ކ. މާލެ
|
10 ޖުލައި 2023 | ހޯމަ 18:38
ހަކުރުބަލީގެ މީހުން އިންޑިއާގައި ގިނަ
ހަކުރުބަލީގެ މީހުން އިންޑިއާގައި ގިނަ
އިންޑިއާގައި ހަކުރު ބަލި އޮތް މިންވަރު
"އިންޑިއާ ސަރުކާރު ހޭލައްވާލަން އެބަޖެހޭ... މާދަމާއަށް މަޑުކޮށްފިނަމަ މާ ބޮޑަށްވެސް ލަސްވެދާނެ"
އިންޑިއާގެ އާބާދީގެ 11.4 ޕަސެންޓް މީހުންނަކީ ހަކުރު ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުން
ހަކުރު ބައްޔާ ގުޅުންހުރި އެކި މައްސަލަތަކުގައި 2017 ވަނަ އަހަރާ 2021 ވަނަ އަހަރާ ދެމެދު، އިންޑިއާއިން މަރުވި މީހުންގެ އަދަދު 14400ށްވުރެ މައްޗަށް އަރާ
ދުނިޔޭގެ ނިސްބަތުން ބަލާއިރު ހަކުރު ބަލީގެ މީހުންގެ 17 ޕަސެންޓް ހިއްސާކުރަނީ އިންޑިއާއިން

ގައުމެއްގެ އާބާދީއަށް ބަލާއިރު، ގިނަ ބަޔަކު އެ ބައްޔެއްގެ ވޭނާއި ތަކުލީފުތައް އުފުލަމުންދާ އެއް ބަޔަކީ ހަކުރު ބައްޔެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކާއި ތަރައްގީވަމުންދާ ގައުމުތަކުގައިވެސް މިކަން އޮތީ ހަމަ މި ގޮތަށެވެ. އަވައްޓެރި އިންޑިއާއަކީ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު، "ހަކުރު ބަލީގެ ވެރިރަށުގެ" ލައްގަނޑު ޖެހިފައި އޮތް ގައުމެވެ. އެފަދަ ހާލެއްގައި އޮތް އިންޑިއާއަށް އަނެއްކާވެސް މި ވަނީ ހަކުރު ބަލީގެ އިންޒާރުގެ ރަނގަބީލެއް އަޅާފައެވެ. އެންމެ ފަހުގެ ހޯދުންތައް ދައްކާގޮތުން، އިންޑިއާގެ އާބާދީގެ 10 ބައިކުޅަ 1 މީހުންނަކީ މިއަދު ހަކުރުބަލި ޖެހިފައިވާ މީހުންނެވެ. ދުނިޔޭގައި މި ވަގުތު އޮތް އެންމެ އާބާދީ ބޮޑު ގައުމަކީވެސް އިންޑިއާއެވެ.

ސިއްހީ ދާއިރާގައި ނުފޫޒުގަދަ މަޖައްލާއެއް ކަމަށްވާ ދަ ލޭންސެޓްގައި އާންމުކޮށްފައިވާ ދިރާސާއަށް ބަލާއިރު، އިންޑިއާގެ އާބާދީގެ 11.4 ޕަސެންޓް މީހުންނަކީ ހަކުރު ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންނެވެ. އެއީ ގާތްގަނޑަކަށް 101 މިލިއަނެއްހާ މީހުންނެވެ. މި ދިރާސާއަކީ، އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސަރޗް (އައިސީއެމްއާރް)އިން ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. 2019 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އިންޑިއާގެ އާބާދީއިން ހަކުރު ބައްޔަށް ޕޮޒިޓިވްވެފައިވަނީ 70 މިލިއަން މީހުންނެވެ.

އައިސީއެމްއާރްގެ ދިރާސާގެ އިތުރު ހޯދުންތަކަށް ބަލާއިރު، ހަކުރުބަލި ޖެހުމުގެ ކުރީ މަރުހަލާ ނުވަތަ ޕްރީ-ޑައެބީޓީޒް ސްޓޭޖުގައި އުޅޭ މީހުންގެ އަދަދު 136 މިލިއަނަށް އަރައެވެ. އެއީ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އިތުރުންނެވެ. ދިރާސާގެ އެއް މުސައްނިފު ކަމަށްވާ ޑރ. ވީ މޯހާން ވިދާޅުވި ގޮތުގައި، ހަކުރުބަލީގެ ބަލިމަޑުކަން އަދި ނިމޭކަށް ނެތެވެ. ދެންވެސް އޮތީ އަދަދުތައް މައްޗަށް ދިއުމެވެ.

ޕްރީޑައެބީޓީޒްއަކީ ހަކުރު ބައްޔަށް ބަދަލުވާ މަރުހަލާ. އެހެންވީމަ އޭގެ މާނައަކީ، މި ބަލިމަޑުކަން އަދި ނުނިމެޔޭ. އަދިވެސް އޮތީ އަދަދުތައް އިތުރުވުން. އެއީ، ޕްރީޑައެބީޓީޒް މަރުހަލާގަ ތިބި މީހުން، އިތުރުވެގެން ދާނެ ހަކުރު ބަލީގެ މީހުންގެ ތެރެއަށް. މި އަދަދުތައް އަދިވެސް އިތުރަށް މައްޗަށްދާނެ. މީގެ 10 ވަރަކަށް އަހަރު ފަހުން، މިއަށްވުރެ މާ ބޮޑެތި އަދަދުތަކެއްވެސް ފެނިދާނެ. އެ ގޮތަށް ބަލަންޏާ، މީ ނިދިން ހޭލައްވާލަދޭ، އިންޒާރުގެ ރަނގަބީލެކޭވެސް ބުނެވިދާނެ.
ޑރ. ވީ މޯހާން؛ ދިރާސާގެ މުސައްނިފެއް

ހަކުރު ބަލީގެ ވައްތަރުތަކަށް ބަލާއިރު އިންޑިއާގައި އެންމެ އާންމުވެފައި ވަނީ ޓައިޕް ޓޫ ޑައެބީޓީޒްއެވެ. ރަށްފުށު ހިސާބުތަކަށްވުރެ ބޮޑަށް، ތަރައްގީވެފައިވާ ސަރަހައްދުތަކުގައި ހަކުރު ބަލީގެ މީހުންގެ އަދަދު ގިނަކަންވެސް ދިރާސާގެ ހޯދުންތަކުން ވަނީ ދައްކާފައެވެ.

ހަކުރު ބަލިޖެހުނުކަން އެނގުމުގެކުރިން މަށަކީ ވަރަށް ފިޓްކޮށް، ދުޅަހެޔޮކޮށް ހުރި މީހެއް. އެކަމަކު މިހާރު، މުޅި ދިރިއުޅުން ބަދަލުވެއްޖެ. މުޅި ގައިގަ ރިއްސާ. އެތަންމިތަނަށް ތަދުވޭ. ހަކުރު މައްޗަށް ދާ އިރެއް ވިއްޔާ، ދެފައިގަ ވަރަށް ރިއްސާ.
ޝިވް ކުމާރީ؛ ހަކުރު ބަލީގެ ޕޭޝަންޓެއް

ސިއްހަތަށް ގެއްލުންދެނިވި އާދަކާދައާ ދޯޅަވުމުގެ އިތުރުން، ހެލިފެލިވެއުޅުން މަޑުޖައްސާލުމަކީ ހަކުރު ބަލީގެ ކޭސްތައް އިތުރުވުމަށް މެދުވެރިވެފައިވާ އެންމެ ބޮޑެތި ސަބަބުތައްކަން ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަ ކުރައްވައެވެ. އޮންޑޯކްރޮނޮލޮޖިސްޓް، ޑރ. ސުރެންދުރަ ކުމާރު ވަނީ، ޒަމާނީ ޙަޟާރާތުގެ ތަރައްގީގެ ނަޒަރިއްޔާއިން މިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެންމެ މުހިންމު ކަމަކީ ޙަޟާރާތު ޒަމާނީވުން. ކަސްރަތު ކުރުން މަދުވުން ކަންނޭނގެ އެންމެ މައިގަނޑު ސަބަބަކީ. ނުތަނަވަސްކަމަކީ އަނެއް ސަބަބު. ކޫސަނި ލުއިކާނާތައް އެއީވެސް އިތުރު ސަބަބެއް. އާދަޔާ ޚިލާފަށް ފަލަވެ ބަރުވުން، ނުވަތަ އޮބީސިޓީ ދަނީ އިތުރުވަމުން. ލޭމައްޗަށް ދާ ބަލީގެ މީހުން ދަނީ އިތުރުވަމުން. މި ހުރިހާ ކަމެއްވެސް ދަނީ އިތުރުވަމުން. މި ހުރިހާ ކަމަކާ އެކީ، ހަކުރުބަލީގެ ތަކުލީފުތައް ވަނީ ބޮޑު.
ޑރ. ސުރެންދުރަ ކުމާރު؛ އޮންޑޯކްރޮނޮލޮޖިސްޓް

ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ އެހެން ފަރާތްތަކުން ވަނީ، ހަކުރު ބަލީގެ ހުޅުގަނޑު ފަޅައިގެން ދިއުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުމަށް، އޮފިޝަލުންނަށް ގޮވާލައްވާފައެވެ. ހަކުރު ބަލީގެ ޚާއްޞަ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ރަޖީވް ޗޯލާ ވަނީ، ސަރުކާރު ހޭލަންވެއްޖެ ކަމަށް ވިދާޅުވެފައެވެ.

އެބަޖެހޭ (އިންޑިއާ) ސަރުކާރު ހޭލައްވާލަން. މިކަމުގެ އެންމެ އިސް ޒިންމާއެއް އުފުލަންޖެހޭ ބަޔަކީ، މިކަމާ ގުޅޭ ސިނާއަތްތަކުގެ މީހުންނާ، ހުރިހާ ސްޓޭކްހޯލްޑަރުން. ވަކިން ޚާއްޞަކޮށް، އެންމެ ބޮޑު ޒިންމާއެއް އޮތީ ސިއްހީ ދާއިރާގެ ބޭބޭފުޅުންގެ މައްޗަށް. މިހާރުން މިހާރަށް އަހަރެމެން އެބަޖެހޭ ފިޔަވަޅުތަކެއް އަޅަން. އެ ވަގުތަކީ މީ. މިއަދު ފިޔަވަޅު ނާޅައިފިނަމަ، މާދަމާ، މާ ބޮޑަށް ލަސްވެދާނެ.
ޑރ. ރަޖީވް ޗޯލާ؛ ޑައެބެޓޮލޮޖިސްޓް

އިންޑިއާގެ އާބާދީގެ ބޮޑު ބައެއް މިއަދު އޮތީ ހިތުގެ ބަލިތައް ޖެހުމާއި، ހަށިގަނޑުގެ ގުނަވަންތަކަށް ޖެހޭ ދިގުމުއްދަތުގެ ބަލިތައް ޖެހުމުގެ ނުރައްކަލުގެ ތެރޭގައިކަންވެސް އައިސީއެމްއާރްގެ ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު ހަކުރު ބަލީގެ މީހުންގެ 17 ޕަސެންޓް ހިއްސާކުރަނީ އިންޑިއާއިންނެވެ. ހަކުރު ބައްޔާ ގުޅުންހުރި އެކި މައްސަލަތަކުގައި 2017 ވަނަ އަހަރާ 2021 ވަނަ އަހަރާ ދެމެދު އިންޑިއާއިން މަރުވި މީހުންގެ އަދަދު 14400ށްވުރެ މައްޗަށް އަރައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް