ކުރިއަށް އޮތް ދައުރުގައި ދ ބަނޑިދޫގައި ބިން ހިއްކައިދީ، މަގުތައް ޒަމާނީ ފެންވަރަށް ހައްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.
ދ ބަނޑިދޫގައި ހޯމަ ދުވަހު ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ބަނޑިދޫ އޮތީ މި ކޯލިޝަނާއެކުކަން އެމަނިކުފާނަށް ސާފު ކަމަށެވެ. އެގޮތުން ވަރަށް ސާފުކޮށް ބަނޑިދޫގެ ނަތިޖާ ކޯލިޝަނާއެކު އޮތްކަން ފެންނަމުންދާކަން ފާހަގަ ކުރައްވައި ރައީސް ވަނީ އެ ރަށު ރައްޔިތުންނަށްވެސް ޝުކުރު އަދާ ކުރައްވާފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، 2014ން 2018ށް ހަމައެކަނި ތައުލީމީ ދާއިރާއަށް ބަލާލިނަމަވެސް، ކުރީގެ ސަރުކާރާއި މި ވޭތުވެދާ 5 އަހަރުގެ ތަފާތު ފެނިގެންދާކަމަށެވެ.
ސަރުކާރުގައި މި ވޭދުވެދިޔަ 2 އަހަރުގެ ތެރޭގައި ރަޝިއާ ޔޫކްރޭން ހަނގުރާމައާއެކު ކުރިމަތިވި ދަތިތަކުގައިވެސް ސަރުކާރުން މަސައްކަތް ކޮށްފައިވާނީ ރައްޔިތުންނަށް ވީހާވެސް ތަކުލީފު ކުޑަ ކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މަސައްކަތް ކުރީ ރައްޔިތުންގެ ޖީބަށް އެ ދަތިކަމުގެ އެނގުން ނުވާ ގޮތަށް މަސައްކަތް ކުރަންރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު
ރައީސް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ރައީސް ވަނީ މީގެ ކުރީގެ ސަރުކާރާއި މި ސަރުކާރާ އޮތް ތަފާތުތައް ވިސްނުމަށް ރައްޔިތުން ގާތުގައި އެދިވަޑައިގަންނަވާފައެވެ.
ސަރުކާރު ބަދަލުވެއްޖެނަމަ މިހާރު މި ގެންނަމުންދާ ލާމަރުކަޒީ ތަރައްޤީއަށް ހުއްޓުން އަންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުގެ ސިޔާސަތަކީ ތަފާތުކުރުމެއް ނެތި ޚިދުމަތްތައް ދިނުން ކަމަށެވެ.
ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދައުރުގައި އެރަށުގައި އައިސް ޕްލާންޓެއް ބަހައްޓަވާނެ ކަމަށާއި، ސުކޫލުގެ މަލްޓި ޕަރޕޯސް ހޯލް އަޅުއްވައި ދެއްވާނެ ކަމަށެވެ.
ކުނި މެނޭޖް ކުރުމަށްވެސް ޚާއްސަ މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަމަށާއި، އިންޖީނުގެ އައު އިމާރަތްވެސް ކުރިއަށް އޮތް ދައުރުގައި އަޅުއްވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް ދައުރުގައި އެރަށުގައި ބިން ހިއްކައިދީ، މަގުތައް ޒަމާނީ ފެންވަރަށް ހައްދަވައިދެއްވާނެކަމަށާއި، ކައުންސިލަށް އައު އިމާރާތެއް ޤާއިމު ކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.