ކ. މާލެ
|
15 އޯގަސްޓް 2023 | އަންގާރަ 17:14
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ބީބީސީ
އިންޑިޔާގެ މިނިވަން ދުވަސް
މުޅި އިންޑިޔާ އޮތީ މަނީޕޫރާއެކު – ނަރެންދުރަ މޯދީ
 
މަނީޕޫރުގައި ހިނގާ ހަމަނުޖެހުންތަކުގައި މިހާތަނަށް 140ށްވުރެ ގިނަ މީހުން ވަނީ މަރުވެފައި

އިންޑިޔާގެ މަނީޕޫރު ސްޓޭޓްގައި ހިންގަމުންދާ ހަމަނުޖެހުންތައް ހުއްޓުވައި އެ ސްޓޭޓަށް އަމާންކަން ގެނައުމަށް އިންޑިޔާގެ މުޅިސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

އެގައުމުގައި އަންގާރަ ދުވަހު ފާހަގަކުރަމުންދާ 77ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބް ކުރައްވައި ދެއްވި ތަގުރީރުގައި މޯދީ ވިދާޅުވީ، މުޅި އިންޑިޔާ އޮތީ މަނީޕޫރާއެކު ކަމުގެ ޔަގީންކަން އެ ސްޓޭޓްގެ ރައްޔިތުންނަށް ދެއްވަން ބޭނުންފުޅުވާ ކަމުގައެވެ.

މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން، ޚާއްސަ ތާރީޚީގޮތުން ބިނާއެއްކަމަށްވާ ވެރިރަށް ޑެލްހީގެ ރެޑް ފޯޓްގައި މޯދީ ވަނީ ގައުމީ ދިދަ ނަންގަވައިދެއްވާފައެވެ. އެއަށްފަހު ދެއްވި 90 މިނެޓްގެ ތަގުރީރު ވަނީ ޓީވީތަކުން ވަގުތުން ދުރަށް ދައްކާފައެވެ. މިތަގުރީރުގައި މައިގަޑުގޮތެއްގައި އަލިއަޅުއްވާލެއްވި ބައިތަކުގެ ތެރޭގައި؛ އިންޑިޔާއަށް ކުރިމަތިވަމުންދާ ގުދްރަތީ ކާރިސާތަކާއި ގައުމުގެ އިގްތިސާދު، އަދި ބޮޑުވަމުންދާ އިންޑިޔާގެ އާބާދީގެ ހިމެނެއެވެ.

ނަސްލީ ތަޅާފޮޅުމާއި ލޭއޮހޮރުވުންތަކުގެ މައްސަލަތައް ބޮޑުވެފައިވާ މަނީޕޫރާ ބެހޭގޮތުން ބޮޑުވަޒީރު ވިދާޅުވީ، އެތަނަށް ހަމަޖެހުން ގެނެވޭނީ ސުލްހަވެރިކަން އިސްކޮށްގެން ކަމަށެވެ.

މަނީޕޫރުގައި ތަފާތު ގަބީލާތަކުގެ މެދުގައި އުފެދުނު ދެބަސްވުމާއި ހަމަނުޖެހުމުގެ ތެރޭން، މީހުން މެރުމާ ރޭޕްކުރުން ފަދަ ކަންކަން އާންމުވެ، މިހާތަނަށް 140ށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެތަނުގެ މައްސަލަ އެހާ ބޮޑުވެގެން ދިޔައިރުވެސް އެކަމާ އެއްޗެއް ވިދާޅުނުވާތީ މޯދީއަށް ވަރަށް ބޮޑަށް ފާޑުކިއުންވަނީ އަމާޒުވެފައެވެ.

އިންޑިޔާގެ އިގްތިސާދާ ބެހޭގޮތުން މޯދީ ވިދާޅުވީ، މިއަދު އިންޑިޔާގެ އިގްތިސާދަކީ ދުނިޔޭގެ ފަސްވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށާއި، ކުރިޔަށް އޮތް ފަސްއަހަރުގެ ތެރޭގައި އެންމެ ކުރިއަރާފައިވާ ތިން އިގްތިސާދުގެ ތެރޭގައި ހިމެނޭނެ ކަމަށެވެ. އަދި 2047ވަނަ އަހަރު އިންޑިޔާގެ މިނިވަންކަމަށް ސަތޭކަ އަހަރު ފުރޭއިރު، އިންޑިޔާ ހިމެނޭނީ ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައިކަމަށް މޯދީ ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް