ގްރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗުންވެސް މޮޅުވެ, އެއްވަނަ ޓީމުގެ ގޮތުގައި ގައުމީ ފިރިހެން ބެޑްމިންޓަން ޓީމް ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި ރައްޖޭގެ ފިރިހެން ޓީމް ދެ މެޗު ކާމިޔާބުކުރީ މަޑަގަސްކަރައާއި މަޔޯޓް ބަލިކޮށްގެންނެވެ. މިގްރޫޕްގައި ހިމެނެނީ މި ތިން ގައުމެވެ.
ހެނދުނު ފުރަތަމަ މެޗުގައި މަޑަގަސްކަރަ ބަލިކުރީ 4-1ންނެވެ. ބަލިވީ ފުރަތަމަ ޓައިންނެވެ. ފުރަތަމަ ސިންގަލްސްގައި ގައުމީ ޗެމްޕިއަން ހުސައިން ޒަޔާން ޝަހީދު ޒަކީ ބަލިވީ ހޫލިއޯ ރަންޑްރިއަމަލާލާއާ ވާދަކޮށް 3-1 ސެޓުންނެވެ. ފުރަތަމަ ސެޓް 21-18އިން ޒަޔާން ގެންދިޔަނަމަވެސް، ޖެހިގެން އައި ދެ ސެޓް މަޑަގަސްކަރަ ކުޅުންތެރިޔާ ގެންދިޔައެވެ. އެއީ 21-14, 21-16އިންނެވެ.
ދެވަނައަށް ކުޅެން ނިކުމެ ނިބާލް އަހުމަދު ވަނީ ސީދާ ދެ ސެޓުން މާރކް ހާޖާ ވޮންޖިނިރީނާ ބަލިކޮށްފައެވެ. އެއީ 21-16, 21-13އިންނެވެ. ތިންވަނަ ޓައިގައި މުހައްމަދު އަޖުފާން ރަޝީދު ވަނީ ރަހަރީ ރަމަނަނާ ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. އެއީ 21-17, 22-20ންނެވެ. ފުރަތަމަ ޑަބަލްސްގައި އަޖުފާންއާއި ނިބާލް ނިކުމެ ސީދާ ދެ ސެޓުން ބަލިކުރީ މާރކްއާއި ހޫލިއޯއެވެ. އެއީ 23-21 އަދި 21-15އިންނެވެ. ފަހު ޓައިގައި ޒަޔާންއާއި މުހައްމަދު ތޯއިފް ނިކުމެ ބަލިކުރީ ރިއާނާއާއި ރަހަރީގެ ޕެއަރއެވެ. އެއީ 21-17, 21-16އިންނެވެ.
މެންދުރު ފަހު ދެވަނަ މެޗުގައި ރާއްޖެއިން ކޮމޮރޯސް ބަލިކުރީ 5-0ންނެވެ. ފުރަތަމަ ނިބާލް ކުޅެން ނިކުމެ ކޮރެންޓިން ލެޕޮއިވާ ބަލިކުރީ ސީދާ ދެ ސެޓުންނެވެ. އެއީ ފަސޭހަކަމާއެކު 21-5, 21-3ންނެވެ. ތޯއިފް ވަނީ 2-1ން ކޮލިން ގަލޮޓް 2-1 ސެޓުން ބަލިކޮށްފައެވެ. މި މެޗުގައި ގެއްލުނު ހަމަ އެކަނި ސެޓަކީވެސް މިއީއެވެ. ތޯއިފް ސެޓްތައް ގެންދިޔައީ 21-16, 19-21 އަދި 21-7ންނެވެ. ރިޝްވާން ޝިޔާމް ވަނީ ސީދާ ދެ ސެޓުން ގުއިލާމް ޖޭ ބޯރެލް ބަލިކޮށްފައެވެ. ސެޓްތައް ގެންދިޔައީ 21-3, 21-8ންނެވެ. ފުރަތަމަ ޑަބަލްސްގައި ޒަޔާންއާއި ނިބާލް ނިކުމެ ކޮލިން ގަލޮޓް އަދި ކޮރެންޓިން ބަލިކުރީ ސީދާ ދެ ސެޓުންނެވެ. އެއީ 21-8, 21-12ންނެވެ. އަޖުފާންއާއި ތޯއިފް ނިކުމެ ބަލިކުރީ މަތިއުއާއި އެމަނުއެލް އެކްސް ރޮޒާންޑްއެވެ. އެއީ 21-6, 21-9ންނެވެ.