Advertisement
ކ. މާލެ
|
26 ޖުލައި 2023 | ބުދަ 21:06
ބަހާ ކޮމިއުނިޓީ ކޮމްޕްލެކްސްގެ ބިންގާ އަޅަނީ
ބަހާ ކޮމިއުނިޓީ ކޮމްޕްލެކްސްގެ ބިންގާ އަޅަނީ
ހޯރަފުށީ ކައުންސިލް
ބަހާ ކޮމިއުނިޓީ ކޮމްޕްލެކްސް
މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި ހަދާ އެންމެ ވަރުގަދަ އިޖްތިމާއީ މަރުކަޒުގެ ބިންގާ، ހޯރަފުށީގައި އަޅައިފި
ސްޕޯޓްސް ކޮމްޕްލެކްސްގެ އިތުރުން، ޖިމް، ކެފެޓީރިއާ، ޗޭންޖިންގ ރޫމް ފާހާނާ އަދި އިތުރު ތަންތަން މިތަނުގައި ހިމެނޭ
މިތަނަށް 20 މިލިއަން ރުފިޔާ ހަރަދުވާނެ

މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި ހަދާ އެންމެ ވަރުގަދަ އިޖްތިމާއީ މަރުކަޒުގެ ބިންގާ، ހޯރަފުށީގައި އަޅައިފިއެވެ.

މި އިޖްތިމާއީ މަރުކަޒު ނުވަތަ ކޮމްޕްލެކްސްއަކީ އަމިއްލަ ފަރާތަކުން ހޯރަފުށީ ރައްޔިތުންނަށް ކޮށްދޭ އެންމެ އަގުބޮޑު އިންވެސްޓްމަންޓެވެ. މިއީ ރަށުގެ އިންސާނީ ތަރައްގީއަށް ކޮންމެހެންވެސް ބޭނުންވެފައިވާ، އަދި އިޖްތިމާއީ ހަރަކާތަށް ނުހަނު ބޭނުންވެފައިވާ މަރުކަޒެކެވެ. މިތަނަށް 20 މިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާކުރެވޭއިރު، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ އިތުރުން، ޖިމް، ކެފެޓީރިއާ، ޗޭންޖިންގ ރޫމް ފާހާނާ އަދި އިތުރު ތަންތަން މިތަނުގައި ހިމެނެއެވެ.

ބަހާ ކޮމިއުނިޓީ ކޮމްޕްލެކްސްއަކީ ހޯރަފުށީ، މަރުހޫމާ ހާޖަރާ އަހުމަދުގެ އާއިލާއިން ހަދިޔާކުރާ ތަނެކެވެ. މިތަނުގެ ބިންގާ އަޅުއްވައިދެއްވީ އަލްމަރުހޫމާ ހާޖަރާ އަހުމަދުގެ ދެ ބޭފުޅުންކަމުގައިވާ ޒުލައިހާ އަބްދުލް އަޒީޒާއި، މުހައްމަދު އަބްދުލްއަޒީޒެވެ. މި ތަން އިމާރާތްކުރެވިގެންދަނީ އަލްމަރުހޫމާ ހާޖަރާ އަހުމަދާއި، އަލްމަރުހޫމް ބަޑި އަހުމަދު ހާޖީ ކަލޭފާނުގެ ހަނދާނުގައެވެ.

Advertisement

މިި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހާޖަރާގެ ދަރިކަލުން މުހައްމަދު އަބްދުލް އަޒީޒު ވަނީ، ހޯރަފުށިން އެރުވި މެހެމާންދާރީއަށްޓަކައި ފަށްފަށުން ޝުކުރު އަދާކުރައްވާފައެވެ. އަދި އެބޭފުޅުންގެ ކާފަ، އަލްމަރުހޫމް އަހުމަދު ހާޖީއާއި މަންމަ، އަލްމަރުހޫމާ ހާޖަރާ އަހުމަދުގެ ނަމުގައި ކޮމިއުނިޓީ ކޮމްޕްލެކްސްއެއް ނުވަތަ އިޖްތިމާއީ މަރުކަޒެއް އަޅައިދިނުމަށް ނިންމެވީ، ހޯރަފުއްޓަކީ ކާފައާއި މަންމަގެ ފަސްގަނޑަށްވެފައި, އާއިލީ ޒިކުރާ މިފަދަ ބިނާއަކުން އައުކޮށްދޭނެތީ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަރުކަޒުގެ މައި ހޯލު ފަރުމާ ކުރެވިގެންދާނީ އިންޑޯ ގޭމްތައް ކުޅޭވޭގޮތަށް ކަމަށެވެ. އަދި މި މަރުކަޒުގެ ދެވަނަ ފަންގިފިލާ ފަރުމާ ކުރެވިގެންދާނީ އިޖްތިމާއީ އަދި ކުޅިވަރާބެހޭ ބައްދަލުވުންތަކާއި ޓްރެއިނިންގތަކާއި ވޯކްޝޮޕްތައް ބޭއްވޭނެ ޖާގައެއްގެ ގޮތުގައި ކަމަށެވެ. އަދި ހޯލުގައި ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ ގޮތަށް ރައްޔިތުންނާ ހަމައަށް ގެނެސްދޭނީ ކުރެހުންތަކާ އެއްގޮތަށް ކަމުގެ ޔަގީންކަން ދެއްވިއެވެ.

އުއްމީދަކީ ބަހާ ކޮމިއުނިޓީ ކޮމްޕްލެކްސް ލަސްވެގެން 12 މަސް ދުވަސްތެރޭގައި ނިންމާ، ހަވާލުކުރުން. އަދި ބިލްޑިންގުގެ ސްޓްރަކްޗަރަލް މަސައްކަތް މިހާރުވެސް ވަނީ ޗައިނާގަ ފަށާފަ. ބިލްޑިންގ ހަވާލުކޮށްދޭ ފުރިހަމަކޮށްފަ. އެދުމަކީ ކުދި ބޮޑު އެންމެންވެސް މި މަރުކަޒު އެންމެ ފުރިހަމައަށް ބޭނުންކުރުން. އުއްމީދުކުރަނީ ކުޅިވަރަށް އިތުރު ފޯރި އުފެދި، ކުޅިވަރުގެ ހުނަރު ތަރައްގީވުމަށް އިތުރު ހިތްވަރަކަށް ވެގެންދިއުން.
މުހައްމަދު އަބްދުލް އަޒީޒު

ބަހާ ކޮމިއުނިޓީ ކޮމްޕްލެކްސްގެ ނަމުގައި ހުޅުވިގެންދާ މިތަނަކީ ހޯރަފުށީގެ ހިދުމަތްތެރި ދަރިއެއްކަމަށްވާ ބަޑި އަހުމަދު ހާޖީ ކަލޭފާނުގެ ނަމުން ނަންފުޅަށް ނިސްބަތްވާ ތަނެކެވެ. އަދި މިއީ އައިމާ ކުންފުނީގެ ފަރާތުން ކޮށްދޭ ކަމެކެވެ. އައިމާ ކުންފުންޏަކީ އެ އާއިލާގެ އާއިލީ ކުންފުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް