ކ. މާލެ
|
1 އޯގަސްޓް 2023 | އަންގާރަ 15:02
ފޮތެއް ޑިޖިޓަލް ކުރަން ނިންމަނީވެސް ވަރަށް ގިނަ ކަންކަމަށް ބެލުމަށް ފަހުގައި، އެންމެ މައިގަނޑު އެއް ނުކުތާއަކީ، ތާރީޚީ ގޮތުން އެ ފޮތެއްގެ މުހިންމު ކަން އެކުލެވޭ މިންވަރު
ފޮތެއް ޑިޖިޓަލް ކުރަން ނިންމަނީވެސް ވަރަށް ގިނަ ކަންކަމަށް ބެލުމަށް ފަހުގައި، އެންމެ މައިގަނޑު އެއް ނުކުތާއަކީ، ތާރީޚީ ގޮތުން އެ ފޮތެއްގެ މުހިންމު ކަން އެކުލެވޭ މިންވަރު
ރޮއިޓާސް
ޑިޖިޓަލް ލައިބްރަރީ
ހަނގުރާމައިގެ މައިދާނަކުން އުފަންވި މުއްސަނދި ޑިޖިޓަލް ލައިބްރަރީ ޣައްޒާގައި!
 
އިޔޫން އަލް-ތޫރާ ފައުންޑޭޝަނަކީ ޣައްޒާގެ ޘަޤާފީ ތަރިކަ ރައްކާކޮށް ދެމެހެއްޓުމުގެ ޤައުމި ޒިންމާ ދަންނަ ޖަމިއްޔާއެއް
 
އެ ގުރޫޕުން ޑިޖިޓަލް ކުރަމުން ދާ ބައެއް ފޮތްތަކަކީ، މީގެ 3 ޤަރުނު ކުރީގެ ފޮތްތަކެއް

ޤައުމެއް ނުވަތަ ޙަޟާރާތެއްގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ އެ ބައެއްގެ ތާރީޚާއި ޘަޤާފަތާއި ގުޅިފައިވާ އަދަބިއްޔާތޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. އެތައް ޤަރުނެއްގެ ވާހަކަތައް އެކުލެވޭ ލިޔެކިޔުންތަކަކީ އަދުގެ ދުނިޔޭގެ ވިޔާފާރިގައި ވަކި އަގެއްވެސް ކަނޑައެޅެން ނެތް ހާ އަގުހުރި ޚަޒާނާއެކެވެ. މިދެންނެވި ފަދަ މުހިންމު ލިޔެކިޔުންތައް، އެތައް ޖީލަކަށް ފޯރުކޮށްދިނުމަކީ ކޮންމެ ބައެއްގެ ކޮނޑުގައިވެސް އެޅިފައި އޮތް ޒިންމާއެއްކަން ހަނދާން ކުރަން ޖެހެއެވެ. މި މަސައްކަތުގައި ސާބިތު ކަމާއެކު ތެދުވި އެއް ބަޔަކީ ފަލަސްޠީނުންގެ އަންހެންވެރިންގެ ގުރޫޕެކެވެ.

ޒަމާންވީ ލިޔެކިޔުންތައް ގިނަ ދުވަހަށް ރައްކާތެރިކަމާއެކު ދެމިހުންނާނެ ގޮތް ހެދުމުގެ ތަޖުރިބާ ލިބިފައިވާ އަންހެންވެރިންގެ ގުރޫޕަކުން އަމާޒު ހިފާފައި ވަނީ ފަލަސްޠީނާއި، ޢަރަބި އަދި މުސްލިމުންގެ ތާރީޚާއި ތަރިކައާ ގުޅިފައިވާ ޒަމާންވީ ފޮތްތައް، ޑިޖިޓަލް ނެޓްވޯކުގެ ތެރޭގައި ރައްކާ ކުރުމަށެވެ. އެ ގުރޫޕުން ޑިޖިޓަލް ކުރަމުން ދާ ބައެއް ފޮތްތަކަކީ، މީގެ 3 ޤަރުނު ކުރީގެ ފޮތްތަކެކެވެ. މިފަދަ އަގުހުރި ރައުސުލްމާލެއް ރައްކާ ކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހަލާކުވިޔަ ނުދީ ދެމެހެއްޓުމާއި، ގެއްލުނަ ނުދީ ބޭއްވުން ހިމެނެއެވެ.

އިޔޫން އަލް-ތޫރާ ފައުންޑޭޝަނަކީ ޣައްޒާގެ ޘަޤާފީ ތަރިކަ ރައްކާކޮށް ދެމެހެއްޓުމުގެ ޤައުމި ޒިންމާ ދަންނަ ޖަމިއްޔާއެއް. މި ސިޓީއަކީ އެތައް ހަނގުރާމައަކާއި، އެތައް ހަމަލާއަކާ ކުރިމަތިލާން ޖެހިފަ އޮތް ސިޓީއެއް. އެކަމުގެ ސަބަބުން، ތަދު ފޮތްފޮތާއި ލިޔެކިޔުންތަކާއި އަރުޝީފުތަކާއި ފޮޓޯތަކަށް ވަނީ ނުރައްކާ ކުރިމަތިވެފަ. ބައެއް ތަރިކަ ވަނީ ވަގަށްވެސް ނަގާފަ. އަނެއް ބައި ތަކެއްޗަށް ގެއްލުން ދީ، އިޒްރޭލުގެ ހަމަލާތަކުގައި ހަލާކުކޮށްލާފަ ހުރިއިރު، ގެއްލިފަވެސް ވެއްޖެ ބައެއް ލިޔެކިޔުންތައް. ޣައްޒާއަކީ ހަނގުރާމައިގެ މައިދާނެއް. އެންމެނަށްވެސް ޣައްޒާ ފެންނާނީ ހަނގުރާމަ މަތީ މައިދާނެއްގެ ގޮތުގަ.
ހަނީން އަލް-އަމާސީ؛ ދިރާސާކުރާ މީހެއް

ފޮތެއް ޑިޖިޓަލް ކުރަން ނިންމަނީވެސް ވަރަށް ގިނަ ކަންކަމަށް ބެލުމަށް ފަހުގައެވެ. އެންމެ މައިގަނޑު އެއް ނުކުތާއަކީ، ތާރީޚީ ގޮތުން އެ ފޮތެއްގެ މުހިންމު ކަން އެކުލެވޭ މިންވަރެވެ. އެހާ ހިސާބުން ޓީމުގެ މަސައްކަތް ފަށައެވެ. އެންމެ ފުރަތަމަ އޮންނަނީ ފޮތް ސާފުކޮށް، އިޔާދަ ކުރުމުގެ މަސައްކަތެވެ. އެއަށްފަހު އެއަށްފަހު ފޮތުގެ މަންޒަރުތައް ޑިޖިޓަލް ނެޓްވޯކަށް ނަކަލު ކުރަން ފަށައެވެ. އެކަން ކުރަނީ ދާދި ފަހުން އިމްޕޯޓް ކުރި ސްކޭނިންގް ޑިވައިސްއެއް ބޭނުން ކޮށްގެންނެވެ. ފޮތްތައް ޑިޖިޓަލް ކުރަމުން ދަނީ، ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ފޮތުގެ ބައިތައް ކިޔާލެވޭ ގޮތަށެވެ.

'އައިޒް އޮން ދަ ހެރިޓޭޖު'ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫޢުގެ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަ މީހަކީ ހަނީން އަލް-އަމާސީއެވެ. ހަނީން ބުނި ގޮތުގައި، އެމީހުންގެ މައިގަނޑު މަސައްކަތަކީ، ޣައްޒާގެ ތަރިކައަށް ގެއްލުމެއް ލިބުނަ ނުދީ، ރައްކާތެރިކޮށް ދެމެހެއްޓުމެވެ. 2008 ވަނަ އަހަރުން ފެށިގެން އިޒްރޭލާއި ޣައްޒާއާ ދެމެދު ސިލްސިލާ އެތައް ހަނގުރާމައެއް ކޮށް، އަދިވެސް ހަމަޖެހުން ލިބިފައި ނުވާ އިރު، އަދަބީ ތަރިކަ ދެމެހެއްޓުމަކީ ހައްސާސް މަސައްކަތެކެވެ.

އަންހެނުންތަކެއްގެ ބުރަ މަސައްކަތުން ޑިޖިޓަލައިޒް ކުރަމުންދާ ފޮތްތަކުގެ ތެރޭގައި، އުޘްމާނިއްޔަ ޒަމާނުގެ ލިޔެކިޔުންތައްވެސް ހިމެނެއެވެ.

މި މަޝްރޫޢުގެ ތެރެއިން އަހަރަމެންނަށް ދެނެގަނެވިއްޖެ ބައެއް ލިޔުންތަކަކީ މުޅި ދުނިޔޭގައިވެސް އޮތް ހަމައެކަނި ކޮޕީކަން. ހަމަ އެކަނި ކޮޕީ. އެއީ، އެ ލިޔެކިޔުންތަކަކީ، އޭގެ ވެރިފަރާތުން އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދެމުން ދިޔަ ލިޔެކިޔުންތަކަކަށް ވާތީ. ކާބަފައިންގެ ފަރާތުން ޢާއިލާގެ ހަގު ޖީލުތަކަށް ފޯރުކޮށްދެމުން ދާ ލިޔެކިޔުންތަކެއް އެއީ.
ޢަބްދުލްލަޠީފު އަބޫ ހާޝިމް؛ ތާރީޚު އިލްމުވެރިއެއް

އެންމެ 365 އަކަ ކިލޯމީޓަރުގެ ޣައްޒާއަކީ ފަލަސްޠީނުގެ 2.3 މިލިއަން މީހުންގެ ވަޒަނެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރު ކޮށް އުޅޭނެ ތަނަވަސްކަންވެސް ނެތް މީހުންނެވެ. އިންތިހާ ފަޤީރު ކަމުގެ ސަބަބުންނެވެ. ޣައްޒާގައި ވަޒީފާއެއް ނެތް މީހުންގެ ނިސްބަތް، އާބާދީގެ ގާތްގަނޑަކަށް 50 ޕަސެންޓަށް އަރައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް