2018 ވަނަ އަހަރު ވެރިކަން ބަދަލުވި އިރު ދައުލަތުގެ ރިޒާވްގައި 1 ބިލިއަން ޑޮލަރު ހުންނާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށް ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ދާދި ފަހުން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ 2018ގައި ވެރިކަން ބަދަލުވި އިރު ރައީސް ޞާލިހު ބޭނުންކުރައްވަން ނެޓް ރިޒާވްގެ ގޮތުގަ ބޭނުންކުރަން 950 މިލިއަން އެމެރިކާ ޑޮލަރު، އެސްޑީއެފްގަ 150 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ. އަދި އެމްއެމްއޭގެ ޓްރެޝަރީގަ ބޭނުންކުރެވޭ ރިޒަރވްގެ ގޮތުގައި 700-800 އާއި ގާތްކުރާ އަދަދަކަށް ބިލިއަން ޑޮލަރު ހުންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އާދިއްތަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި، އެކަމާއި ގުޅިގެން ސުވާލުކުރުމުން ރައީސް ޞާލިހު ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅަކު އެފަދަ އިތުރުފުޅު ހައްދަވަން ހެޔޮ ނުވާނެ ކަަމަށެވެ.
އެއް ބިލިއަން ޑޮލަރު ރިޒާވްގެ ގޮތުގައި ހުންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވުމުން، ރައީސް ސޯލިޙްގެ ރައްދު: ހެޔޮ ނުވާނެ ރާއްޖޭގެ ވެރިކަން ކުރައްވާފައި ވަޑައިގެންނެވި ބޭފުޅަކު އެކަހަލަ އިތުރުފުޅު ހައްދަވާކަށް. އެމްއެމްއޭއިން އެހެރީ މިހާރުވެސް ފެންނަން. އެމްއެމްއޭއިން އެހެރީ މިހާރުވެސް ފެންނަން. ތިބޭފުޅުން ވަޑައިގެން 2008ގެ ނޮވެމްބަރު މަހު ދައުލަތުގެ ރިޒަރވްގައި ހުރީ ކިހާވަރެއްތޯ ބައްލަވާ. އޭގަ ހުރީ 572 މިލިއަން ޑޮލަރު. ޖުމްލަ އަދަދު. ޔޫޒަބަލް ރިޒަރވްގައި ހުރީ 160 މިލިއަން ޑޮލަރު. މިއީ އަޅުގަނޑު މިތާ އިނދެގެން ބުނާ ވާހަކައެއް ނޫން. އެމްއެމްއޭ އިން އެ ހުރީ ފެންނަން.ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު
ރައީސް ޞާލިހު ވަނީ އެމްއެމްއޭގެ ހިސާބުތަކުން އޭރު ރިޒަރވްގައި ހުރި މިންވަރު ވަރަށް ސާފުކޮށް ފެންނާނެކަން ފާހަގަކުރައްވާފައެވެ. އޭރު ރިޒަރވްގައި ބޭނުންކުރެވޭ ގޮތަށް ހުރީ ދެ މަސް ދުވަހަށް ބޭނުންވާ ފައިސާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. 1 ބިލިއަން ޑޮލަރު ރިޒަރވްގައި ފައިސާގައި ހުރި ކަމަށް ދެކެވޭ ވާހަކަތަކަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެސްޑީއެފްގަ ފައިސާ ހުރި މިންވަރުގެ ގޮތުގައި ރައީސް ޔާމީން ފާހަގަކުރައްވާ މިންވަރާއި ގާތަށް ވެސް އެސްޑީއެފްގައި ފައިސާ ނެތް ކަމަށް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެންނެވި އިރު އެސްޑީއެފްގަ ހުރީ 1.9 ބިލިއަން ރުފިޔާ ކަމަށާއި އޭގެ ތެރެއިން ޑޮލަރުން ހުރީ 130 މިލިއަން ޑޮލަރުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ޞާލިހުގެ ވެރިކަން ނިމުނު އިރު 7.7 ބިލިއަން ރުފިޔާ އެސްޑީއެފް ފަންޑަށް އިތުރުވެފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.