ކ. މާލެ
|
30 ޖުލައި 2023 | އާދީއްތަ 07:47
ޓްރީޓޮޕް ހޮސްޕިޓަލްގެ ސްޕެޝަލިސްޓް އިން ފެމިލީ މެޑިސިން ޑރ.އިބްރާހީމް އިޔާޒް
ޓްރީޓޮޕް ހޮސްޕިޓަލްގެ ސްޕެޝަލިސްޓް އިން ފެމިލީ މެޑިސިން ޑރ.އިބްރާހީމް އިޔާޒް
ރާއްޖޭގައި ވައިރަލް ބަލިތައް ގިނަވުން
ބަލީގެ އަލާމާތްތައް ހުއްޓޭތާ ދެ ދުވަސް ވަންދެން އެންމެ ރަނގަޅީ މީހުން އެއްވާ ތަންތަނަށް ނުދިއުން: ޑރ.އިޔާޒް
 
މި ބަލިތަކަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބަލިތައް، ރައްކާތެރިވުން މުހިންމު
 
މިހާރު ފެތުރެމުންދާ ރޯގާ އާއި ހުމާއި ބޭރަށް ހިނގުން އާއްމުވިތާ ދެ ހަފްތާ ވެއްޖެ
 
ހޮޑުލެވި، ކާ އެއްޗެހި ނުކެވި ގައިގެ ވަރު ދޫވާކަމަށް ވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައި

ބަލީގެ އަލާމާތްތައް ހުއްޓޭތާ ދެ ދުވަސް ވަންދެން އެންމެ ރަނގަޅީ މީހުން އެއްވާ ތަންތަނަށް ނުދިއުންކަމަށް ޓްރީޓޮޕް ހޮސްޕިޓަލްގެ ސްޕެޝަލިސްޓް އިން ފެމިލީ މެޑިސިން ޑރ.އިބްރާހީމް އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާ އާއި ހުމާއި ބޭރަށް ހިނގުމަކީ ވައިރަލް ރޯގަލެއް ކަމަށެވެ. އެގޮތުން މީގެ ދެ ހަފްތާ އެއްހާ ދުވަސްކުރިން އެފަދަ ބަލިތައް އިތުރުކަން ފާހަގަކުރެވެން ފެށިކަމަށާއި ފާއިތުވި ދުވަސްތަކުގައި ބަލި އިތުރަށް ފެތުރުނީ އާއްމުން ގިނައިން އެއްވާ ފަދަ ހަރަކާތްތައް އިތުރުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. މި ބަލިތަކަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބަލިތަކަށް ވުމުން ބަލިވާ މީހާ އެހެންމީހުންނާއި ވަކިކުރުމާއި، ބޮޑުކަމުދާ ތަކެތި ނުވަތަ ހޮޑު ފަދަ ތަކެތި ހޭކޭ ތަންތަން ރަނގަޅަށް ސާފުކޮށް ޑިސްއިންފެކްޓްކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގައިދުރުކަން ބެހެއްޓުމާއި އަތް ދޮވުން ފަދަ އާދަތަކަށް އިސްކަން ދިނުމަށް ވެސް ޑރ. އިޔާޒް ޢިލްތިމާސްކުރެއްވިއެވެ.

އިތުރަށް ޑރ.އިޔާޒް ވިދާޅުވީ ކުރިއަށް އޮތީ ސްކޫލް ހުޅުވޭ ދުވަސްވަރުކަމަށްވުމާ އެކު ބަލީގެ އަލާމާތެއް އެއްވެސް ވަރަކަށް ހުރި ނަމަ ދަރިވަރުން ސްކޫލަށް ނުފޮނުވުމަށެވެ. ހަމައެފަދައިން ބަލި މީހުން މަސައްކަތުގެ މާހައުލަށް ނުކުތުމާއި ވެސް ދުރުހެލިވާން ޖެހޭ ކަމަށާއި ބަލި އެެއްކޮށް ރަނގަޅުވެ ފަސޭހަވެ، އަލާމާތްތައް މެދު ކެނޑޭތާ ދެ ދުވަސް ވަންދެން އާއްމުންގެ ތެރެއަށް ނުނުކުތުމަކީ އެންމެ އެކަށީގެންވާ ގޮތް ކަަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ މި ދުވަސްވަރު އާއްމުން އެެއްވާ ތަންތަނަށް ނުދިއުމަށާއި އާއްމުން އެއްވާ ފަދަ ހަރަކާތްތައް އިންތިޒާމްނުކުރުމަށް ވެސް އިލްތިމާސްކުރައްވާފައެވެ.

ޑރ.އިޔާޒް ވަނީ ބަލި މީހުންނަށް ގޭގައި ވެސް ފަރުވާ ދެވިދާނެކަން ފާހަގަކުރައްވާފައެވެ. އެގޮތުން ހުން އައިސްފިނަމަ ތުނި ފަށަލައަކަށް ވާގޮތަަށް ގައިގައި ފެންފޮތި ލުމާއި، ގިނަގިނައިން ދިޔާ އެއްޗެހި ބުއިމާއި ކާއިރު ސާދާ ކެއުންތައް އިހުތިޔާރުކުރުމަށް އިލްތިމާސްކުރެއްވިއެވެ. އޭގެ ތެރޭގައި އާފަލާއި ބަތް ފަދަ ތަކެތި ބަތްޕެންގޮތަށް ތައްޔާރުކޮށްފައި ކެއުމަށް އިރުޝާދު ދެއްވިއެވެ. އަދި ހޮޑުލެވި، ކާ އެއްޗެހި ނުކެވި ގައިގެ ވަރު ދޫވާކަމަށް ވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު ކަމަށް ވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް