ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި އިދާރާތަކުން ގުޅިގެން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވެއްޖެއެވެ.
ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކޮށް ބަލިތައް ގިނަވާން ދިމާވާ ހިރާސްތަކުން ރައްކާތެރިވުމާއި ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް، އެޗްޕީއޭއާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ގުޅިގެން " އޯލް ހޭންޑްސް އޮން ޑެކް" އެންސީޑީ އެޑްވޮކަސީ ފޯރަމްގައި ވާހަކަ ދައްކަވަމުން އާދިލް ވިދާޅުވީ ދިރިއުޅުމުގެ އާދަކާދަތަކުގެ ސަބަބުން ކުރިމަތިވާ ބޮޑެތި ބަލިތަކުގެ މައްސަލައަކީ ސަރުކާރުގެ ސަމާލުކަމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އައިސްފައިވާ ކަމެއް ކަމަށެވެ. އެގޮތުން ހަކުރު ގިނަ ބުއިންތަކާއި ސުޕާރިއާ އެ ނޫންވެސް ސިއްހަތަށް ގެއްލުން ހުރި ބާވަތްތަކާމެދު ހޭލުންތެރިކަން އިތުރުކޮށް ރައްޔިތުންނަށް ސިއްހީ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއް ކަމަށެވެ.
ގައިން ގަޔަށް ނާރާ ބަލިތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށާއި ގައިން ގަޔަށް ނާރާ ބަލިތަކަކީ ތިމާ މީހާގެ އަމިއްލަ އަމަލުތައް ބަހައްޓާ ގޮތުން ދިމާވާ ކަމެއް ކަމަށާއި ޤާނޫނީ ގޮތުންނާއި އިދާރީ ގޮތުންނާއި ނިޒާމީ ގޮތުން ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށް އާދިލް ވިދާޅުވިއެވެ. އަދި ޕަބްލިކް ހެލްތް ފަންޑް އެކްޓިވޭޓް ކުރެވި އެ ފަންޑަށް ފައިސާ ހޯދާ ޖަމާކުރުމުގެ މަގުފަހި ކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
"އޯލް ހޭންޑްސް އޮން ޑެކް" އެންސީޑީ އެޑްވޮކަސީ ފޯރަމްގެ ބޭނުމަކީ ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގައި 2030އާ ހަމައަށް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް، ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި، މަދަނީ ޖަމްއިއްޔާތައް، އަދި އަމިއްލަ ފަރާތްތަކާ ގުޅިގެން އެކުގައި މަސައްކަތްކުރާނެ ގޮތްތަކެއް ކަނޑައެޅުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ ދެމެހެއްޓެނިވި ތަރައްގީގެ އެއް ލަނޑުދަނޑި ކަމުގައިވާ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާމީހުންގެ ނިސްބަތް ތިންބައިކުޅަ އެއްބަޔަށް، 2030 ވަނަ އަހަރުގެ ކުރިން މަދުކުރުން ހިމެނޭ ކަމަށެވެ. ނަމަވެސް މި ލަނޑުދަނޑި ހާސިލްކުރުމުގައި ދިމާވެފައިވާ އެންމެބޮޑު އެއް ގޮންޖެހުން ގުޅިފައިވަނީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.