ކ. މާލެ
|
13 ޖުލައި 2023 | ބުރާސްފަތި 23:11
ކ. މާފުށީގައި އޮތް އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ރީކޯ ވާހަކަފުޅުދައްކަވަނީ
ކ. މާފުށީގައި އޮތް އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ރީކޯ ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ކުރީގެ ރައީސް ނަޝީދުގެ ވެރިކަން
ބަޣާވާތުގެ ވާހަކަ މިއަދު ދެއްކެން ނެތް ކަމަށާއި "ފްރުޓް ސެލަޑް"އަށް ވެފައި ވާކަމަށް މޫސަ ވިދާޅުވެއްޖެ
މޫސަ ވަނީ ރައީސަށް ދެވަނަ ދައުރެއް ދިނުމަށް އެދިވަޑައިގެންފައި
އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މޫސަ ވަނީ، އޭރު ވެރިކަން ވައްޓާލި ބާޣީން ބޮލަށް ލައިގެން ނަޝީދު ހިންގަވާކަމަށް ވިދާޅުވެފައި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވެއްޓުނުކަމުގެ ވާހަކަ މިއަދު ދެއްކެން ނެތްކަމަށާއި "ފްރުޓް ސެލަޑް"އަށް ވެފައި ވާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މޫސަ ވަނީ، އޭރު ވެރިކަން ވައްޓާލި ބާޣީން ބޮލަށް ލައިގެން ނަޝީދު ހިންގަވާކަމަށް ވިދާޅުވެފައެވެ. އަދި އޭރު ބާޣީންނަށް ގޮވި މީހުންނާ އެކުވެ، އެ ހުރިހާ އެންމެން ފްރުޓް ސެލަޑަށް ވެފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ މި ރެޔައީ "އިން އައުޓް"ގެ ރެޔެއް ކަމަށެވެ. އޭނާއަށް އެމްޑީޕީގެ ޕޯޑިއަމްއަކުން ފުރުސަތު މި ލިބުނީ 9 އަހަރު ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 2014ގައި އެމްޑީޕީގައި ހުންނަވައި އޭނާ ވެރިކަމުގެ ވާހަކަ ދެއްކެވި ހިސާބުން ގޯސްވި ކަމަށެވެ. އަދި އޭނާ އެމްޑީޕީން ބޭރުކޮށްލީ އެ ހިސާބުން ކަމަށްވެސް މޫސަ ވިދާޅުވިއެވެ. މޫސަ މިފަދައިން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑިމޮކްރެޓްސްއަށް މިރޭ ސޮއިކުރެއްވި ކުރެއްވުމަށް އިޝާރާތްކުރައްވެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ގެނައުމުން، އެ ސަރުކާރު ވެއްޓުނީ މާގިނަ ކަންކަމެއް ނުކުރެވި ކަމަށް އޭނާ ވިދާޅުވިއެވެ. އޭރު ބަޣާވާތް އަންނަން މެދުވެރިވި ގޮތް އެނގުނީ މިހާރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ކުރިން އެ ވެރިކަން ނިމުނީ ބަޣާވާތަކުންހެން ހީވިނަމަވެސް އެއީ އޭރު ހީވި ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އަނެއްކާ 2018 ވަނަ އަހަރު މި ސަރުކާރު، މި އިންނެވި ރައީސުލްޖުމްހޫރިއްޔާ ހޮވާ ސަރުކާރު ހަވާލުކުރި. ހަވާލުކުރީމަ ދެން މި އެނގުނީ ކުރީ ފަހަރު ބަޣާވާތް އަންނަން މެދުވެރިވި ގޮތް. ކޮށި ދަނޑު ގެއްލި، މަރިޔަނބު ގެއްލި، ކަތިވަޅި ގެއްލޭ ހިސާބަށް ދިޔައިމަ އަލިފާން ކަހަލަ ރުޅި އައިސްގެން މީހަކު އަޅުގަނޑުމެންގެ ތެރެއިން ދުއްވައިގަތީމަ މި އެނގުނީ ވީ ގޮތް. ބަޣާވާތެއް ނޫންކަން އެއީ. ބަޣާވާތެއް އައިނަމަ ހުރިހާ ބާޣީން ކޮނޑަށް ލައިގެން ނުހިނގާނެ ނޫންތޯ.
މޫސަ

މޫސަ ވަނީ ރައީސަަށް ދެ ވަނަ ދައުރެއް ދިނުމަށް އެދިވަޑައިގެންފައެވެ. ތަރައްގީ އެދޭނަމަ އެއީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް