ކ. މާލެ
|
27 ސެޕްޓެންބަރ 2021 | ހޯމަ 14:10
ދެ ޒުވާނުން މަސައްކަތުގައި،
ދެ ޒުވާނުން މަސައްކަތުގައި،
ޓްވިޓަރ
ވަޒީފާ ދިނުން
މަގުމަތީގައި އުޅުނު ދެ ޒުވާނަކަށް ވަޒީފާ، ބަދަލުކޮށް ދިނީ މުޅި ދިރިއުޅުން!
 
ވަޒީފާ ދިން ދެ ޒުވާނުން މަސައްކަތް ކުރަމުންދަނީ ކޮންސްޓްރަކްޝަން ސައިޓެއްގައި
 
ބައެއް މީހުން މަގުމަތީގައި ސަލާމް ޖަހަން ތިބޭ
 
ވަޒީފާއެއް ނެތި އުޅޭ ޒުވާނުން ގިނަ

މިޒަމާނުގައި ވަޒީފާ ހޯދުމަކީ ދަތިކަމެކެވެ. ސެޓްފިކެޓެއް ނެތް ނަމަ އެކަން ވަނީ ވަރަށް ބޮޑު ތުރާލަކަށެވެ. ނަމަވެސް ރަނގަޅު ވަޒީފާއެއް ހޯދުމަށް ކިތަންމެ މައްޗަށް ތައުލީމު ހާސިލްކުރި ނަމަވެސް ވަޒީފާ ހަމަނުޖެހި އެތައް ދުވަހެއް ވަންދެން މަޑު ކުރަންޖެހޭ ހާލަތު އަންނަނީ މަދު ފަހަރަކު ނޫނެއެވެ. މީގެ އިތުރުން ރިޝްވަތުދީގެން ނުވަތަ ނުފޫޒު ގަދަ މީހެއްގެ ގާތަށް ގޮސްގެން ވަޒީފާ ހަމަޖައްސާ ވާހަކައަކީ ވެސް ޒަމާނުއްސުރެ ދައްކަމުންދާ އެއްވާހަކައެވެ. ހާލަތު މިފަދަ ގޮތަކަށް އޮތްއިރު މިއަދު މި މުޖުތަމައުއިން ފެންނަ އެއް ހަގީގަތަކީ ވަޒީފާއެއް ނެތި މަގުމަތީގައި ހޫރޭ ޒުވާނުން ގިނަ ވުމެވެ.

މާލެ ސިޓީގެ އެކިއެކި ކަންކަންމަތީގައި ގުރޫޕްތައް ހަދައިގެން މުޅި ދުވަސް ހޭދަކޮށްލާ ޒުވާނުން މަދެއް ނުވާނެއެވެ. ސަލާމް ޖަހައިގެން ރުފިޔާ ހޯދާ މީހުންނާއި، ދުވަހު މަސައްކަތް ހޯދައިގެން ފައިސާ ހޯދާ މީހުން ހިމެނެއެވެ. ބައެއް ދުވަސްތަކުގައި މަސައްކަތެއް ދޭނެ މީހަކު ނުވެ، ބިކަ ޖެހިފައި ތިބެން ވެސް ޖެހޭ ކަމަށް މަގުމަތީގައި މިހެން އުޅޭ ޒުވާނުން ބުނެއެވެ. ބިދޭސީންގެ އަތްމައްޗަށް މަސައްކަތްތައް ދޫކޮށްލާއިރު، މިފަދަ ޒުވާނުންނަށް ވަޒީފާ ނުވަތަ ދުވަހުގެ މަސައްކަތެއް ނުދޭންވީ ސަބަބެއް ނުވިސްނެއެވެ. ނަމަވެސް ދާދި ފަހުން މިގޮތަށް މަގުމަތީގައި އުޅުނު ދެޒުވާނަކަށް ވަޒީފާ ދީ އެ ދެމީހުންގެ ދިރިއުޅުން މިވަނީ ބަދަލުކޮށްދީފައެވެ.

އެގޮތުން ވަޒީފާ ނެތި މަގުމަތީގައި އުޅޭ ދެ ޒުވާނަކަށް، ސައިރިކްސް ކޮލެޖުގެ ޗެއާމަން، އަހްމަދު ޝަރީފް ވަޒީފާ ދިނީ އުފަލާއެކުއެވެ. އެ ދެޒުވާނުންނަށް ވަޒީފާ ދިނުމަށްފަހު ޝަރީފް ވިދާޅުވެފައިވަނީ މިފަދަ ކުދިން މަގު މައްޗަށް ގިނަ ވަނީ އަޅާ ނުލެވޭތީ ކަމަށެވެ. ވަޒީފާއަށް ވެއްދުމަށްޓަކައި ޝަރުތުކުރީ ގަޑިއަށް އައުމަށާއި، ސުޕަވައިޒަރު ދައްކާ ކޮންމެ މަސައްކަތެއް ކުރުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެއްވެސް ކޮލިފިކޭޝަނަކަށް އެދިފައިނުވާއިރު، އައިޑީކާޑް ކޮޕީއަކުން ވަޒީފާ ހަމަޖައްސައިދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝަރީފު ވިދާޅުވީ އެދެ ޒުވާނުންގެ މަސައްކަތް ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށާއި، މިއަދާ ހަމައަށް މައްސަލައެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

ޝަރީފް މިކަން ޓްވިޓާގައި ހިއްސާކުރެއްވުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވެސް ލިބިގެންދިޔައެވެ. މިފަދަ ދާއިރާތަކުން ދިވެހިން ފެނިގެން ދިއުމަކީ ވަރަށް ބޮޑު އުފަލެއްގެ ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ. އަދި މިއީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ފަދަ މުއައްސަސާތަކުން ތަފާތު އިންޓާންޝިޕް ޕްރޮގްރާމްތައް ހިންގައި ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ކުރާ މަސައްކަތްތަކަށް ލިބުނު އިތުރު ބާރެކެވެ.

މިއަދު އެދެޒުވާނުންނަކީ މަސައްކަތްތެރި ދެޒުވާނުންނެވެ. ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަމުންދާއިރު، ބިދޭސީންނަށް ވުރެ މާފުރިހަމައަށް މަސައްކަތްތައް ކުރެއެވެ. ސުޕައިވައިޒަރުގެ ބެލުމުގެ ދަށުން އެ ދެޒުވާނުން މަސައްކަތް ކުރަމުންދަނީ ވަރަށް ބަރާބަރަށެވެ. މީހެއްގެ އެހީތެރިކަމާއެކު ދެ ޒުވާނެއް ދިރިއުޅުން ބަދަލުވެގެންދިޔައީ ކުޑަ ހިދުކޮޅެއްގެ ތެރޭގައެވެ. ޝަރީފް މިދެއްކެވި ނަމޫނާއިން އެހެން ވިޔަފާރިވެރިންނާއި މަތީ ލެވެލްގެ ބޭފުޅުން އަމަލުކުރާނަމަ މަގުމަތިވާ ޒުވާނުން މިގައުމުން މަދުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
3%
90%
0%
0%
5%
2%
ކޮމެންޓް
28 ސެޕްޓެންބަރ 2021 | އަންގާރަ 10:48
ދިދަ
ތިޔަ މަސައްކަތް ކުރާކަށް ޝަރުތެއް ހަމަވާކަށް ނުހެހޭ، މަސައްކަތް ނުލިބެނީ ހޯދަން ނޫޅޭތީއެއް ނޫން.. ހޮޓަލެއްގެ ވެއިޓަރަކަށް ނޫނީ ސެކިއުރިޓީ ގާޑަކަށްވެސް މިހާރު ވެވެނީ ސެޓްފިކެޓް ފުންޏެއް އޮތީއްޔާ..
27 ސެޕްޓެންބަރ 2021 | ހޯމަ 23:03
އަހުމަދު
ވަރައް ރަނގަޅު