ކ. މާލެ
|
20 ޖުލައި 2023 | ބުރާސްފަތި 11:08
ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން
ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން
ޓްވީޓަރ
ލިވަޕޫލް
ހެންޑަސަން އަލް އިއްތިފާގަށް ވިއްކާލުމަށް ލިވަޕޫލުން އެއްބަސްވެއްޖެ
ހެންޑަސަން ހޯދުމަށް އަލް އިއްތިފާގުން ލިވަޕޫލަށް 12 މިލިއަން ޕައުންޑު ދައްކާނެ

ލިވަޕޫލްއިން އެ ޓީމަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު ޖޯޑަން ހެންޑަސަން، ސައުދީ ޕްރޯ ލީގުގެ އަލް އިއްތިފާގަށް ވިއްކާލުމަށް ނިންމާފައިވާކަމަށް މީޑިއާތަކުން ބުނެފިއެވެ.

ލިވަޕޫލްގެ ކެޕްޓަންގެ ޒިންމާވެސް އަދާކުރަމުން އަންނަ ހެންޑަސަން، އަލް އިއްތިފާގަށް ވިއްކާލުމަށް އެ ކުލަބުން ނިންމީ، އޭނާ ބޭނުންވެގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. ލިވަޕޫލާއެކު ހެންޑަސަން ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބައޮތެވެ. ހެންޑަސަން ހޯދުމަށް އަލް އިއްތިފާގުން ލިވަޕޫލަށް 12 މިލިއަން ޕައުންޑު ދައްކާނެ ކަމަށްވެސް މީޑިއާތަކުން ބުނެއެވެ. އަލް އިއްތިފާގުން މުސާރައިގެ ގޮތުގައި ހެންޑަސަންއަށް ބޮޑު އަދަދެއް ދޭން ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ހެންޑަސަން އަލް އިއްތިފާގަށް ބަދަލުވާން ނިންމާފައިވާއިރު، ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑް ވަނީ އެ ކުލަބުގެ ކޯޗުކަމާ ހަވާލުވެފައެވެ.

ހެންޑަސަން ލިވަޕޫލަށް ބަދަލުވީ 2011 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން 492 މެޗުގައި 33 ލަނޑު ޖަހާފައެވެ. ލިވަޕޫލާއެކު އޭނާ ވަނީ އަށް ތައްޓެއް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ކަރަބޯ ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ހިމެނެއެވެ. ލިވަޕޫލްގެ ކެޕްޓަން ބޭންޑު ހެންޑަސަންއަށް ލިބުނީ 2015 ވަނަ އަހަރުއެވެ. އެއީ އޭރުގެ ކެޕްޓަން ޖެރާޑް ކުލަބު ދޫކޮށްލުމާއެކުއެވެ.

- ކޮމެންޓް