އެންމެ ފަޚުރުވެރިވެވަޑައިގަންނަވާ ކަމަކީ ހިލޭ ޑިގްރީގެ ދަށުން ޒުވާނުންނަށް ފަހިކޮށްދެވުނު ފުރުސަތުތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެ ރޭ ނ. ވެލިދޫގައި އޮތް އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ ތައުލީމަކީ އިތުރު އެހެން ފުރުސަތަކަށް ވާސިލްވެވޭ ދޮރާށި ކަމަށެވެ. ސަރުކާރުން މި ދާއިރާއަށް ގިނަ މަސައްކަތްތައް ކުރެވިފައިވާއިރު އެމަނިކުފާނު އެންމެ ފަޚުރުވެރިވާ ކަމަކީ ހިލޭ ޑިގްރީގެ ދަށުން ޒުވާނުންނަށް ފަހިކޮށްދެއްވި ފުރުސަތުތައް ކަމަށް ރައީސް ވިދާޅުވިއެވެ.
ޒުވާނުން ބޭނުންވަނީ މިއަދަށްވުރެ މުސްތަޤްބަލު ފަހިވުމަށް ކަމަށާއި ދިރިއުޅުން އިތުރަށް އުޖާލާ ކުރަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ހުރިހާ ޒުވާނުންނަކީ އެކަޑަމިކް ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުން ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފަންނީ އެކި ޕްރޮގްރާމުތަކުގައި މިހާރު ވެސް ޒުވާނުން ބައިވެރިވަމުންދާ ކަމަށެވެ. ރަނގަޅު ތައުލީމަކުން ހުރިހާ ކަމެއް ހައްލު ނުކުރެވޭނެ ކަމަށާއި މި މުޖުތަމައުގައި އިޖުތިމާއި މައްސަލަތައް ހުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ޑްރަގުގެ މައްސަލަ އަކީ މުޖުތަމައުއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށާއި އެފަދަ މީހުން އަނބުރާ މުޖުތަމައުއަށް ގެނައުމަށްޓަކައި ގެންގުޅެންޖެހޭނީ ކުލުނުވެރި ގޮތްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ޑްރަގުގެ މައްސަލައަކީ 30 ނޫނީ 40 އަހަރުގެ ބޮޑު އިހުމާލެއް ކަމަށާއި މައްސަލަ އެއްކޮށް ހައްލު ކުރުމަށް ވަގުތު ނަގާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކޮންމެ ބާވަތެއްގެ ކުށަކަށް މީހަކު ހުށަހެޅުނު ކަމަށް ވިޔަސް ، އެކުށަކަށް ޒިންމާ އެމީހަކު ނެގުމަށްފަހު، ޚާއްސަ ރިހެބިލިޓޭޝަން ޕްރޮގްރާމު ހިންގިގެންދާނެ ކަމަށެވެ.
ޒުވާނުން ބަލައިގަންނަފަދަ ގިނަ މަސައްކަތެއް މި ސަރުކާރުން ކުރެވިފައިވާ ކަމަށާއި އަދިވެސް އިތުރު މަސައްކަތްތައް ކުރަން އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓް ދެއްވާއިރު އެމްޑީޕީގެ ސިޔާސަތުތަކާއި އެހެން ކެންޑިޑޭޓުންގެ ސިޔާސަތުތައް މިނެކިރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީން ގެންގުޅޭ ސިޔާސަތުތައް އެހެން އެއްވެސް ބޭފުޅަކަށް ހުށަނޭޅުއްވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ވެލިދޫގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ޖޫނިއަރ ކޮލެޖާއި ހޮސްޕިޓަލާއި ބަނދަރުގެ މަޝްރޫއުގެ މަސައްކަތް ކަމަށާއި މި ތިން މަޝްރޫއުގެ މަސައްކަތް ވެސް ހިނގަމުންދާ ތަން ރައްޔިތުންނަށް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ޕިކްނިކް އައިލެންޑް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް ބަޔަކާ ހަވާލުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.