ކ. މާލެ
|
1 އޯގަސްޓް 2023 | އަންގާރަ 07:59
މުސްޠަފާ ޢަބްދޫ، ފަލަސްތީންގެ ފަންކާ ހަދާ ޓެކްނީޝަން
ފަންކާ ހަދާ މީހާ
އާދަޔާ ޚިލާފު ގަދަ ހޫނުގައި ފަންކާ ހަދަން އިން މުސްޠަފާ ބުނީ ކީކޭކަން އެނގޭތަ؟
 
މިދިޔަ 40 އަހަރު ދުވަހުގެ ތެރޭގައިވެސް، މިހާ ހޫނު ގަދަވި ދުވަސްވަރަކާ ބައްދަލުވެފައެއް ނެތް
 
70 އަހަރަށް ވުރެ ދޮށިވެފައި ހުރި މުސްޠަފާ ދަނީ މި ފުރުޞަތުގެ ބޭނުން، އޭނާއަށް ވީ އެންމެ ރަނގަޅަކަށް ހިފަމުން

ކޮންމެ ކަމަކީވެސް ރަނގަޅަކަށް ވާ ކަމެކޭ ބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. އިންތިހާ ދަތި ހާލުގައި އުޅެން ޖެހޭ ވަޤުތު، އެކަމުގައި އޮތް ހެވަކާ މެދު އެންމެ ރަނގަޅަށް ވިސްނާ ނުލެވުނު ކަމުގައި ވީ ނަމަވެސް، އެއީވެސް އެކަމުގައި ހެވެއް އޮވެގެން މެދުވެރިވި ކަމެއް ކަމުގައި ޤަބޫލުކޮށް، ދިރިއުޅުމައިގެން ކުރިއަށް ނަތީޖާ ކިތަންމެހާވެސް ފޮންޏެވެ. އެފަދަ މިސާލެއް ދައްކަމުން ދާ އެކަކީ، މި ދުނިޔޭގައި މި ވަޤުތު އޮތް، އަނގަމަތި ހާ، އެންމެ ބޮޑު ޖަލުގެ ގޮތުގައި ސިފަ ކުރާ ޣައްޒާގައި، ކަރަންޓު ސާމާނު މަރާމާތު ކޮށް އުޅޭ މުސްޠަފާ ޢަބްދޫއެވެ.

މި ދުވަސްވަރަކީ މެދުއިރުމަތީގެ ޤައުމުތަކަށްވެސް އާދަޔާ ޚިލާފަށް ހޫނު ގަދަވަމުން ދާ ދުވަސްވަރެކެވެ. އެކަމުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ތަކުލީފަކަށް ވެފައި ވީ ނަމަވެސް، މިކަން ވެފައި ވަނީ މުސްޠަފާގެ އަތުގައި ހިފި ނަޞީބަކަށެވެ. ހޫނު ގަދަ ވާ ވަރަކަށް ފަންކާއަށް ޑިމާންޑް އިތުރު ވާ ވަރަކަށް، ފަތުއަޑު ގޮއްވާލާފައި ކުރިއަށް ދަނީ މުސްޠަފާގެ ވިޔަފާރިއެވެ. ޢުމުރުން 70 އަހަރަށް ވުރެ ދޮށިވެފައި ހުރި މުސްޠަފާ ދަނީ މި ފުރުޞަތުގެ ބޭނުން، އޭނާއަށް ވީ އެންމެ ރަނގަޅަކަށް ހިފަމުންނެވެ.

އިޤްތިޞާދީ ހާލަތު މި ދަނީ ގޯހުން ގޯހަށް. މާލީ ގޮތުން ބޮޑު ތަކުލީފެއް އުފުލަން ޖެހިފަ މި އޮންނަނީ. އެހެންވެ، އަހަރެން މި ބަލަނީ ހަލާކުވެފަ ހުންނަ ފަންކާ ކަހަލަ އެއްޗެހި މަރާމާތު ކޮށްދީ ހަދައިގެން، މީސްމީހުންގެ ދިރިއުޅުމަށް ލުއިފަސޭހަ ކަމެއް ހޯދާދެވޭތޯ. އަހަރެން މި މަސައްކަތް ކުރަނީ، ހަލާކުވެފަ ހުރި ފަންކާތަކަށް އާ ދިރުމެއް ހޯދާ ދީ، މި ގަދަ ހޫނުގަ އުފުލަން ޖެހިފަ އޮތް ވޭން ކުޑަކޮށް، ވައި ތާޒާކޮށްލާދެވޭތޯ.
މުސްޠަފާ ޢަބްދޫ؛ ޓެކްނީޝަނެއް

ޣައްޒާގެ ގޮނޑުދޮށް ސަރަޙައްދުގެ ރެފިއުޖީ ކޭމްޕެއްގެ ތެރޭގައި އޭނާ ހިންގާ ފިހާރާގައި އިން މުސްޠަފާ ކިޔައިދިން ގޮތުގައި، ކަރަންޓު ސާމާނު މަރާމާތު ކުރުމުގެ ވިޔަފާރީގައި އޭނާ ހޭދަ ކުރި މިދިޔަ 40 އަހަރު ދުވަހުގެ ތެރޭގައިވެސް، މިހާ ހޫނު ގަދަވި ދުވަސްވަރަކާ ބައްދަލުވެފައެއް ނެތެވެ.

އަހަރެން މި ވިޔަފާރި ކުރާތާ މިހާރު 40 އަހަރު ވެއްޖެ. ދުވަހަކުވެސް މިހާ ހޫނު ގަދައެއް ނުވޭ. މީހުންނަށް ލުޔެއް ހޯދާ ދޭންވެގެން، ފިހާރަގަނޑު ތެރޭގަ ފަންކާ ހަދަން އަހަރެން މި އިންނަނީ ދާހިއްލާ ފޯވެގެން. ޚުދު އަހަރެންގެ އަމިއްލަ ފަންކާގަނޑު ޖަހާލެވޭކަށްވެސް ނެތް. މީ ތަޙައްމަލު ކުރަން ދަތި، ގަދަ ހޫނެއް. ޣައްޒާއަށް މީގެ ކުރިން މިހާ ހޫނެއް ނުވޭ.
މުސްޠަފާ ޢަބްދޫ؛ ޓެކްނީޝަނެއް

ޣައްޒާގެ ފިނިހޫނު މިން 38 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ވަނީ އަރާފައެވެ. ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އާންމު ކަމަކަށް ވާ އިރު، ގިނަ މީހުން ބަރޯސާ ވަނީ ބެޓެރީ ފަންކާއަށެވެ. މި ސާމާނުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ދާއިމީ ޑިމާންޑެއްވެސް އޮވެއެވެ.

މުސްޠަފާގެ ގާތުން ޚިދުމަތް ހޯދާ ގިނަ މީހުންނަކީ ރެފިއުޖީ ކޭމްޕުގެ ވަޒަންވެރިންނެވެ. ނަމަވެސް، އެހެން ސަރަޙައްދުތަކުގެ މީހުންވެސް އޭނާގެ ގާތުން ޚިދުމަތް ހޯދަން އާދެއެވެ.

ފަންކާތަކެއްގެ މެދުގައި އިށީނދެލައިގެން އިނދެ މީޑިއާއާއި ވާހަކަދައްކަމުން ދިޔަ މުސްޠަފާވެސް އިނީ ދާހިއްލާ ފޯވެއެވެ. ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި އޮތުމުގެ ސަބަބުން، އެ ފިހާރައިގެ ފަންކާ މަސައްކަތް ކުރާ ގޮތް ވެފައި ނުވާތީއެވެ.

މިހާ ގަދަ ހޫނެއް، އަހަރަމެން މި އަހަރު މި ތަޖުރިބާ ކުރަނީ އަދި ހަމަ މުޅިން އަލަށް. އަވަނެއް ތެރޭގަ އެންމެ ފަންކާއެއް ޖަހާލައިގެން ދިރިއުޅޭނެ ގޮތް ޚިޔާލަށް ގެނެސްލަބަލަ ނިކަން. އަހަރެންގެ ޢާއިލާގަ ތިބޭ 7 މެންބަރުން. އެމީހުން ތިބެނީ، އަހަންނަށް ފަންކާ ދޫކޮށްލައިގެން. އެއީ އަހަންނަކީ، ލޭމައްޗަށް ދާ މީހަކަށް ވީމަ. އެކަމަކު، އެކަމާ އަހަރެން ވަރަށް ދެރަވޭ. އެމީހުން އެ ނިދަންވެސް ޖެހެނީ ދާހިއްލާ ފޯވެފަ ތިބެގެން. ހަށިގަނޑުގެ ހޫނުވެސް އާދަޔާ ޚިލާފަށް މައްޗަށް ދޭ ވިއްޔާ.
އީމާން ހިއްޖީ؛ ފަލަސްޠީނު ރައްޔިތެއް

ހިމަ ދިގަށް ދެމިފައި އޮތް ޣައްޒާގެ އާބާދީ 2.3 މިލިއަނަށް ވުރެ މައްޗަށް އަރައެވެ. ޣައްޒާއަކީ މިޞްރާއި އިޒްރޭލުގެ އިތުރުން ފަލަސްޠީނުގެ މައި ސަރުކާރުންވެސް ފިއްތާލާފައި އޮންނަ ސަރަޙައްދެކެވެ.

ޣައްޒާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ހޫނު މޫސުމުގެ ދުވަސްވަރު، ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެން 500 މެގަވޮޓްގެ ކަރަންޓު، ޣައްޒާއަށް ބޭނުންވެއެވެ. ނަމަވެސް އިޒްރޭލު މަގުން ޣައްޒާއަށް ލިބެނީ 120 މެގަވޮޓްގެ ކަރަންޓު ކަމަށް ވާ އިރު، ޣައްޒާގައި ހިންގާ ހަމަ އެކަނި އިންޖީނު ގެއިން އުފެއްދެނީ އެންމެ 60 މެގަވޮޓްގެ ކަރަންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
33%
67%
0%
0%
0%
ކޮމެންޓް