ކ. މާލެ
|
20 އޯގަސްޓް 2023 | އާދީއްތަ 19:54
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އައު ވެބްސައިޓް
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އައު ވެބްސައިޓް
ރާއްޖެއެމްވީ
ވެބްސައިޓް ލޯންޗުކުރުން
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އައު ވެބްސައިޓް އިފްތިތާހުކޮށްފި
މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ
ވެބްސައިޓާއެކު އެމް.ކިއު.އޭ.އިން ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ

ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން ހަދާފައިވާ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އާ ވެބްސައިޓް އިފްތިތާހުކޮށްފިއެވެ.

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ 23 ވަނަ އަހަރީ ދުވަހާ ދިމާކޮށް، އާދިއްތަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ވެބްސައިޓް ލޯންޗް ކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަންއެވެ.

މިއީ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު ކާމިޔާބު މަސައްކަތެއް ކަމަށް އެއޮތޯރިޓީން ބުނެއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ، އެމް.ކިއު.އޭ.ގެ ވެބްސައިޓް މައުލޫމާތުން މުއްސަނދި ވެބްސައިޓެއްގެ ގޮތުގައި ފެނިގެން ދިއުމަކީ މުހިއްމުކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެމް.ކިއު.އޭ.އަކީ ރާއްޖޭގައި މަތީ ތައުލީމު ރެގިއުލޭޓްކުރާ ހަމައެކަނި އޮތޯރިޓީއަށް ވުމާއެކު މި ވެބްސައިޓުން އެންމެ ފަހުގެ މައުލޫމާތުތައް ލިބިގެން ދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި ވެބްސައިޓާއެކު އެމް.ކިއު.އޭ.އިން ޚިދުމަތް ހޯދަމުން ގެންދާ ފަރާތްތަކަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެކަމަށެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. އަބްދުލް ހަންނާނު ވަހީދު ވިދާޅުވީ މި ވެބްސައިޓް ފަރުމާ ކުރުމުގައި އެ އޮތޯރިޓީން ޚިދުމަތް ހޯދާ ފަރާތްތަކާއި، އެ އޮތޯރިޓީގެ ވެބްސައިޓް ބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ސަމާލުކަމެއްދީ ވީހާވެސް ޔޫޒަރ ފްރެންޑްލީ ވެބްސައިޓެއް ވުޖޫދަށް ގެނައުމަށް ވިސްނާފައިވާކަމަށެވެ. ސަބަބަކީ އެ އޮތޯރިޓީގެ ވެބްސައިޓަކީ ހަމައެކަނި ދިވެހިން ބޭނުންކުރާ ވެބްސައިޓެއް ނޫން ކަމާއި ދުނިޔޭގެ އެކިއެކި ގައުމުތަކުންވެސް އެކިއެކި މައުލޫމާތުތައް ހޯދުމަށް ބޭނުންކުރަމުން އަންނަ ވެބްސައިޓެއްކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ އިސް ވެރިން ބައިވެރިވެވަޑައިގެންފައި ވާއިރު، މި ރަސްމިއްޔާތުގައި މި ވެބްސައިޓް ފަރުމާކުރުމުގެ މޭސްތިރިން ކަމުގައިވާ ޖަވާބު އެކަޑަމީގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

- ކޮމެންޓް