ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކޮށް, ރިޝްވަތު ނެގި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ފަރާތްތަކެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި އަޑުއެހުމުގައި އޮތީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ.
މެލޭޝިއާގައި ހުންނަ ހައިކޮމިޝަން މެދުވެރިކޮށް މި އަޑުއެހުމުގައި ވަނީ ދައުލަތުގެ ހެކިވެރިއެއްކަމަށްވާ މުހައްމަދު ޝިފާއު ހާޒިރުކޮށްފައެވެ.
އޭނާއަކީ ކުރިން އެމްއެމްޕީއާރްސީގައި މަސައްކަތް ކުރެއްވި ފަރާތެކެވެ.
އޭނާ ވިދާޅުވީ، ރ ފުއްގިރިއާ ގުޅޭގޮތުން ކްރިކް ރިޒާއާއެކު އެމްއެމްޕީއާރްސީން ބައްދަލުވުންތަކެއް ކުރިއަށް ދިޔަ ކަމަށެވެ. އެ ބައްދަލުވުންތަކުގައި އިތުރު ފަރާތްތައްވެސް ބައިވެރިވިކަމަށް އޭނާ ވިދާޅުވިއެވެ.
ފުއްގިރި ހުށައެޅިފައިވާ އަގަކަށްވުރެ ކުޑަ އަގަކަށް ދޫކުރައްވަނީ ކީއްވެތޯ އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތު ގާތު ސުވާލު ކުރުމުން، އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަންގަވައިގެންކަމަށް އެބޭފުޅުން ވިދާޅުވިކަމަށް ހެކިވެރިޔާ ހެކިބަސް ދެއްވަމުން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެމްއެމްޕީއާރްސީގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި އޭނާ ބައިވެރިވެފައި ނުވާ ކަމަށާއި، ނަމަވެސް ބައްދަލުވުމާ ގުޅޭގޮތުން ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރެއްވި ކަމަށެވެ.
އެ ބައްދަލުވުމުގެ ތެރެއިން ނައިބްރައީސް އަހުމަދު އަދީބުގެ ބޮޑީގާޑު އައިސް ދަބަހެއް ދިންކަމަށްވެސް ހެކިވެރިޔާ ވިދާޅުވިއެވެ.
އެއީ އެމްއެންޑީއެފްގައި އެސްޕީޖީގައި އޭރު ނައިބްރައީސް އަހުމަދު އަދީބުގެ ސެކިއުރިޓީ ބެލެހެއްޓުުމުގައި ޙަރަކާތްތެރިވި އަހުމަދު އާމިރެވެ.
މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި އާމިރުގެ ހެކިބަސް ނަގާފައިވާއިރު، އޭނާ ވަނީ ކްރިކް ރިޒާއާއި، އަލީ މައުރޫފާއި އިތުރު ބޭފުޅުން އެމްއެމްޕީއާރްސީގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވި މަންޒަރު ފެނިފައިވާކަމަށް ބުނެފައެވެ.
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރިޝްވަތު ނެންގެވި ކަމަށް ޔާމީނުގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. ޔާމީނުގެ އިތުރުން އިތުރު ދެ ކުންފުންޏެއްގެ ބައިވެސް މި މައްސަލައިގައި ކުރިއަށްދެއެވެ.
މި މައްސަލައިގައި ދެން ބާކީ ނުނެގި ވަނީ ދައުލަތުގެ އެއް ހެއްކެއްގެ ހެކިބަހެވެ.