ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ ކީލިއަން އެމްބާޕޭގެ މައްސަލަ ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ އަށް ހުށަހަޅަން އޭނާގެ ކުލަބުން ނިންމައިފި އެވެ.
އެމްބާޕޭ އާއި ޕީއެސްޖީ މައްސަލަ ޖެހިގެން އުޅެނީ އައު ކޮންޓްރެކްޓެއްގެ މައްސަލައިގަ އެވެ. އެމްބާޕޭ ބޭނުންވަނީ އަންނަ މަހު ފަށާ އާ ސީޒަނުގައި ޕީއެސްޖީ އަށް ކުޅުމަށްފަހު ފްރީ ޓްރާންސްފާއެއްގައި ސްޕޭނުގެ ރެއާލް މެޑްރިޑަށް ބަދަލުވާށެވެ. ޕީއެސްޖީ އާއި އޭނާއާ މެދު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި ދެ އަހަރު އެބައޮތެވެ. ނަމަވެސް ފަހު އަހަރު ގުނަން ފަށާނީ އެކަމަށް އެމްބާޕޭ ބޭނުންވާނަމަ އެވެ. މިހެން މިކަން އޮތުމުން ޕީއެސްޖީން މިހާރު ބޭނުންވަނީ އެމްބާޕޭ އައު ކޮންޓްރެކްޓްއެއްގައި ސޮއިކުރުމަށެވެ. ނުވަތަ މިހާރު ޓީމު ދޫކޮށްދިއުމަށެވެ. އެއީ ކުލަބަށް މާލީ އެއްވެސް ފައިދާއެއްނެތި އެމްބާޕޭ ހިލޭދޫކޮށްލަންޖެހިދާނެތީވެ އެކަން ފޫބެއްދުމަށެވެ.
ޕީއެސްޖީން ތުހުމަތު ކުރަނީ އެމްބާޕޭ އާއި ރެއާލް މެޑްރިޑާ ދެމެދު ސިއްރު އެއްބަސްވުމެއް އޮތް ކަމަށެވެ. އަދި ހިލޭ ޓްރާންސްފާއެއްގައި ރެއާލްއާ ގުޅިއްޖެނަމަ އެމްބާޕޭ އަށް ސައިނިންގ ފީއެއްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދޭން ރެއާލްއިން ހުށަހަޅާފައިވާ ކަމަށެވެ. ޕީއެސްޖީން ބުނަނީ މިއީ ފީފާގެ ގަވާއިދުތަކާ ހިލާފު ކަމެއް ކަމަށާއި އެކުލަބުގެ ކުޅުންތެރިއަކާއެކު ރެއާލް މެޑްރިޑުން މުއާމަލާތް ކުރަނީ އުސޫލުތަކުގެ ބޭރުން ކަމަށެވެ. މިހެންވެ މައްސަލަ ފީފާ އަށް ގެންދާނެ ކަމަށެވެ.
ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ ސްޕޭނުގެ ރެއާލް މެޑްރިޑަށް ކުޅުމަކީ އެމްބާޕޭގެ ކުޑައިރުއްސުރެ ހުވަފެނެކެވެ. މި ހުވަފެން ހަގީގަތަކަށް ހެދުމަށް އޭނާ އެއްފަހަރު ރެއާލްއާއެކު އެއްބަސްވުމަށްފަހު ފަހުން ޕީއެސްޖީގައި މަޑުކުރީ އެވެ. ނަމަވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލަޔޮނަލް މެސީ ޕީއެސްޖީ ދޫކޮށްލުމާއެކު އެއީ އެކުވެރިކަމެއްނެތް ރޫޅިފައިވާ ކުލަބެއްކަމަށްބުނެ އެމްބާޕޭ ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
އައު ކޮންޓްރެކްޓްގައި ސޮއިކުރަން އެއްބަސްނުވާތީވެ އެމްބާޕޭ ވަނީ ޕީއެސްޖީގެ ސީނިއާ ޓީމުން ބާކީކޮށްފަ އެވެ. އަދި އޭނާ ލައްވައި ނުކުޅުވައި އަންނަ ސީޒަން ނިންމާލަން ވެސް އެކުލަބުން ތިބީ ތައްޔާރަށެވެ.