ކ. މާލެ
|
29 އޯގަސްޓް 2023 | އަންގާރަ 07:05
ފާތިމަތު އިބްރާހީމް އާއި ކޯޗު އަދުނާން
ފާތިމަތު އިބްރާހީމް އާއި ކޯޗު އަދުނާން
އެމްއޯސީ
އައިއޯއައިޖީ
އައިއޯއައިޖީ: ޓައެކްވަންޑޯއިން ރާއްޖެއަށް އިތުރު ލޯ މެޑައްޔެއް
ޓައެކްވަންޑޯ އިން ވަނީ މިހާތަނަށް ޖުމްލަ ފަސް މެޑަލް ހޯދާފައި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޓައެކްވަންޑޯ ބައިގައި ރާއްޖެއިން އިތުރު ލޯ މެޑައްޔެއް ހޯދައިފިއެވެ.

ހޯމަ ދުވަހު ލޯ މެޑަލް ހޯދާފައިވަނީ ފާތިމަތު އިބްރާހީމް އެވެ. އޭނާ ލޯ މެޑަލް ހޯދާފައިވަނީ ޓައެކްވަންޑޯ ޕޫމްސޭ އިވެންޓުގެ 40 އަހަރުން ދަށުގެ އަންހެން ބައިންނެވެ. ޕޫމްސޭ އިވެންޓުގައި ރާއްޖެއިން އިތުރަށް ވާދަކޮށްފައިވަނީ 30 އަހަރުން ދަށުގެ ބައިން ސައިފްޝާން އާއި 40 އަހަރުން ދަށުގެ ފިރިހެން ބައިން އަހުމަދު ފަޒީލް އެވެ.

މިއީ މިއަހަރުގެ މުބާރާތުގައި ފާތިމަތު އިބްރާހީމް ހޯދި ތިންވަނަ މެޑައްޔެވެ. އާދިއްތަ ދުވަހު އޭނާ ވަނީ 52 ކިލޯއިން ދަށުގެ އަންހެން ބައިން ރިހި މެޑައްޔާއި 62 ކިލޯއިން ދަށުގެ އަންހެން ބައިން ލޯ މެޑަލް ހޯދާފައެވެ.

ޓައެކްވަންޑޯ އިން ވަނީ މިހާތަނަށް ޖުމްލަ ފަސް މެޑަލް ހޯދާފައެވެ. ފާތިމަތު އިބްރާހީމްގެ އިތުރުން މެޑަލް ހޯދާފައިވަނީ ފަޒީލް އާއި ޖަންނަތު ޖަވާދު އެވެ. ފަޒީލް ވަނީ 87 ކިލޯއިން ދަށުގެ ފިރިހެން ބައިން ރިހި މެޑަލް ހޯދާފައެވެ. އަދި ޖަންނަތު ވަނީ 46 ކިލޯއިން ދަށުގެ އަންހެން ބައިން ލޯ މެޑަލް ހޯދާފައެވެ.

މިއީ ޓައެކްވަންޑޯގައި ރާއްޖެއިން ވާދަކުރި ފުރަތަމަ ފަހަރެވެ. ގައުމީ ޓީމުގެ ކޯޗަކީ މޮރޮކޯގެ އަދުނާން ކަނާނޭއެވެ.

- ކޮމެންޓް