ގދ.ގައްދޫގައި މުއްދަތު ހަމަވެފައިވާ އައިވީތަކެއް ކުޑަކުދިންތަކަކަށް ދިން މައްސަލައެއް ފެންމަތިވެ މައްސަލަ ބަލަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހެލްތު މިނިސްޓްރީން އެފަދައިން ބުނެފައި ވަނީ މުއްދަތު ހަމަވެފައިވާ އައިވީތަކެއް ކުޑަކުދިންތަކަކަށް ދިން މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެރަށުގައި މުޒާހަރާ ވެސް ކޮށްފައި ވަނިކޮށެވެ. އެ މައްސަލަ އާއި ގުޅިގެން ހަތަރު މުވައްޒަފުން ގޭގައި މަޑުކުރަން އަންގާފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. އަދި މައްސަލަ އިތުރަށް ތަހުގީގުކުރާ ކަމަށާއި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަޤީންކަން އެ މިނިސްޓްރީން ވަނީ ދީފައެވެ.
އެ ރަށުން ރާއްޖެ އެމްވީ އާއި ވާހަކަދެއްކި މީހަކު ބުނީ އެ ރަށުގައި މުއްދަތު ހަމަވެފައިވާ އައިވީ 3 ކުޑަ ކުދިންނަށް ދީފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން އާއްމުން ވަރަށް ބޮޑަށް ނުރުހުންވެ މުޒާހަރާކޮށްފައިވާ ކަމަށާއި މައްސަލަ ސަމާލުކަމަށް އައީ އެ ހިސާބުން ކަމަށެވެ. އަދި މި މައްސަލަ އޮއްބާލުމަށް ބަޔަކު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ބައެއް އާއްމުން ތުހުމަތުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.