ކ. މާލެ
|
3 އޯގަސްޓް 2023 | ބުރާސްފަތި 19:08
ކުށުގެ ރެކޯޑް އޮތްނަމަ ވަޒީފާއެއް ނުލިބޭ
ކުށުގެ ރެކޯޑް އޮތްނަމަ ވަޒީފާއެއް ނުލިބޭ
ކުށުގެ ރެކޯޑް އޮތުމުން ވަޒީފާ ނުލިބުން
ކުށުގެ ރެކޯޑް އޮތުމުން ވަޒީފާ ނުލިބުމުގެ އުސޫލު ބަދަލުކުރެވޭނީ ވިސްނުން ބަދަލުކޮށްގެން
 
ރަނގަޅުވާން ބޭނުންވާ މީހުންނަށްވެސް ވަޒީފާއެއް މުހިންމު

ދިރިއުޅުމެއް އާރާސްތުކުރުމަށް އާއްމު މީހަކަށް އެންމެ މުހިންމު އެއްކަމަކީ ކެއިންބުއިމަށް ކުރާނެ މަސައްކަތެއް ހޯދުމެވެ. އަނބިދަރިންނާއި، މައިންބަފައިން ބެލުމަށްޓަކައި އެންމެ ކުޑަމިނުން އެ މީހަކަށް ބޭނުންވާނެ މިންވަރަކީ އެއީއެވެ. ވަޒީފާއެއް ނެތުމަކީ ކޮންމެ މީހަކަށްވެސް ލިބޭނެ ނިކަމެތިކަމެކެވެ. އަމިއްލަ ޒަރޫރަތްތައް ފުއްދުމަށްޓަކައިވެސް ކޮންމެވެސް ވަޒީފާއެއް މުހިންމެވެ.

ކަން މިހެން އޮތްއިރު، ރާއްޖޭގައި ވަޒީފާ ދިނުމުގެ ސަގާފަތް އޮތް ގޮތުން، ކިތަންމެ ކުޑަ ކުށެއް ކުރެވިފައި އޮތަސް އެ މީހަކަށް އެ ކުށުގެ ރެކޯޑުގެ ސަބަބުން ވަޒީފާއެއް ލިބުމަށް ދަތިވެއެވެ. އެއީ ކިތަންމެ ކުރިން ހިނގި ކަމެއް ކަމުގައި ވީނަމަވެސް، ކުށެއް ކުރެވިފައި އޮތުމުން އެ ކުށުގެ އަދަބު ދާއިމަށް ދެމިގެންދާ ކަހަލައެވެ.

ދުނިޔެ އުމުރު އެ މީހަކު ވަޒީފާއެއް ނެތި އުޅެންވީބާވައެވެ. މިކަމާމެދު ވަރަށް ތަފްސީލް ލިޔުމެއް ޕީޖީ ހުސައިން ޝަމީމް އޭނާގެ ބްލޮގްގައި ދާދިފަހުން ލިޔުއްވާފައިވެއެވެ. އެ ލިޔުއްވުމުގައި ހުރި މުހިންމު ނުކުތާތަކަށް ބަލައިލާނަމެވެ. ކުށުގެ ރެކޯޑެއް އޮވެގެން ވަޒީފާ ނުލިބުމަކީ ބަދަލުކުރަންޖެހޭ ސިޔާސަތެއްކަން ފާހަގަކުރައްވައި އެކަމުގެ ސަބަބުތައް ބަޔާންކޮށްދެއްވާފައި ވެއެވެ. ވަޒީފާގެ ބާވަތުން، ކުށުގެ ރެކޯޑް އޮތުމުން އަދާނުކުރެވޭ ވަޒީފާތައް ހުންނާނެކަމާއި، އެ ނޫން ހާލަތުގައި ވަޒީފާތައް ވަކި މީހަކަށް ނުދިނުމަކީ ގާނޫނީގޮތުންވެސް ކުރެވޭނެ ކަމެއް ނޫންކަން ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައި ވެއެވެ.

އެހެންނަމަވެސް އެކަމަށް އާއްމުން ދިން އިޖާބައަށް ބަލައިލުމުން، މި ކަމުގައި އާއްމުންގެ ވިސްނުން އަދިވެސް ވަރަށް ކޮށިކަން އެނގުނެވެ. ބައެއް މީހުން ގަބޫލުކުރާގޮތުން، ކުށްކުރާ މީހުން ދުވަހަކުވެސް ރަނގަޅެއް ނުވާނެއެވެ. ދެވަނަ ފުރުސަތެއް ދިނުމަކީ ބޭކާރުކަމެކެވެ. އަދި އެންމެ ގިނަ މީހުން މީސްމީޑިއާއަށް ބަންޑުންކޮށްލި ޚިޔާލަކީ، ވަޒީފާ ދިނަސް އެފަދަ މީހުން ރަނގަޅު ނުވާނެކަމުގެ ވާހަކައެވެ. ނޫނީ ވަޒީފާ ދިނުމުން އަނެއްކާވެސް ކުށުގެ ވެއްޓަށް ދާކަމުގެ ވާހަކައެވެ.

ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިއީވެސް ރަނގަޅުވުމަށް ކުށްވެރިން ކުރާ ދަތުރުގެ ބައެއްކަމެވެ. ބައެއް މީހުންނަކީ އެއް ފުރުސަތަށްވުރެ ގިނަ ފުރުސަތު ބޭނުންވެދާނެ މީހުންނެވެ. އުންމީދާއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެއެވެ. އެހެންނަމަވެސް ކުށެއް ކުރާ ކޮންމެ މީހަކާމެދު އުމުރު ދުވަހު ޝައްކުގެ ނަޒަރުން ބެލުން ހުއްޓާލަން ވެއްޖެއެވެ. މުޖުތަމައެއްގެ ހައިސިއްޔަތުން މިއަށްވުރެ ޕޮޒިޓިވް ބަޔަކަށް ވާން އެބަޖެހެއެވެ.

މީގެ އިތުރުން ކުށުގެ މާހައުލުން ނުކުންނަން މަސައްކަތްކުރާ މީހުންނަށް މިހާރަށްވުރެ ބޮޑަށް އަޅާލަން ޖެހެއެވެ. އަނބުރާ މުޖުތަމައަށް ނުނުކުމެވުނު ސަބަބަކީ ޚުދު މުޖުތަމައު ކަމަށް ވުން ނިމުމަކަށް ގެންނަމާހެއްޔެވެ. ގާނޫނަކުން ދީފައިވާ ފުރުސަތެއް، ގަވާއިދުތަކުން ހަނިކުރާ ކުރުން ނިމުމަކަށް ގެނައުމުގައި، ވިސްނުން ބަދަލުކުރުމާ ހިސާބުން ފަށަމާތޯއެވެ. އިތުރު ފުރުސަތެއް ދީފިނަމަ އަނބުރާ މުޖުތަމައަށް ނުކުންނަން ބޭނުންވެފައި ހުރި މީހަކަށް މުޅި ހަޔާތް ބަދަލުކޮށްލެވިދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް