ރ.ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑު އެހުން ޔާމީނުގެ އެދިވަޑައިގެންނެވުމުގެ މަތިން ކްރިމިނަލް ކޯޓުން ކެންސަލްކޮށްދީފިއެވެ.
އެ މައްސަލަ ބުދަ ދުވަހަށް ތާވަލްކޮށް އެމަނިކުފާނަށް ޗިޓް ފޮނުވާފައި ވަނި ހޯމަ ދުވަހުގެ މެންދުރު 13:00 އެހާކަންހާއިރެވެ. ނަމަވެސް އެމަނިކުފާނުގެ ޙާލަތު ބަޔާންކޮށްދެއްވައި ފޮނުއްވާފައިވާ ސިޓީފުޅަކާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ މި އަޑުއެހުން ކެންސަލްކޮށްދީފައެވެ.
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރިޝްވަތު ނެންގެވި ކަމަށް އެމަނިކުފާނުގެ މައްޗަށް ވަނީ ތުހުމަތުކުރެވިފައެވެ.
ޖުލައި މަހުގެ 23 އަށް މި މައްސަލައިގެ އަޑު އެހުމެއް ތާވަލް ކުރިއެވެ. ނަމަވެސް އެ އަޑުއެހުން ކެންސަލްވެފައިވަނީ މައްސަލައިގައި ދައުވާލިބޭ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިޔަރިންގގެ ވަކީލުގެ އެހެން ބައްދަލުވުންތަކެއް ކުރިން ތާވަލު ކުރެވިފައި ހުރުމުންނެވެ.
މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ 20 ޖުލައިގައެވެ. އެ ދުވަހު ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން މެދުވެރިކޮށް ލަންކާ ރައްޔިތެއްކަމަށްވާ ސިރިތާ ކުމާރުގެ ހެކިބަސް ނެގުން ކުރިއަށް ގެންގޮސްފައެވެ.