ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް ކަމަށާއި އެކަން އެގޮތަށް ކުރައްވާ ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ ޕީއެންއެފްގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އިސްރާއިލް ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުކޮށް މަޖިލީހަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އަނބުރާ ފޮނުވާލީ ވެސް ޒިންމާ ވާން ބޭނުން ނުވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އިޒްރޭލް ޕާސްޕޯޓް ރައީސްއަށް މަނާކުރެވެން އޮއްވާ މަޖިލީހަށް ފޮނުވީ އެކަން ކުރަން ބޭނުން ނުވާތީ ކަމަށާ އޭގެ ފަހުން 8 މަސް ދުވަސް ވެފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ. ދައުލަތުގެ ރައީސަކަށް ހުންނަ މީހަކަށް ގައުމުގެ މަސްލަހަތާއި ގުޅުން ހުރި ކަންކަމުގައި ޤައުމުތަކަށް ސިޓީފުޅެއް ފޮނުއްވެން ވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އެކަން ކުރަން ކެރިވަޑައިނުގަތުމަކީ ދެރަކަމެއް ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ. ޗާގޮސްގެ މައްސަލަ ދިމާވީ މި ސަރުކާރުގައި ކަމަށް ނުވި ނަމަވެސް މިހާރު ރާއްޖެއިން ގެއްލުނު ކަމަށް ބުނާ ކަނޑު ހޯދަން މަސައްކަތް ނުކުރާ ސަބަބަކީ އެކަމުގެ މާލީ މަންފާތަކެއް ސަރުކާރުގެ އިސް މީހުންނަށް ލިބުން ކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރުގައި ތިބި މީހުން އެކަންކަމާއި މެދު ބަސް ނުބުނަނީ ބިރުން ނޫން ކަމަށާއި އެކަމާއި މެދު ބަސް ނުބުނަނީ މާއްދީ ތަނަވަސްކަމުގެ ސަބަބުން ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ.
ބިރަކުން ނޫން. މި ބޭފުޅުން ބިރެއް ނުގަންނާނެ. މީގަ މިއުޅެނީ މާއްދީ ތަނަސްކަމާއި ގުޅުން ހުރި ކަމެއް.ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރާއްޖެއަށް ކަނޑުގެ ބައެއް ގެއްލުނު މައްސަލައާއި ގުޅިގެން މި ސަރުކާރުން ޢަމަލުކުރަނީ ރަނގަޅަށް ނޫންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއާއި މޮރިޝަސްއާ ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ ބަލަމުންދަނިކޮށް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީން) ނިންމާފައި އޮންނަތާވެސް 5 މަސްވެއްޖެއެވެ.