ކެންޑިޑޭޓުންގެ އިންތިޚާބީ ހައްގުތަކަށް އުނިކަން ނާންނާނެގޮތުގެ މަތިން ކެމްޕޭނު ހަރާކަތްތައް ކުރިޔަށް ގެންދަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ހަބީބު ވިދާޅުވީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ތާއީދުކުރާ މީހުން ކެމްޕޭނު ހަރަކާތްތައް އަމާންކަމާއި އޮމާންކަމާއެކީ ކުރިޔަށް ގެންދިޔުމަކީ ކެންޑިޑޭޓުންނަށާއި، ތާއީދު ކުރާ މީހުންނަށް ލިބިފައިވާ ހައްގެއް ކަމަށެވެ.
ހަބީބު ވިދާޅުވީ ކެމްޕޭނު ކުރުމުގައި އެއްވެސް ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަކަށް އުނިކަން އަންނަގޮތަށް، ގަދަރާއި އިހްތިރާމް ކުޑަކުރުމުގެ ސަބަބުން، އަނެކާއަށް އެ ހައްގު މިނިވަން ގޮތުގައި އިޚްތިޔާރު ކުރުމަށް، ހުރަސްއެޅޭ ފަދަ އަމަލު ކުރުމަކީ، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 74 ވަނަ މާއްދާއިން މަނާކުރާ ކަމެއް ކަމަށެވެ. ހަބީބު ވިދާޅުވީ ކެންޑިޑޭޓުންގެ ކެމްޕޭނަށް ހުރަސް އެޅުމުގެ ގޮތުން، ކެމްޕޭން ހަރަކާތް ބޭއްވޭ ސަރަހައްދުގައި އަޑުގަދަކޮށް ކެމްޕޭނުގެ މެސެޖު ފޯރުކޮށްދިނުމަށް ހުރަސް އެޅޭ ގޮތަށް އަމަލުކުރުމާއި، މުދަލަށް ގެއްލުން ދިނުމާއި، ކެންޑިޑޭޓުންގެ ދަތުރުތަކަށް ހުރަސް އެޅުން ފަދަ ކަންކަމަކީ ގިނަ ކެންޑިޑޭޓުން ކުރިމަތި ލާފައިވާ މި ރިޔާސީ އިންތިޚާބު އަމާން ކަމާއި އޮމާންކަމާއެކު ގެންދިޔުމަށް ހުރަސް އެޅިދާނޭ ކަންކަން ކަމަށެވެ.
ޚިޔާލު ފާޅުކުރުމުގެ ހައްގުގެ ބޭނުންކުރުމުގައި، ކެންޑިޑޭޓުންގެ އަބުރަށް ހުތުރުވާ ގޮތަށް ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި، ދޮގު އިލްޒާމު އެޅުވުމަކީ، ސުލްހަވެރި ސިޔާސީ ހަރަކާތުގެ ހަމަތަކާ ޚިލާފުކަމެއްކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ، އެއީ ހަމަނުޖެހުމަށް މަގުފަހިވެދާނެ ކަންކަން ކަމަށާއި، ތިމާޔަށް ލިބިގެންވާ ހައްގުތަކުގެ ބޭނުންކުރުމުގައި، އަނެކާގެ ހައްގުތަކަށް އިހުތިރާމު ކުރުމަކީ ތަހުޒީބު މުޖުތަމައެއްގެ އަސާސް ކަމަށެވެ.
މީގެ އިތުރުން ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދުކުރުމުގެ މަސައްކަތްތަކުގައި ޝާމިލްވެ އުޅޭ އެންމެހައި ފަރާތްތަކުން، ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްވާ ގޮތުގެ މަތިން އަދި ކެންޑިޑޭޓުންގެ އިންތިޚާބީ ހައްގުތަކަށް އުނިކަން ނާންނާނެގޮތުގެ މަތިން ކެމްޕޭނު ހަރާކަތްތައް ކުރިޔަށް ގެންދިޔުމަށް ހަބީބު ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ކައުންސިލްތަކުން ވެސް އެއްވެސް ކެންޑިޑޭޓަކަށް ތަފާތު ކުރުމެއްނެތި، ހަމަހަމަ އުސޫލުން ކެމްޕޭނު ހަރަކާތްތައް ހިންގުމުގެ މާހައުލު ތަނަވަސް ކޮށްދިނުމަށް ހަބީބު ވަނީ އެދިވަޑައިގެންފައެވެ.