ކ. މާލެ
|
12 ޖުލައި 2023 | ބުދަ 08:05
އެމްއޭސީއެލްއިން ކެންސަރ ސޮސައިޓީއަށް 100،000 ރުފިޔާ ހަދިޔާ ކުރަނީ
އެމްއޭސީއެލްއިން ކެންސަރ ސޮސައިޓީއަށް 100،000 ރުފިޔާ ހަދިޔާ ކުރަނީ
އެމްއޭސީއެލް
އެމްއޭސީއެލްގެ އެހީ ކެންސަރ ސޮސައިޓީއަށް
އެމްއޭސީއެލް އިން ކެންސަރ ސޮސައިޓީއަށް 100،000 ރުފިޔާ ހަދިޔާކޮށްފި
އެހީ ދީފައިވަނީ ކެންސަރ ސްކްރީނިންގ އެޕްލިކޭޝަނާއި ޑޭޓާބޭސް ތަރައްގީ ކުރުމަށް
ކެންސަރ ސޮސައިޓީން ވަނީ މިހާތަނަށް ކެންސަރުގެ އެކި ބާވަތްތަކަށް 20،900 މީހުންގެ ސްކްރީނިންގ ހަދާފައި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއަށް 100،000 (އެއްލައްކަ) ރުފިޔާ ހަދިޔާކޮށްފިއެވެ.

އަންގާރަ ދުވަހު އެމްއޭސީއެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެ ފައިސާގެ އެހީ ހަދިޔާކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއުއެވެ. އަދި ކެންސަރ ސޮސައިޓީގެ ފަރާތުން ފައިސާއާ ހަވާލުވެވަޑައިގެންނެވީ އެ ޖަމިއްޔާގެ ޓްރެޝަރާ ނީނާ މަންސޫރެވެ.

އެމްއޭސީއެލުން ކެންސަރ ސޮސައިޓީއަށް ދިން މި މާލީ އެހީއަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ދިން އެހީއެކެވެ. މި އެހީ ދީފައިވަނީ ކެންސަރ ސްކްރީނިންގ އެޕްލިކޭޝަނާއި ޑޭޓާބޭސް ތަރައްގީ ކުރުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް މަސައްކަތްކުރުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް ވެސް ބުންޏެވެ.

Advertisement

އެމްއޭސީއެލުން ބުނި ގޮތުގައި ކެންސަރ ސޮސައިޓީން މިހާރު ކެންސަރ ސްކްރީނިންގެ ކަންކަމާއި ޑޭޓާ ބެލެހެއްޓުމުގެ ކަންކަން ކަން ކުރަމުން އަންނަނީ މެނުއަލްކޮށެވެ. ނަމަވެސް އަލަށް ތަރައްގީކުރާ އެޕްލިކޭޝަނާއި ޑާޓާބޭސްގެ ސަބަބުން ޚިދުމަތް އިތުރަށް ފުޅާވެ، ޚިދުމަތްތައް އަވަސްވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ސްކްރީން އެޕްލިކޭޝަންގެ ސަބަބުން ކަރުދާސް ބޭނުންކުރާވަރު މަދުކުރެވި، ދިރާސާތައް ހެދުމަށް ފަސޭހަތައް ވެގެންދާނެ ކަމަށް ވެސް ބުންޏެވެ.

ކެންސަރ ސޮސައިޓީން ވަނީ މިހާތަނަށް ކެންސަރުގެ އެކި ބާވަތްތަކަށް 20،900 މީހުންގެ ސްކްރީނިންގ ހަަދާއިފައެވެ. މީގެ ތެރޭގައި އުރަމަތީގެ ކެންސަރާއި އަނގައިގެ ކެންސަރާއި ސަރވިކަލް ކެންސަރ ހިމެނެއެވެ. އަދި މިއަހަރު އެ ޖަމިއްޔާއިން އަންނަނީ ޕްރޮސްޓޭޓްސް އާއި ކޮލޮރެކްޓަލް ކެންސަރަށް ސްކްރީން ކުރުމުގެ ޚިދުމަތް ވެސް ފެށުމަށް ތައްޔާރުވަމުންނެވެ.

އެމްއޭސީއެލުން މައުލޫމާތު ދޭ ގޮތުގައި އެ ކުންފުނިން ދިން އެހީގެ ސަބަބުން ކެންސަރ ސޮސައިޓީން އާއްމުން ހޭލުންތެރި ކުރުމަށް ކުރަމުން އަންނަ މަސައްކަތަކަށާއި ސްކްރީނިން އަދި ޑޭޓާ ނެގުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ލިބިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް