ރާއްޖޭގައި ޖައްސަޖައްސައިގެން ދެ ދައުރު ވެރިކަން ކުރާނެ ފުރަތަމަ ވެރިއަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
"ރާއްޖެ ޓީވީ"ގެ ސިޔާސީ ވެށި ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރާއީ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޮންމެ ރައްޔިތަކު ވެސް ނިންމާ ނިންމުމަކީ ވަރަށް ބޮޑަށް ވިސްނުމަށްފަހު ނިންމާ ނިންމުމަކަށް ވާން ޖެހޭ ކަމަށެވެ. އަބަދުވެސް އެއިރެއްގައި ހުރި ވެރިއެއް ނުވަތަ އެއިރެއްގެ ވެރިކަން ބަދަލު ކުރުމުގެ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫންކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާއީ ވިދާޅުވީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ދުނިޔެއަށް ދިމާވި ކޮވިޑުގެ ބަލިމަޑުކަމާއެކު ވެސް މި ސަރުކާރުން އެކި ދާއިރާތަކުން ރާއްޖެ ނުދެކޭވަރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށްވެސް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެހެންކަމުން ރައީސް ޞާލިހުގެ މި މަސައްކަތްޕުޅުތައް މިއަދު ދިވެހި ރައްޔިތުން ބަލައިގަންނަ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއް ރައްޔިތުން ވެސް ވަރަށް ބޮޑަށް ފުންކޮށް ވިސްނުން. އެއީ މިހާރު ރިޔާސީ ރޭހަށް ނިކުމެ ތިބި ކެނޑިޑޭޓުންނަށް ބަލާއިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ދެވަނަ ދައުރެއް ހޯއްދަވައިދިނުމަކީ ހަމަ ރާއްޖޭގެ ރައްޔިތުންނަށް އަދި ރާއްޖެއަށް ވެސް އޮތް އެންމެ ރަނގަޅު ގޮތް.މުޙައްމަދު ރާއީ / ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު
ރައްޔިތުންގެ މަޖިލީހާ ގުޅޭގޮތުން ރާއީ ވިދާޅުވީ ރިޔާސަތުގައި އިންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގިނަ ކަންކަން މަޖިލީހުގެ އުސޫލާ ޚިލާފަށް ކުރައްވާކަން ރައްޔިތުންނަށް ޖަލްސާތަކުން ފެންނާނެކަމަށެވެ. އަދި މަޖިލީހުގެ ރައީސާއި ނާއިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމި މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންނަށް ލިބޭނެ ބޮޑު ދެރައެއް ކަމަށާއި މިއީ ތާރީހުގައިވެސް މަޖިލީހުގައި މިފަދަ ގޮތަކަށް ކަންކަން ހިނގާ ފުރަތަމަ ފަހަރު ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއީ ވިދާޅުވީ އެމްޑީޕީންނާއި އެ ޕާޓީއަށް ތާއީދު ކުރާ މަޖިލިސް މެންބަރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނަށް ކަމަށާއި މަޖިލިސް ހުއްޓިފައި އޮތުމުން ރައްޔިތުންނަށް ބޭނުންވާ އެތައް ކަމެއް ނުކުރެވޭ ކަމަށެވެ. އަދި މެޖޯރިޓީ އޮތްއިރުގައިވެސް އެމްޑީޕީގެ މެންބަރުން އެކަންކަމާ ކުރިމަތިލަނީ ވަރަށް ކެތްތެރިކަމާއެކުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.