ކ. މާލެ
|
28 އޯގަސްޓް 2023 | ހޯމަ 13:29
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ކެމްޕޭނު ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ކެމްޕޭނު ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
ރައީސް ސާލިޙުގެ ކެމްޕޭން
މުއިއްޒު މާލޭގެ ޕާކިންގެ މައްސަލަ ހައްލު ކުރުމަށް ގެނައީ ބައު ދަގަނޑު، މިސަރުކާރުން އެގޮތަށް އަމަލުނުކުރާނެ: މާރިޔާ
 
ގާތްގަނޑަކަށް 125 ރަށުގެ ބަނދަރު ފުންކޮށް ބޮޑުކުރެވިފައިވޭ
 
152 ރަށުގައި އިންޖީނުގެ އަޅާ، ޖެނަރޭޓަރު ބަދަލުކޮށްދީފައިވޭ
 
މިވެރިކަމުގައި 127 ރަށަކަށް އެމްބިއުލަންސް ފޯރުކޮށްދީފައިވޭ

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު މާލޭގެ ޕާކިންގެ މައްސަލަ ހައްލު ކުރުމަށް ގެނައީ ބައު ދަގަނޑުތަކެއް ކަމަށާއި، އެގޮތަށް މިސަރުކާރުން އަމަލުނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ކެމްޕޭނު ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ މާރިޔާ މިފަދައިން ވިދާޅުވީ ހޯމަ ދުވަހު ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މާރިޔާ ވިދާޅުވީ މިސަރުކާރުން ކަންކަން ކުރަމުންދަނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށެވެ. އެގޮތުން މިވެރިކަމުގައި 127 ރަށަކަށް އެމްބިއުލަންސް ފޯރުކޮށްދީފައިވާ ކަމަށާއި، 152 ރަށުގައި އިންޖީނުގެ އަޅާ، ޖެނަރޭޓަރު ބަދަލުކޮށް ނެޓްވޯޓު ބަދަލުކުރަންޖެހުނުކަން މާރިޔާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ގާތްގަނޑަކަށް 125 ރަށުގެ ބަނދަރު ފުންކޮށް ބޮޑުކުރަން ޖެހުނު ކަމަށެވެ. ބައެއް ރަށްރަށުގައި ދެވަނަ ފަހަރަށް ބަނދަރުގެ މަސައްކަތް ކުރަންޖެހުނީ ކުރީ ސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވާ ގޮތުން ކަމަށާއި، މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވަނީ ކަމަކަށް ކަމެއް ކުރާ އުސޫލުން ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާލެ ސިޓީއަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވީ ޕާކިންގެ މައްސަލަ ހައްލުކުރުމަށް ކުރީ ސަރުކާރުގައި މުއިއްޒު ހުންނަވައި މާލެއަށް ގެނައީ މެކޭނިކަލް ޕާކިން ސިސްޓަމަށް ބައު ދަގަނޑު ކަމަށެވެ.

އަޅުގަނޑުމެންގެ ސަރުކާރު ކަންކުރަނީ ޕީއެންސީގެ މުއިއްޒު މާލޭގެ މަގުތަކަށް ގެނެސް ލިފްޓުތަކެއް މެކޭނިކަލް ޕާކޭ ކިޔާފަ ބާދަނޑަށް ހަދާފައި މިހާރު ހުޅުމާލޭގައި ހަދާފައި ހުރި ކަހަލަ ލިފްޓްތަކެއް ގެނެސްގެން ނޫނޭ. މައްޗަށް ކާރަށް އޭގައި އަރާފިއްޔާ ތިރި ކުރެވޭނެ ނެތް. މިގޮތަށް އެކަން ކުރަމުންދިޔައީ. މިހާރު ތިބޭފުޅުނަށް ރަށްރަށަށް އަރައިވަޑައިގެންނެވީމަ ފެންނާނެ ފެންވަރު ރަނގަޅު އެމްބިއުލާންސްތަކާއި ފެންވަރު ރަނގަޅު އެމްބިއުލާންސްތަކާއި ޖެނަރޭޓަރުތަކުން އަބަދު ކަރަންޓު ނުދާ ގޮތަށް ކަންކަން ކުރެވިފައި ވަނިކޮށް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕޭނު ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ

މީގެ އިތުރުން މާރިޔާ ވަނީ 2018 ވަނަ އަހަރު ރާއްޖޭގެ ހާލަތަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މާރިޔާ ވިދާޅުވީ 2018 ގައި އޮތް އަނިޔާވެރިކަމާއި 2018 ގައި އޮތް ޚުދުމުހުތާރު ކަމާއި 2018 ގައި މިނިވަން މުއައްސަސާތަކުގެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ ޖަލުގައި ކަމަށެވެ.

މާރިޔާ ވިދާޅުވީ މިއަދު ލިބިފައިވާ މިނިވަންކަމާއެކު މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިޚާބު ކަމަށެވެ. އަދި މިއަދު ނޫސްވެރިކަމުގެ މިނިވަންކަން ވެސް އިންތިހާއަށް އިތުރުވެފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް