ރ.ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
މި އަޑުއެހުން ތާވަލުކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 09:00 އަށެވެ.
މި މައްސަލައިގައި އޯގަސްޓު މަހުގެ 2 ވަނަ ދުވަހުވެސް އަޑުއެހުމެއް ތާވަލުކުރިއެވެ. ނަމަވެސް އެ އަޑުއެހުން ކެންސަލްކުރީ ޔާމީނުގެ އެދިވަޑައިގެންނެވުމުގެ މަތިންނެވެ.
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރިޝްވަތު ނެންގެވި ކަމަށް އެމަނިކުފާނުގެ މައްޗަށް ވަނީ ތުހުމަތުކުރެވިފައެވެ.
ޖުލައި މަހުގެ 23 އަށް މި މައްސަލައިގެ އަޑު އެހުމެއް ތާވަލް ކުރިއެވެ. ނަމަވެސް އެ އަޑުއެހުން ކެންސަލްވެފައިވަނީ މައްސަލައިގައި ދައުވާލިބޭ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިޔަރިންގގެ ވަކީލުގެ އެހެން ބައްދަލުވުންތަކެއް ކުރިން ތާވަލު ކުރެވިފައި ހުރުމުންނެވެ.
މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ 20 ޖުލައިގައެވެ. އެ ދުވަހު ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން މެދުވެރިކޮށް ލަންކާ ރައްޔިތެއްކަމަށްވާ ސިރިތާ ކުމާރުގެ ހެކިބަސް ނެގުން ކުރިއަށް ގެންގޮސްފައެވެ.