ރަައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނު ކ އަތޮޅުގެ ތިން ރަށަކަށް ވަޑައިގެންނެވީ ބުރާސްފަތި ދުވަހުއެވެ. މި ދަތުރުފުޅުގެ ތެރެއިން އެންމެ ފުރަތަމަ ވަޑައިގަތީ ކ.ގުޅިއަށެވެ. ރައީސް ވަނީ އެ ރަށުގެ އެމްޑީޕީގެ ހަރުގެ ހުޅުވައިދެއްވާފައެވެ.
އެ ރަށުގެ ކަންމަތީ ބައްދަލުވުމުގައި އާއްމުންނާއި ބައްދަލުކުރައްވާ ރައީސް ވަނީ އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށްޓަވާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ވަނީ އެ ރަށަކީ އޭޓީއެމް ޤާއިމްކޮށްދިނުމަށް އެކުލަވާލާ ލިސްޓުގައި އެންމެ ކުރީގައި ގުޅި ހިމެނޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ދެ ވަނަ ރަށަކަށް ރައީސް ވަޑައިގަތީ ކ.ގުރައިދޫ އަށެވެ. ގުރައިދޫގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ރައީސް ވަނީ އެ ރަށުގެ ރޯ ހައުސް އާއި ފްލެޓް ދިނުމުގެ މަސައްކަތްތައް މެނިފެސްޓޯގައި ހިމަނުއްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޤާނޫނަށް ގެންނަން ޖެހޭ ބަދަލެއް ގެންނަވައިގެން ވެސް އެ ރަށުން ގޯތި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ތިން ވަނަ ރަށަަކަށް ވަޑައިގަތީ ކ.މާފުށްޓަށެވެ. މާފުއްޓަށް ވަޑައިގެން އެރަށުގައި ބުރާސްފަތި ދުވަހުގެ ރޭ ވަނީ އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް ބާއްވަވާފައެވެ. އެޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ މާފުއްޓާއި ރާއްޖޭގެ އެހެން ހިސާބުތަކަށް ވީ ވައުދުތަކުގެ %90 ނިންމީ ދިމާވި ދަތިތަކާއި އެކުގައި ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މާފުށިން ފެންނަ އުފާވެރިކަން ލިބެނީ ރާއްޖޭގައި އޮތް އަމާންކަމުގެ ސަބަބުންކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެ ރަށުގެ ގެސްޓް ހައުސްއާއި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދެވެނީ ރާއްޖޭގައި އޮތް އަމާންކަމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ. އެމްޑީޕީގެ ވެރިކަމާއެކު މިއަދު ރައްޔިތުންނަށް އިހުސާސްކުރެވެނީ އުފާވެރިކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.