ކ. މާލެ
|
24 ޖުލައި 2023 | ހޯމަ 17:57
ކުރީގެ ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީން
ސޯޝިއަލް މީޑިއާ
ރައީސް ޔާމީން އިންތިޚާބުގައި ވާދަކުރެއްވުން
ކަރެކްޝަންސްގެ އެހީއާއެކު ޔާމީންގެ ކެނޑިޑެސީ ފޯރމް ފުރައި، ޕީޕީއެމްއާ ހަވާލުކޮށްފި
ފޮނުވާ ލިޔެކިއުންތައް ބެލުމުގެ ބާރު ޑައިރެކްޓަރ އޮފް ޕްރިޒަންސްއަށް ލިބިގެންވޭ
ޕީޕީއެމްއަށް ކަރެކްޝަންސްއިން އެހީވަނީ ކޮން އަސާސެއްގެ ދަށުންކަން ހާމަކޮށްފައެއް ނުވޭ
ކެންޑިޑެސީ ފޯމު ފުރުމުގެ ކަންކަމުގައި ޕީޕީއެމްއިން އެ އިދާރާގެ އެހީތެރިކަމަށް އެދިފައިވޭ

2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑަސީ ފޯމްގައި, ކަރެކްޝަނަލް ސަރވިސްގެ އެހީތެރިކަމާއެކު ސޮއިކުރެއްވުމަށްފަހު އެ ފޯރމް އަނބުރާ ޕީޕީއެމްއާ ހަވާލުކޮށްފައި ވާކަމަށް އެ ޕާޓީން ބުނެފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެނޑިޑެސީ ފޯމު ފުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެހީތެރިކަމަށް އެދުނީ ޕީޕީއެމްއިންނެވެ. އާދިއްތަ ދުވަހު ކަރެކްޝަންސްއިން ވަނީ، ލިޔެކިއުންތައް ދައްކަން ދެކޮޅު ހެދުމުން، ޔާމީނުގެ ވަކީލުންނަށް އެމަނިކުފާނާ ބައްދަލުކުރަން ފުރުސަތު ނުދީ އަނބުރާ ފޮނުވާލާފައެވެ. ބައެއް ނޫސްތަކުން ވަނީ އެ ދުވަހު ވެސް ޔާމީނުގެ ވަކީލުން ދިޔައީ ކެނޑިޑެސީ ފޯމު ހިފައިގެންކަމަށް ރިޕޯޓްކޮށްފައެވެ. ނަމަވެސް ވަކީލުން ވަނީ އެކަން ދޮގުކޮށްފައެވެ.

ޖަލުތަކާއި ޕެރޯލް ގާނޫނުގެ 86 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާގޮތުން، ގައިދީންނާއި ބަންދު މީހުންނަށް ލިބޭ، ނުވަތަ އެމީހުން ފޮނުވާ ސިޓީފަދަ ތަކެތި ކިޔައި، އަޑުއަހައި، ރެކޯޑުކޮށް، ބަލައި ފާސް ކުރުމުގެ އިޚްތިޔާރު ޑައިރެކްޓަރ އޮފް ޕްރިޒަންސްއަށް އޮވެއެވެ. އަދި ގައިދީންނަށް ގާނޫނީ ވަކީލާއި، ކޯޓުތަކާއި، ސަރުކާރުގެ އިދާރާތަކާމެދު ސިޓީ ބަދަލުކުރުމުގެ ފުރުސަތު އޮތް ނަމަވެސް، މިގޮތަށް ފޮނުވާ ލިޔެކިއުންތައް ބެލުމުގެ ބާރު ޑައިރެކްޓަރ އޮފް ޕްރިޒަންސްއަށް ލިބިގެންވެއެވެ.

ޔާމީން ކެނޑިޑެސީ ފޯރމްގައި ސޮއިކުރެއްވިނަމަވެސް، ޔާމީނު ވެރިކަމުގައި ހުންނެވިއިރު ޖަލުތަކާއި ޕެރޯލް ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް، އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލުވެރި ފަރާތެއްގެ ގޮތުގައި ހުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. އަދި އެފަދަ ތަންތަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގުވެސް، ހުކުމެއް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެނެއް ނުވެއެވެ. އެހެންކަމުން ޔާމީނުގެ ކެނޑިޑެސީ ފޯމު ފުރުމަށް ޕީޕީއެމްއަށް ކަރެކްޝަންސްއިން އެހީވަނީ ކޮން އަސާސެއްގެ ދަށުންތޯ ރާއްޖެއެމްވީން ސުވާލު ކުރުމުން، އެކަމަށް ކަރެކްޝަންސްއިން ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.

ޔާމީނުގެ ވެރިކަމުގައި އޭރު ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 2018 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތުތައް ބަންދުކޮށްލުމުގެ ގޮތުންކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް