ކ. މާލެ
|
24 ޖުލައި 2023 | ހޯމަ 11:29
ދުނިޔޭގެ ސްކައުޓް ޖަމްބޮރީ ވަފްދާއި ޗީފް ސްކައުޓް އަދި ޗީފް ގައިޑް ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތު
ދުނިޔޭގެ ސްކައުޓް ޖަމްބޮރީ ވަފްދާއި ޗީފް ސްކައުޓް އަދި ޗީފް ގައިޑް ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތު
ރައީސް އޮފީސް
ސްކައުޓް ޖަމްބޮރީ
ކޮންމެ ޙާލަތެއްގައިވެސް ދީނާއި ޤައުމު އިސްކޮށް، އަދަބު އަހުލާޤުގެ އެންމެ މަތީ މިންގަނޑު ހިފަހައްޓަންޖެހޭ: ރައީސް
އެންމެ މުހިންމު ކަމަކީ ދީނީ ވާޖިބުތަކަށް ފަރުވާތެރިވެ، އިސްލާމް ދީނުގެ މަތިވެރި އަޤީދާގެ މަތީގައި ދެމިތިބުން
ދިވެހި ސްކައުޓުންނާއި ގައިޑުންނަކީ މިހާރު ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ހުނަރުވެރި ބައެއް
ބޭރު ޤައުމެއްގައި އުޅޭއިރު އެ ޤައުމެއްގެ އާދަކާދަޔާއި ހަމަތަކަށް އިހުތިރާމު ކުރުމަށްވެސް ރައީސް އެދިވަޑައިގެންނެވި

ކޮންމެ ޙާލަތެއްގައިވެސް ދީނާއި ޤައުމު އިސްކޮށް، އަދަބު އަހުލާޤުގެ އެންމެ މަތީ މިންގަނޑު ހިފަހައްޓަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސްކައުޓް ޖަމްބޮރީ ވަފްދާއި ޗީފް ސްކައުޓް އަދި ޗީފް ގައިޑް ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހި ސްކައުޓުންނާއި ގައިޑުންނަކީ މިހާރު ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ހުނަރުވެރި ބައެއް ކަމަށެވެ.

ދެކުނު ކޮރެއާގައި މިއަހަރު ބާއްވާ ޖަމްބޮރީގައި 170ށް ވުރެ ގިނަ ޤައުމު ބައިވެރިވާއިރު، މިފަހަރުގެ ޖަމްބޮރީގެ ޕްލޭނިންގ ޓީމުގައި ދިވެއްސަކު ހިމެނުމަކީ އެކަމުގެ ހެއްކެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މި ޖަމްބޮރީގައި 339 ސްކައުޓުންނާއި ގާލް ގަޑިއުންނާއި، ލީޑަރުންނާއެކު 421 ބޭފުޅަކު އެބަ ބައިވެރިވޭ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު

ރައީސް އިތުރަށް ވިދާޅުވީ، ސްކައުޓް ޖަމްބޮރީއަކީ ޒުވާނުންނަށް އަމާޒުކޮށްގެން ވަރަށް މުހިންމު މަޤްސަދެއްގައި ބާއްވާ ނުހަނު ބޭނުންތެރި ޙަރަކާތެއް ކަމަށެވެ.

މި ޖަމްބޮރީގައި ބައިވެރިވުމާއެކު ސްކައުޓުންނާއި ގައިޑުންނަށް ވަދެވެނީ މަސްހުނި ސަޤާފަތެއްގެ ތެރެއަށްކަން ފާހަގަ ކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، އެއީ ތަހުޒީބީ ތަފާތު ރަހަތައްވެސް ފެނިގެންދާނެ މުޖުތަމައެއްކަމަށެވެ. އެއީ ޤައުމާއި ދުރުގައި އާއިލާތަކާއި ވަކިން ހޭދަ ކުރަންޖެހޭ ދުވަސްތަކެއްކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

އެހެންނަމަވެސް، މި ހުރިހާ ކަމެއްގެ ތެރެއިންވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަންތައްތަކެއް ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ތާއަބަދު ހިފަހައްޓަންޖެހޭ އާދަތަކެއްވެސް ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ ތެރެއިންވެސް އެންމެ މުހިންމު ކަމަކީ ދީނީ ވާޖިބުތަކަށް ފަރުވާތެރިވެ، އިސްލާމް ދީނުގެ މަތިވެރި އަޤީދާގެ މަތީގައި ދެމިތިބުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ކޮންމެ ޙާލަތެއްގައިވެސް ދިވެހި ޤައުމުގެ އަގު ހިފަހައްޓައި، އަދަބު އަހުލާޤުގެ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބުމަށް ހަނދާން ކޮށްދެއްވާފައެވެ.

ރައީސް ވަނީ ޖަމްބޮރީގެ ބައިވެރިންނަށް އެފަދައިން މަގު ދައްކުވައިދިނުމަށް ލީޑަރުންނަށްވެސް އިލްތިމާސް ކުރައްވާފައެވެ.

އޭގެ އިތުރުން، ބޭރު ޤައުމެއްގައި އުޅޭއިރު އެ ޤައުމެއްގެ އާދަކާދަޔާއި ހަމަތަކަށް އިހުތިރާމު ކުރުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސް ވަނީ ދިވެހިރާއްޖެއަށް ރީތި ނަން ހޯއްދަވައިދެއްވުމަށް ޖަމްބޮރީގެ ބައިވެރިންގެ ފަރާތުން އެދިވަޑައިގެންފައެވެ.

މިފަދަ ކަންކަމުގައި ބައިވެރިވުމަކީ ކުރިމަގަށް ހުޅުވޭ ތަނަވަސް ދޮރެއްކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މިއީ ވަރަށް ގިނަ ފުރުސަތުތައް ފަހިވާ ކަމެއް، އަދި ދިރިއުޅުމުގައި ކުރިމަތިވާނެ އެތައް ކަމެއް ތަޖުރިބާ ކުރުމަށް ލިބޭ ފުރުސަތެއް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު

ރައީސް އިތުރަށް ވިދާޅުވީ، ސްކައުޓް ޙަރަކާތުގެ އެންމެ މުހިންމު އެއް ބޭނުމަކީ ކަންކަމާއި ކުރިމަތިލައި، ދަތި އުނދަގޫތައް ގިރާ ކުރުމުގެ ހިތްވަރާއި ކެތްތެރިކަން ދަސް ކުރުން ކަމަށެވެ.

- ކޮމެންޓް