ކ. މާލެ
|
5 އޯގަސްޓް 2023 | ހޮނިހިރު 17:32
ޖޮސްކޯ ގްވާޑިއޯލް
ޖޮސްކޯ ގްވާޑިއޯލް
ޓްވީޓަރ
މެންޗެސްޓަރ ސިޓީ
ޖޮސްކޯ ގްވާޑިއޯލް މެންޗެސްޓަރ ސިޓީއަށް ސޮއިކޮށްފި
 
އޭނާ ސިޓީއަށް ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

އާރްބީ ލައިޕްޒިގަށް ކުޅެމުން އައި ކްރޮއޭޝިއާގެ ޑިފެންޑަރު، ޖޮސްކޯ ގްވާޑިއޯލް މެންޗެސްޓަރ ސިޓީއަށް ސޮއިކޮށްފިއެވެ.

އޭނާ ސިޓީއަށް ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 77 މިލިއަން ޕައުންޑުގެ ފީ އަކަށެވެ. މިއާއެކު ގްވާޑިއޯލް ވެގެންދިޔައީ ދުނިޔެއިން ދެވަނައަށް އަގުބޮޑު ޑިފެންޑަރަށެވެ. އެންމެ އަގުބޮޑު ޑިފެންޑަރަކީ 2019 ވަނަ އަހަރު ލެސްޓާ ސިޓީން 80 މިލިއަން ޕައުންޑަށް މެންޗެސްޓަރ ޔުނައިޓެޑާ ގުޅުނު ހެރީ މެގުއާ އެވެ.

2021 ވަނަ އަހަރު ޑައިނަމޯ ޒަގްރެބުން ލައިޕްޒިގަށް ބަދަލުވުމަށްފަހު، އުމުރުން 21 އަހަރުގެ މި ކުޅުންތެރިޔާ ވަނީ ލައިޕްޒިގްގައި މޮޅު ކުޅުމެއް ދައްކާފައެވެ. ގްވާޑިއޯލް ބުނީ އިންގިރޭސި ޕްރިމިއަރ ލީގުގައި ކުޅުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އަދި މިދިޔަ ސީޒަނުގައި ސިޓީގެ ކުޅުން ފެނުނު މީހަކަށް، އެ ޓީމަކީ މިވަގުތު ދުނިޔޭގެ އެންމެ ވަރުގަދަ ޓީމުކަން އެނގޭނެކަމަށް އޭނާ ބުންޏެވެ.

ސިިޓީގެ ޓީމާ މެދު ވާހަކަ ދައްކަމުން ގްވާޑިއޯލް ބުނީ ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅުމުގެ ފުރުސަތު ލިބުމަކީ ބޮޑު ނަސީބެއް ކަމާއި، ދުނިޔޭގެ އެންމެ މޮޅު ކޯޗާއެކު މަސައްކަތް ކޮށްގެން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އަދި އޭނާގެ އެކުވެރި ކޮވަސިޗާއެކު ކުޅެން ލިބުމަކީވެސް ޚާއްސަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ. މީގެއިތުރުން އޭނާ ބުނީ، ހާލަންޑާ ދެކޮޅަށް ކުޅެން ނުޖެހި، އޭނާ އާ އެއް ޓީމެއްގައި ހިމެނުން އެއީ ބޮޑު ނަސީބެއް ކަމަށެވެ.

ގްވާޑިއޯލް ވަނީ ކްރޮއޭޝިއާގެ ގައުމީ ޓީމަށް 21 މެޗު ކުޅެދީފައެވެ. މިދިޔަ އަހަރު ގަތަރުގައި ކުރިޔަށް ދިޔަ ފީފާ ވޯލްޑް ކަޕުގެ ތިންވަނަ އާއި މިއަހަރުގެ ނޭޝަންސް ލީގުގެ ރަނަރަޕްކަން ކްރޮއޭޝިއާއިން ހޯދިއިރު އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މެންޗެސްޓަރ ސިޓީން ވަނީ މިދިޔަ ޖޫން މަހު، 25 މިލިއަން ޕައުންޑަށް މަޓެއޯ ކޮވަސިޗް ވެސް ސޮއިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް