ކ. މާލެ
|
14 އޯގަސްޓް 2023 | ހޯމަ 14:23
ރިޔާސީ އިންތިޚާބު 2023ގެ ގައުމީ ލަފާދޭ ކޮމެޓީގެ ތިންވަނަ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވާހަކަފުޅު ދައްކަވަނީ
ރިޔާސީ އިންތިޚާބު 2023ގެ ގައުމީ ލަފާދޭ ކޮމެޓީގެ ތިންވަނަ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2023
ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕަށް ދިނުމަށް ފައިނަލައިޒް ކުރާނެ: ހަބީބު
ލޮޖެސްޓިކް މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދޭ
މިފަހަރުގެ ވޯޓު ކަރުދާހުގައި ވެސް ސެކިއުރިޓީ ފީޗަރސް ހުންނާނެ
މުޅި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެ

ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕަށް ދިނުމަށް ފައިނަލައިޒް ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބު 2023ގެ ގައުމީ ލަފާދޭ ކޮމެޓީގެ ތިންވަނަ ބައްދަލުވުމުގައި ހަބީބު ވިދާޅުވީ އިންތިޚާބާއި ގުޅިގެން ކުރަންޖެހޭ ލޮޖެސްޓިކް މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ވޯޓު ކަރުދާސް ޑިޒައިންކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި ޗާޕަށް ދިނުމަށްޓަކައި ވޯޓު ކަރުދާސް ފައިނަލައިޒްކުރާނެ ކަމަށް ހަބީބު ވިދާޅުވިއެވެ. އަދި މިފަހަރުގެ ވޯޓު ކަރުދާހުގައި ވެސް ސެކިއުރިޓީ ފީޗަރސް ހުންނާނެކަން ހަބީބު ފާހަގަކުރެއްވިއެވެ.

ވޯޓު ކަރުދާސް ޑިޒައިންކޮށް ޗާޕަށް ދިނުމަށްޓަކައި ގާތްގަނޑަކަށް ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭގައި އަޅުގަނޑުމެން ފައިނަލައިޒްކުރާނަން ވޯޓު ކަރުދާސް. ވޯޓު ކަރުދާސް ހުންނާނީ ހަމަ ކުލައިން. ސެކިއުރިޓީ ފީޗަރސްހަމަ އެހެން ފަހަރުތަކާ އެއްގޮތަށް މިފަހަރު ވެސް ސެކިއުރިޓީ ފީޗަރސްވެސް ހުންނާނެ. ސެކިއުރިޓީ ފީޗަރސްގެ މައުލޫމާތު އަޅުގަނޑުމެންގެ ވޯޓުލާ މަރުކަޒުގައި ވެރިންނަށް އަޅުގަނޑުމެން އަރުވާނަން. އެއްވެސް ކަހަލަ ކަމެއް ދިމާވެއްޖެނަމަ ބަލަން އޮންނަ އެއްޗެއް ސެކިއުރިޓީ ފީޗަރސްއަކީ. މީގެ ކުރިން ބައެއްފަހަރު ބުނޭ ސެކިއުރިޓީ ފިޗަރސްގެ މައުލޫމާތު ހިއްސާކޮށްފައިނެތޭ. ނަމަވެސް އެ މައުލޫމާތަކީ ވަރަށް ހައްސާސް ވަރަށް މުހިންމު ވަރަށް ބޮޑަށް އަޅުގަނޑުމެން ހިފަހައްޓަންޖެހޭ އާއްމުކުރަން ނުޖެހޭ މައުލޫމާތެއް. އާއްމުކުރަންޖެހޭ ހާލަތުގައި އިލެކްޝަން ކޮމިޝަނުން އެ މައުލޫމާތު ކުރަންޖެހޭ މިންވަރަށް އެފަރާތްތަކަށް އެމައުލޫމާތު އާއްމުކުރާނެ
އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބު

އޮފިޝަލުން ތަމްރީންކުރުމާއި ގުޅޭގޮތުން ހަބީބު ވިދާޅުވީ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުން މިދިޔަ މަހުގެ ތެރޭގައި ތަމްރީން ކޮށްފައިވާ ކަމަށެވެ. ގާތްގަނޑަކަށް 80 އޮފިޝަލުން ތަމްރީން ކޮށްފައިވާ ކަމަށާއި، ގިނައީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ޓްރައިނަރުން މެދުވެރިކޮށް އަތޮޅުތެރޭގައި މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން މިމަސް ނިމެންދެން ތަމްރީން ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށެވެ.

އޮފިޝަލުން ލިބުމުގައި އަދިވެސް އެބައުޅޭ ދަތިކަމެއް އަޅުގަނޑުމެން ބޭނުންވާ އަދަދަށް އަދިވެސް އޮފިޝަލުން ހަމައެއް ނޫން. ނަމަވެސް އަޅުގަނޑުމެންނަށް މެނޭޖްކުރެވޭނެ. ގާތްގަނޑަކަށް ދެން އަޅުގަނޑުމެންނަށް ދަންނަވާލެވިދާނެ މިހާރު ނުލިބެނީ ރީޒްވް ފޯސްގެ އޮފިޝަލުންނޭ. ގާތްގަނޑަކަށް ދެން 200 ނުވަތަ 300 އޮފިޝަލުން ލިބުމުން އެއްވެސް ދައްޗެއް ނެތި އަޅުގަނޑުމެންނަށް އިންތިޚާބުގެ ވޯޓުލާ މަރުކަޒުގެ އޮފިޝަލުންގެ ކަންކަން ހަމަޖެއްސޭނެ.
އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބު

ވޯޓު ފޮއްޓަށް އިޝާރާތްކުރައްވައި ހަބީބު ވިދާޅުވީ މުޅި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެ ކަމަށާއި، މާލެ ސަރަހައްދުގައި 176 ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. މާލެ ފިޔަވައި ސިޓީތަކާއި އަތޮޅުތަކުގައި 384 ވޯޓު ފޮށި، ސިނާއީ މަސައްކަތް ކުރާ ތަންތަނާއި ޖަލުތަކުގައި 6 ވޯޓު ފޮށި، ރާއްޖެއިން ބޭރުގައި 8 ވޯޓު ފޮށި ބަހައްޓާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގެ ފަސްގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެއީ ސްރީލަންކާ، އިންޑިއާ، މެލޭޝިޔާ، އިނގިރޭސިވިލާތް އަދި އަބޫދާބީ ގައެވެ. އެގޮތުން ސްރީލަންކާގައި ދެ ވޯޓު ފޮށި، މެލޭޝިޔާގައި 3 ވޯޓު ފޮށި އަދި އެހެން ކޮންމެ ގައުމެއްގައި އެއް ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

- ކޮމެންޓް