޓަރު ދުވުމުގެ ބައިން ރާއްޖެއިން ދެ ބްރޯންޒް މެޑަލް ހޯދައިފިއެވެ.

އަންގާރަ ދުވަހު ޕެރަ އެތުލެޓިކްސް ބައިން ރާއްޖެއިން ބްރޯންޒް މެޑަލް ހޯދާފައިވަނީ ފިރިހެނުންގެ 100 މީޓަރު ދުވުމުން އަބްދުލްރައްޒާގު އަބްދުއް ސަމަދު އާއި އަންހެނުންގެ 100 މީޓަރު ދުވުމުން ފާތިމަތު އިބްރާހިމް (ފާތުން) އެވެ.

އަބްދުއްރައްޒާގު ފައިނަލަށް ދަތުރުކޮށްފައިވަނީ އޭނާ ވާދަކުރަން ހަމަޖެހިފައިވާ ހީޓުގެ އެއްބައިވެރިޔަކު ހާޒިރުނުވުމުންނެވެ. ފައިނަލުގައި ވާދަކޮށް، އަބްދުއްރައްޒާގު ތިންވަނަ ހޯދާފައިވަނީ، ގައުމީ ރެކޯޑަކާއެކު 13.74 ސިކުންތުން ރޭސް ނިންމައިގެންނެވެ. މީގެކުރިން މި ރެކޯޑު 2019 ވަނަ އަހަރުގެ ގޭމްސްގައި ހަދާފައިވަނީ މާޒިން އެވެ. އެ އަހަރު މާޒިން ރެކޯޑު ހަދާފައިވަނީ 20.52 ސިކުންތުން ނިންމައިގެނެވެ. އަބްދުއްރައްޒާގަކީ އަރުތަ ޕްރޮގްރާމްގެވެސް އެތުލީޓެކެވެ. އޭނާގެ ގައިޑް ރަނާ އަކީ އާތިފް އެވެ.

ފާތުން ފައިނަލުން ޖާގަ ހޯދާފައިވަނީ އޭނާ ވާދަކުރި ހީޓުން ދެވަނަ ހޯދުމަށްފަހުއެވެ. ފައިނަލުގައި ވާދަކޮށް، ފާތުން ތިންވަނަ ހޯދާފައިވަނީ 17.34 ސިކުންތުން ރޭސް ނިންމައިގެނެވެ. ފާތުންގެ ގައިޑް ރަނާ އަކީ ޝަމްހާ އެވެ.

މި ދެ އެތުލީޓުންވެސް އައިއޯއައިޖީއަށް ތައްޔާރުވުމަށް މަސައްކަތް ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ދެ އެތުލީޓުންގެވެސް ކޯޗަކީ މަސްއޫދެވެ. ރާއްޖޭގައި ރަސްމީކޮށް ޕެރަލިމްޕިކް ކޮމިޓީ އުފައްދާފައިވަނީ 2019 ވަނަ އަހަރުއެވެ.

- ކޮމެންޓް