ދިއްގަރު ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވާނެކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހް، މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް ދެއްވައިފިއެވެ.
އެމްޑީޕީގެ ދިއްގަރު ހަރުގޭގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދިއްގަރަކީ ވަރަށް ފޯރިއާއި ޖޯޝުގައި ސިޔާސީ ހަރަކާތް ހިންގާ ރަށެއް ކަމަށެވެ. ދިއްގަރުގެ ރޫހަށް ބަދަލު ނާންނަކަމަށާއި، އެ ޖޯޝާއި ފޯރި ފެންނަން އެބަހުރި ކަމަށް ވިދާޅުވިއެވެ. ރައީސް ވަނީ ކުރިއަށް އޮތް ދޮޅުމަސްދުވަހު ވެސް އެ ފޯރީގައި ކުރިއަށްދިއުމަށް އެދިވަޑައިގަންނަވާފައެވެ.
ރައީސް ވިދާޅުވީ 2018 ވަނަ އަހަރު ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯ ހިފައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަޑައިގެންނެވި ކަމަށެވެ. ބޭނުމަކީ މުޅި ރާއްޖެ ތަރައްގީކުރެއްވުން ކަމަށާއި، ތަފާތެއް ނެތި ޚިދުމަތް ކުރެއްވުން ކަމަށެވެ. އެކަމަށްޓަކައި ދިއްގަރު ރައްޔިތުންނާވެސް ބައްދަލުކުރެއްވި ކަމަށެވެ. އަދި ރައްޔިތުން އެދެމުންދިޔައީ އުދައިން ރަށް ސަލާމަތްކުރުމަށާއި، ފުރިފައި އޮތް ބިން ކުޑަ ރަށް ހިއްކުމަށް ކަމަށެވެ. އެ ވައުދުފުޅުގެ މަތިން، ރައްޔިތުން އެދުނު ގޮތަށް ސަރުކާރަށް ދިމާވި އެންމެ އުނދަގޫ ދުވަހުވެސް ގޮނޑުދޮށް ހިމާޔަތްކުރުމާއި ބިން ހިއްކުން ފަށައިގަނެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
މުޅި ދުނިޔެ އޮތީ ބަންދުވެފައި ނަމަވެސް، އެ ދަތި އުނދަގުލުގައިވެސް ދިއްގަރަކީ އެކަން ކުރަން ޖެހިފައިވާ ރަށެއް ކަމުގައި ދެކެވަޑައިގެން، ދިއްގަރުގައި އެ މަސައްކަތް ފެއްޓެވިކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއަދާ ހަމައަށް އައިއިރު ދައުލަތުގެ ބަޖެޓުން 150 މިލިއަން ޚަރަދުކޮށްފި ކަމަށާއި، އަދިވެސް އޮތީ ކުރިއަށް ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނުނިމޭކަމަށާއި، ރަށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ނުނިމޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް މި ފެށޭ އޮގަސްޓް މަސް ފެށިގެންދާނީ ބިން ހިއްކައި, ރިވެޓްމަންޓް ޖަހައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ދިއްގަރަކީ މަސައްކަތްތެރި އާބާދީއެއް އޮންނަ ރަށެއް ކަމަށާއި، ސަރުކާރުގެ އަމާޒަކީ މިފަދަ ރަށްރަށް ތަރައްގީކޮށް ދިރިއުޅުން އާބާދުކުރުމަށް ފުރުސަތު ދެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިއްގަރަށް ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި، މަސައްކަތް ފަށާފައިވާ ކަންކަމާއި، ފަށައިގެން ކުރިއަށްދާ ކަންކަންވެސް އެބަހުރި ކަމަށް ރައީސް ވިދާޅުވިިއެވެ.
ދިއްގަރާ ދޭތެރޭގަ އުއްމީދު އެބައޮތް. ދިއްގަރަށް ބޭނުންވާ ކަންކަން ކޮށްދީ ނިންމާނަން. މިރަށަށް ބޭނުންވެފަ ވަނީ ސިއްހީ ޚިދުމަތް ރަށުގަ ތިބެގެން ލިބުން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދައުރުގަ ޒަމާނީ ހޮސްޕިޓަލެއް އަޅާނަން. ހޮސްޕިޓަލުް އަޅާ ނިމެންދެން މަޑެއް ނުކުރާނަން. ސިއްހީ މަރުކަޒުން ޚިދުމަތް ދިނުމަށް އެކްސްރޭ މެޝިނާ މުވައްޒަފުން ފޯރުކޮށްދޭނަން.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު
ރައީސް ވިދާޅުވީ ދަތުރުފަތުރުގެ ޚިދުމަތުގައި ދަތިތައް އެބަހުރި ކަމަށެވެ. އާރުޓީއެލްއަކީ އެކަން ކުރުމަށް ކުރިއަށްގެންދާ މަސައްކަތް ކަމަށާއި، ނަމަވެސް އާރުޓީއެލް ޚިދުމަތް ލިބެންދެންވެސް ވަގުތީގޮތުން 2-3 ހަފުތާތެރޭގައި ލޯންޗް ފެރީގެ ޚިދުމަތް ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ބިން ހިއްކުމަށްފަހު ދެން ބޭނުންވަނީ ބޯހިޔާވަހިކަން ކަމަށާއި، އާބާދީގެ ބޮޑުބައެއް ދިރިއުޅޭނަމަ އެކަންކަން ބޭނުންވާނެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް މެނިފެސްޓޯގައި ފުލެޓް ނުވަތަ ރޯ ހައުސް ހިމަނާފައި ވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޒުވާނުންނަށް ބޭނުންވާ ކަންތަކެއް އެބަހުރި ކަމަށެވެ. ފުޓްބޯޅަ ދަނޑަކީ ބޭނުންވާކަމެއް ކަމަށާއި، ބިން ހިއްކައި ނިމުމާއެކު އެކަން ފަށާނެ ކަމަށެވެ. އަދި ރަނގަޅު ވަސީލަތްތަކާއެކު ޒުވާނުންގެ މަރުކަޒެއް ގާއިމްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިއްގަރަކީ ރަށުގައި ތިބެގެން އާމްދަނީ ހޯދާ ރަށެއް ކަމަށެވެ. ދިއްގަރަށް ބޭނުންވަނީ ފަސޭހައިން ފައިސާނެގޭނެ ނިޒާމެއް ކަމަށާއި، އޭޓީއެމްގެ ޚިދުމަތަކީ ބޭނުންވާ ނިޒާމެއް ކަމަށެވެ. ރައީސް ވަނީ ލިސްޓުގައި ދިއްގަރު އެބައޮތް ކަމަށާއި، ދާދިއަވަހަށް އޭޓީއެމް ބަހައްޓަން މަސައްކަތް ފައްޓަވާނެ ކަމަށް ރައީީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދިއްގަރަށް ބޭނުންވާ ރައްޔިތުން އެދިއެދި ތިބި ކަންކަން ފުއްދަވައިދެއްވާނެ ކަމަށާއި، ދެން އޮތީ މަގުހެދުމުުގެ މަސައްކަތް ކަމަށެވެ. އަދި ކުރިއަށް އޮތް 5 އަހަރުގެ މެނިފެސްޓޯގައި، މަގު ހަދާ ރަށްރަށުގެ ތެރޭގައި ދިއްގަރު ހިމެނިގެންދާނެ ކަމަށާއި، އެދުމަކީ ދިއްގަރު ރައްޔިތުން ކޯލިޝަނާއެކު ތިބުން ކަމަށް ރައީސް ވިދާޅުވިއެވެ.