ކ. މާލެ
|
9 އޯގަސްޓް 2023 | ބުދަ 15:57
ޕަލަސްޓީނިއަން ސްވިމިންގ އެކަޑަމީއަކީ މަޖުދީގެ އަމިއްލަ ސްކޫލެއް. އެ ސްކޫލުގެ ދަރިވަރުންގެ ލިސްޓުގައި ކުޑަ ކުދިންނާއި ބޮޑެތި މީހުންވެސް ހިމެނޭ
ޕަލަސްޓީނިއަން ސްވިމިންގ އެކަޑަމީ
"ފައި ބުރިވެގެން ދިޔަ ދިއުމަކީ، މުޖުތަމައުގެ ހަރަކާތްތެރި މެންބަރަކަށް ވާން ލިބުނު ހިތްވަރަކަށް ހެދިން"
 
އައްސަލަމާ ޗެރިޓަބަލް ސޮސައިޓީއަކީ ޒަޚަމްވާ މީހުންނާއި އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީ ފޯރުކޮށްދޭ ޖަމިއްޔާއެއް
 
އެ ޖަމިއްޔާއިން ބުނާގޮތުގައި، ޔަހޫދީ އިޒްރޭލާ ޣައްޒާއާ ދެމެދު ބަދަލުކުރާ ހަމަލާތަކުގައި ހަތަރެސް ފައިގެ އެކި ގުނަވަންތައް ގެއްލިފައިވާ މީހުންގެ އަދަދު 532ށް އަރާ
 
ފަލަސްތީނުގެ މަސައްކަތްކުރާ އުމުރުފުރާގެ އާބާދީއަށް ބަލާއިރު، ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަކީ ވަޒީފާ ނެތް މީހުން

އެއީ ކާކުކަން ނޭނގޭ މީހަކަށް، އެ މީހަކީ ސްވިމިންގ އިންސްޓްރަކްޓަރެއް ނުވަތަ ފަތަން ދަސްކޮށްދޭ މީހެކޭ ބުނެފިނަމަ، ސިކުނޑީގައި ގިނަ ފަހަރަށް ތަސްވީރު ކުރެވިގެން ދާނީ ހުރިހާ ގޮތަކުން ހެދި ހުރި ފުރިހަމަ ހަށިގަނޑެއްގެ ވެރިއެކޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. މުޖުތަމައެއްގައި ހިފާފައި ހުންނަ ބައެއް އާދަތަކާއި، ގަބޫލުކުރާ ގަބޫލުކުރުންތަކެއްގެ ސަބަބުން، އެކަން ވާނީވެސް އެހެންނެވެ. ނަމަވެސް، މަޖުދީ އައްތައްތާރަކީ އެ ތަސްވީރު ބަދަލުކުރާނެ ޝަޚްސިއްޔަތެކެވެ.

އުމުރުން އެންމެ 9 އަހަރުގައި ހިނގި އެކްސިޑެންޓެއްގައި މަޖުދީގެ ފަޔަށް އަލްވަދާއު ކިޔަން މަޖުބޫރުވިއެވެ. އެއީ ބައެއް މީހުން ދެކޭގޮތުގައި ނުކުޅެދޭ މީހެކެވެ. ނަމަވެސް، އެއީ އަދި ހަގީގަތް ނޫންކަން، މަޖުދީ ސާބިތު ކޮށްދެނީ އޭނާގެ އަމަލުންނެވެ. މަޖުދީއަކީ ފެތުމުގެ ރޮނގުން ކުރިއަރަން ބޭނުންވާ ޣައްޒާގެ ކުދިބޮޑު އެންމެންނަށް ހުރި ލާމަސީލު މިސާލެކެވެ. ފަތަން ދަސްކޮށްދޭ، ކޮލިފައިޑް ކޯޗެކެވެ. އަމިއްލަ ސްކޫލެއްވެސް ހިންގާ، ހިތްވަރުގަދަ ބަތަލެކެވެ.

ޔަގީން ކަށަވަރު. ކާމިޔާބީ ހޯދަން ގަދައަޅާ މަސައްކަތްކުރާ މީހަކަށް އެކި ކަހަލަ ގޮންޖެހުންތަކާ ހުރަސްތަކާ ކުރިމަތިވާނެ. ވަކިން ޚާއްސަކޮށް، އެމީހަކީ ނުކުޅެދޭ މީހަކަށް ވިއްޔާ. އެމީހަކާމެދު މީހުން ދެކޭ ގޮތަކީވެސް ގޮންޖެހުމަކަށް ވެދާނެ. އެކަމަކު، ﷲއަށް ހަމްދު ހުރި. ސާބިތުކަމާ އަޒުމާއެކީ، މި ހުރިހާ ގޮންޖެހުންތަކަކާ ހުރަސްތަކެއް ގިރާކޮށް، އަހަރެމެންގެ އަމާޒަށް ވާސިލުވެވޭނެ.
މަޖުދީ އައްތައްތާރު؛ ސްވިމިންގ އިންސްޓްރަކްޓަރެއް

ދަރިފުޅަށް ފަތަން ދަސްކޮށްދިނުމުގެ ބޭނުމުގައި، އެ ދަރިފުޅު ގޮވައިގެން މަޖުދީ ގާތަށް އެންމެ ފުރަތަމަ ދާ ދުވަހު، ބެލެނިވެރިންގެ މޫނު މައްޗަށް ވެރިވަނީ ސުވާލުތަކެކެވެ. ދަރިފުޅުގެ ސްވިމް ކޯޗު ކޮޅަށް ތެދުވެ އެ ހުރީ ދެ ދަނޑިގަނޑު ވިއްދައިގެން، އޭގެ އެހީގައެވެ. ބެލެނިވެރިންގެ ހިތްތަކުގައި އުފެދުނު ސުވާލުތަކަށް މަޖުދީ ޖަވާބުދެނީ ސާބިތުކަމާ އެކީގައެވެ. އުފެދިފައި އޮތް ޝައްކު ފޮހެލަނީ، ފަތާ ފެންގަނޑުގައި މަޖުދީ ދައްކާލާ ކުޅަދާނަ ހުނަރުތަކުންނެވެ.

ސްވިމިންގ ޕޫލަށް އަންނަ މީހުންނަށް އެންމެ ފުރަތަމަ ލިބެނީ ހައިރާން ކަމެއް. އެއް ފައިގެ އެހީގަ އަހަރެން ފަތާތީ. އެމީހުންގެ ދަރިންނަށް އަހަރެން ފަތަން ދަސްކޮށްދޭނީ ކިހިނެއްބާއޭ އެމީހުން ހިތަށްއަރާ. އެކަމަކު، އެކުދިންނާއެކީ ފެންގަނޑަށް ފުންމާލާ ހިސާބުން، އަހަރެން އެކުދިން ބަލަހައްޓަނީ އެކުދިންގެ ބަފައެއް ފަދައިން. ކުދިންގެ އިތުބާރާ ޔަގީންކަން އަހަރެން ހޯދަން. ފެންގަނޑުގެ ތެރޭން، ދިރިއުޅުމުގެ އުފާ ހާސިލުކުރަން އެކުދިންނަށް ދަސްކޮށްދެން. އެހާ ހިސާބުން، އެމީހުން އަހަންނާމެދު ދެކޭ ގޮތް ބަދަލުވެގެންދޭ.
މަޖުދީ އައްތައްތާރު؛ ސްވިމިންގ އިންސްޓްރަކްޓަރެއް

ކާރު ދަށުވި ހިތްދަތި އެކްސިޑެންޓްގެ ވޭނުގައި އުޅުނު މަޖުދީގެ އުމުރުން މިހާރު 42 އަހަރު ފުރިއްޖެއެވެ. ފަލަސްތީނުގައި ވަޒީފާއެއް ހޯދުން ވީ މަޖުދީއަށް ޖެހުނު ބޮޑު ތަކުލީފަކަށެވެ. މަސައްކަތްކުރާ އުމުރުފުރާގެ އާބާދީއަށް ބަލާއިރު، ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަކީ ވަޒީފާ ނެތް މީހުންނެވެ. ސަލާން ޖަހަން ދެއަތް ދިއްކޮށްލުމުގެ ބަދަލުގައި މަޖުދީގެ މިސްރާބު ބެހެއްޓީ ފެތުމާ ދިމާއަށެވެ. ކޮލިފައިޑް ކޯޗެއްގެ ސަނަދު ކަށަވަރު ކުރިއެވެ.

މި އަނިޔާ ލިބުނީމަ އަހަރެންގެ އަމިއްލަ ނަފުސަށް ބުނެދިނިން، މި ޖެހުނު އުނދަގުލަކީ އަހަރެންނަށް އޮތް ރަހުމަތަކަށް ބަދަލުކުރަން ޖެހޭނެކަން. ފައި ބުރިވެގެން ދިޔަ ދިއުމަކީ، މުޖުތަމައުގެ ހަރަކާތްތެރި މެންބަރަކަށް ވާން އަހަންނަށް ލިބުނު އިތުރު ހިތްވަރަކަށް ހެދިން. މުޅި މުޖުތަމައުގަ އަހަރެންގެ ނިޝާން ވަރުގަދަކުރިން. އަހަރެން ހުރި ހާލަކީ، ގުދުރަތީގޮތުން އަހަރެން ހުރި ގޮތް ކަމުގަ ދެކިގެން ކުރިއަށްދާން ބޭނުންވީ. ﷲއަށް ހަމްދުހުރި. އަހަރެންގެ ހުނަރު ތަރައްގީކޮށް، ސަނަދުތައް ހޯދިން. އެކަމުގެ ސަބަބުން، އަހަންނަށް މި އޮތީ ފަތަން ދަސްކޮށްދޭ ސްކޫލެއް ހުޅުވިފަ.
މަޖުދީ އައްތައްތާރު؛ ސްވިމިންގ އިންސްޓްރަކްޓަރެއް

ޕަލަސްޓީނިއަން ސްވިމިންގ އެކަޑަމީއަކީ މަޖުދީގެ އަމިއްލަ ސްކޫލެކެވެ. އެ ސްކޫލުގެ ދަރިވަރުންގެ ލިސްޓުގައި ކުޑަ ކުދިންނާއި ބޮޑެތި މީހުންވެސް ހިމެނެއެވެ.

އަބޫ އަލްމުއުތަސިމްގެ މައްޗަށް އަހަރެންގެ ހިތުގަ އޮތް އިތުބާރު އިތުރަށް ބޮޑުވެގެން ހިނގައްޖެ. އަހަރެން ގަބޫލުކުރާ ގޮތުގަ، ނުކުޅެދުންތެރިކަމަކީ ސިކުނޑީގަ އޮންނަ އެއްޗެއް. ހަށިގަނޑުގެ ކަމެއް ނޫން. އެއީ ހުނަރު ހުރި މީހެއް. ތަޖުރިބާ ހުރި މީހެއް. އަހަރެން މީ، އޭނަގެ މަސައްކަތް ބަލަމުންދާ މީހެއް. މާތް ﷲ އޭނައަށް ހެޔޮ ރަހުމަތް ލައްވާށި.
އާދިލް އިސްބިތީ؛ ފަތަން ދަސްކުރާ ކުއްޖެއްގެ ބައްޕަ

2 މިލިއަނެއްހާ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ޣައްޒާގައި، ޖިސްމާނީގޮތުން ނުކުޅެދޭ ހާލުގައި ދިރިއުޅެމުންދާ މީހުންގެ އަދަދު 1600އަށްވުރެ ދަށް ނުވާނެކަމަށް ބައިނަލްއަގުވާމީ ރެޑް ކްރޮސް ޖަމިއްޔާއިން ބުނެއެވެ.

އައްސަލަމާ ޗެރިޓަބަލް ސޮސައިޓީއަކީ، ޒަޚަމްވާ މީހުންނާއި އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީ ފޯރުކޮށްދޭ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ބުނާގޮތުގައި، ޔަހޫދީ އިޒްރޭލާ ޣައްޒާއާ ދެމެދު ބަދަލުކުރާ ހަމަލާތަކުގައި، ހަތަރެސް ފައިގެ އެކި ގުނަވަންތައް ގެއްލިފައިވާ، ޣައްޒާގެ ރަށްވެހިންގެ އަދަދު 532ށް އަރައެވެ.

ދެ އަތުންކުރެ އަތަކާއި ދެ ފައިންކުރެ ފައެއް ނުވަތަ އެއަށްވުރެވެސް ގިނަ ގުނަވަންތައް ބުރިކޮށްލާފައިވާ، ޣައްޒާގެ 120 ކުއްޖަކު ބައިވެރިކޮށްގެން، ޕަލަސްޓައިން ޗިލްޑްރަންސް ރިލީފް ފަންޑް (ޕީސީއާރްއެފް)އިން ދާދި ފަހުން ވަނީ ކޭމްޕެއްވެސް ބާއްވާފައެވެ. ޕީސީއާރްއެފްއަކީ އެމެރިކާގައި މަރުކަޒުކޮށްގެން ހިންގާ ޖަމިއްޔާއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް